ވޮޝިންޓަން (18 ޑިސެންބަރު 2023): ޔަމަންގައި ވެރިކަންކުރާ ޙޫޘީ ޖަމާއަތުން ރަތްކަނޑުގައި ދަތުރުކުރާ އިސްރާއީލުގެ އާގުބޯޓުތަކަށާއި އިސްރާއީލުގެ ތެޔޮ ބޯޓުތަކަށް ތަކުރާރުކޮށް ހަމަލާތައް ދެމުން ގެންދާތީ ރަތްކަނޑުގެ ސަލާމަތަށްޓަކައި ބައިނަލްއަގްވާމީ އަސްކަރީ ބާރެއް އުފެއްދުމުގެ މަސައްކަތް އެމެރިކާ ފަށައިފިއެވެ.

އިސްރާއީލުގެ އިސްތިއުމާރާއި ޓެރަރިޒަމްގެ އަމަލުތަކަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއިން ބުނީ މިއީ އެމެރިކާ އިސް ނަގައިގެން އުފައްދާ ބައިނަލްއަގްވާމީ ބާރެއްކަމަށާއި މިބާރުގައި ގިނަ ގައުމުތަކެއް ބައިވެރިވާނެ ކަމަށެވެ.

އިސްރާއީލަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިންވަނީ އިސްރާއީލުގައި ހުންނަވައިގެން މިމޭރުމުން ވާހަކަ ދައްކަވައި ބަޔާނެއް ދެއްވާފައެވެ. ރަތްކަނޑުގައި ދަތުރުކުރާ އިސްރާއީލުގެ އެތައް ބޯޓަކަށް ޔަމަންގެ ހޫޘީ ޖަމާއަތުންވަނީ މިސައިލް ހަމަލާތަކާއި ޑްރޯން ހަމަލާތައް ދީފައެވެ. މިކަމުގެ ސަބަބުން އިސްރާއީލުގެ އީލާތު ބަނދަރަށް އަންނަ އާގު ބޯޓުތަކުގެ މިންވަރުވަނީ ވަރަށް ބޮޑަށް މަދުވެ، ބަނދަރު ބަންދުކުރާ ހާލަތަށް ގޮސްފައެވެ.

ހޫޘީންގެ ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ބަނދަރުތަކަށް ދަތުރުކުރާ އާގު ބޯޓުތަކުގެ އިންޝުއަރެންސް އަގުތައްވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

އިންޝުއަރެންސް ފީ ބޮޑުވުމުގެ ނަތީޖާއަކީ އިސްރާއީލަށް ގެންދާ މުދަލުގެ އަގުތައް އިންތިހާއަށް ބޮޑުވެ މާލީ ބޮޑު ގެއްލުމަކާ ޔަހޫދީ އިސްރާއީލު ކުރިމަތިލާން ޖެހުމެވެ.

އިސްރާއީލަށް ނިސްބަތްވާ އާގު ބޯޓަކަށް ހެލިކޮޕްޓަރެއްގައި ޙޫޘީ ހަނގުރާމަވެރިން އަރަނީ

ރިޕޯޓްތައް ބުނާގޮތުން ޙޫޘީންގެ ހަމަލާތަކާ ގުޅިގެން އިސްރާއީލާ ގުޅުންހުރި އާގުބޯޓުތައް މިހާރު ވަނީ މިސްރާބު ބަދަލުކޮށްފައެވެ. މިގޮތުން ސްވޭސް ކެނެލް ބޭނުންކުުރުމުގެ ބަދަލުގައި އެފްރިކާ (ކޭޕް އޮފް ގުޑް ހޯޕް) ވަށާލައި މެޑިޓަރޭނިޔަން ކަނޑުގެ މަގުން އިސްރާއީލުގެ ބަނދަރުތަކަށް ދިޔުމަށް އެބޯޓުތަކުން ދިގު ދަތުރެއް ފަށާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެފްރިކާގެ (ކޭޕް އޮފް ގުޑް ހޯޕް) ވަށާލައި ކުރާ ދަތުރަކީ އެތައް ހާސް ކިލޯޓަރެއްގެ އިންތިހާއަށް ދިގު ދަތުރެކެވެ.

ދަތުރު ދިގުވުމުގެ ސަބަބުން ދަތުރުގެ މުއްދަތު އިތުރުވެ ތެލުގެ ޚަރަދު އިންތިހާއަށް ބޮޑުވެގެންދާނެއެވެ. މިކަމުގެ ސަބަބުން އުފުލާ ތަކެތީގެ އަގުތައްވެސް އިންތިހާއަށް ބޮޑުވާނެއެވެ.

ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތައް ހުއްޓާލަންދެން އިސްރާއީލުގެ އާގު ބޯޓުތަކަށް ހަމަލާތައް ދޭނެކަމަށް ޔަމަންގެ ހޫޘީން ބުނެއެވެ. ހޫޘީން ގެންދަނީ މިހަމަލާތައް ވަރަށް ބޮޑަށް ތަންފީޒުވެސް ކުރަމުންނެވެ.

ހޫޘީންގެ ހަމަލާތަކަށް އިސްރާއީލުގެ ދިފާއުގައި ރައްދު ދޭކަށް އެމެރިކާއަކަށް ނުކުރެއެވެ. މުރާސިލުން ބުނާގޮތުގައި އެމެރިކާ ހޫޘީންނަށް ރައްދު ދޭން ނުކެރެނީ ރައްދު ދޭންފަށައިފިނަމަ ހޫޘީން އެމެރިކާގެ އާގުބޯޓުތަކާއި ތެޔޮ ޓޭންކަރުތަކަށް ހަމަލާދޭނެތީއެވެ. ޙޫޘީންގެ ހަމަލާތައް ފުޅާކޮށްފިނަމަ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ އެމެރިކާއާއި ޔޫރަޕްގެ އިގްތިސާދަށް އޭގެ ގެއްލުން ވަރަށް ބޮޑަށް އަދި އަވަހަށް ކުރާނެތީއެވެ.

ހޫޘީންނަކީ އެމެރިކާގެ އެހީއާއެކު ސައޫދީއާއި ޔޫއޭއީން އެތައް އަހަރެއްވަންދެން ހަނގުރާމަކޮށްފައިވާ ޖަމާއަތަކަށްވާތީ އެމެރިކާ ދޭ ހަމަލާތަކަކުން ކުރިން ނުލިބޭ މާބޮޑު ގެއްލުންތަކެއް ދެން ޙޫޘީންނަކަށް ނުލިބޭނެއެވެ. އަނެއްކޮޅުން އެމެރިކާއަކީވެސް ކިތަންމެ ބާރުގަދަ ނަމަވެސް ވައިގެ މަގުން ހޫޘީންގެ ތަންތަނަށް ބޮންއެޅުން ފިޔަވައި އެހެން މާބޮޑުކަމެއް ޙޫޘީންނާ ދެކޮޅަށް ކުރެވޭނެ ގައުމެއް ނޫނެވެ. ބޮންއެޅުމަކީ ޙޫޘީން މާބޮޑުކަމެއްގެ ގޮތުގައި ބަލާނެކަމެއް ނޫނެވެ. ބޮންއެޅުމަކީ ޙޫޘީންގެ ހަމަލާތަކަށް ހުއްޓުމެއްވެސް އަންނާނެކަމެއް ނޫނެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި ޙޫޘީންގެ ހަމަލާތަކާ ކުރިމަތިލުމަށްޓަކައި ބައިނަލްއަގްވާމީ ބާރެއް އެކުލަވާލުމުގެ ވާހަކަ އެމެރިކާ ދެއްކިނަމަވެސް މިބާރުގައި ނޭޓޯގައި ހިމެނޭ ޔޫރަޕްގެ ގައުމުތައް ފިޔަވައި އެހެން ގައުމަކުން ބައިވެރިވުމަކީ ވަރަށް ނާދިރު ކަމެކެވެ. މިބާރުގައި ސައޫދީއާއި ޔޫއޭއީ ބައިވެރިކުރުމަށް އެމެރިކާ ކުރި މަސައްކަތް ކާމިޔާބުވެފައިނުވާކަމަށްވެސް މުހައްލިލުން ވިދާޅުވެއެވެ.

އެމެރިކާ އެކުލަވާލާ ބާރުގައި ބައިވެރިވުމަށް ސައޫދީއާއި ޔޫއޭއީ ދެކޮޅު ހަދަނީ އެއީ އަލުން ޙޫޘީންގެ ހަމަލާތައް އެދެގައުމަށް އަމާޒުވާނެކަމެއްކަމަށް އެދެގައުމު ދެކޭތީއެވެ. ސައޫދީއާއި ޔޫއޭއީ ގުޅިގެން ޙޫޘީންނާ ދެކޮޅަށް ކުރި ޔަމަން ހަނގުރާމައިން އެއްވެސް ކާމިޔާބެއް އެދެގައުމަށް ލިބިފައެއް ނުވެއެވެ. އޭގެބަދަލުގައި ޙޫޘީންގެ ހަމަލާތައް އެދެގައުމުގެ ތެލާބެހޭ މަރުކަޒުތަކަށްވަނީ އަމާޒުވެފައެވެ.

މިހާރު ސައޫދީއާއި ޔޫއޭއީ، ޙޫޘީންނާ އަލުން އަސްކަރީ ގޮތުން ކުރިމަތިލާކަށް ބޭނުމެއް ނުވެއެވެ. އެދެގައުމު މިހާރު އޮތީ ޔަމަންގައި ކުރި ހަނގުރާމަ ހުއްޓާލާފައެވެ.

ޙޫޘީންނަށް އެހީތެރިވާކަމަށް ބެލެވޭ އީރާނުންވަނީ އެމެރިކާ އިސްވެ އޮވެގެން ރަތްކަނޑުގައި ޙޫޘީންނާ ދެކޮޅަށް އެކުލަވާލަން އުޅޭ ބާރާ ދެކޮޅަށް ފާޑުކިޔާފައެވެ. އީރާން ބުނާގޮތުގައި އެމެރިކާގެ މިމަސައްކަތަކީ ސަރަހައްދުގެ ހަމަޖެހުމާއި ސުލްޙައަށް އޮތް ނުރައްކަލެކެވެ. އެމެރިކާ ކުރަންޖެހޭ ކަމަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި ޓެރަރިޒަމްއަށް ވާގިވެރިވުން ހުއްޓާލުމެވެ.