މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ދަގަނޑު ހޮޅިއެއް ވެއްޓި، މަގުމަތީ ހުރި މީހަކަށް އަނިޔާވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެ ދަގަނޑު ހޮޅި ވެއްޓުނީ ކުރިން ނާދީ ހުރި ބިމުގައި ޓާޓާއިން ހަދަމުން އަންނަ އިމާރާތުގެ މަތިންނެވެ. އެ ދަގަނޑު ހޮޅިން ޖެހި، އަނިޔާވީ ވެމްކޯގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކަށެވެ.

މި ހާދިސާއާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިރޭ 19:29 ހާއިރުކަމަށެވެ. އަދި އަންހެނަކަށް އަނިޔާވެފައިވާކަމަށް ވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށެވެ.

އަދި އިތުރަށް މި ކަން ހިނގައިދިޔަ ގޮތް ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ ހަތަރު އަހަރު ކުރިން މާލޭގައި ވަނީ ކޮންސްޓްރަކްޝަން މަސައްކަތް ހިނގަމުން އައި އިމާރާތެއް މަތިން ސިމެންތި ބަސްތާއެއް ވެއްޓި ބިދޭސީ ކުޑަކުއްޖަކު ނިޔާވާން މެދުވެރިވި ހާދިސާއެއް ވެސް ހިނގައިފައެވެ.

މާލޭގައި އުސް އިމާރާތްތައް ކުރާ ސައިޓުތައް ކޮންމެ މަގެއްގައި ކަހަލަ ގޮތަކަށް ހުރެއެވެ. ތޮއްޖެހި ފުރިބާރުވެފައިވާ ތަނަކަށް މާލެވާއިރު، މި ފަދަ ކޮންސްޓްރަކްޝަން ސައިޓުތައް ގިނަ ފަހަރު ހުންނަނީ ރައްކާތެރިކަން ކަށަވަރުނުކޮށް ދޫކޮށްލައިފައެވެ.

އެގޮތުން އިމާރާތުގެ ބޭރުން ޖަހަންޖެހޭ ނެޓު ދާ ވެސް ބައެއް ސައިޓުތަކުގައި ނުޖަހައި ހުރެއެވެ. އަދި މަތިން ގާ ކޮޅުކޮޅާއި، ކުންޏާއި އެ ނޫން ތަކެތި ވެއްޓޭހެން ވެސް ހުރެއެވެ.