ބޮޑެތި ލުއިތަކާއެކު ގޭގައި، ޖަލު ހުކުމް ތަންފީޒުކުރައްވަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މި ފަހުން ކަރެކްޝަނަލް ސާވިސަސްގައި ދެއްވުމަށް އެދިވަޑައިގެންނެވި ލުޔަކީ ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ހިއްސާކުރުމުގެ ލުއިކަމަށް އެ މަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެއެވެ.

އިތުރު ލުއިތަކެއް ދެއްވަން ރައީސް ޔާމީން އެދިވަޑައިިގެންނެވިއިރު މި ވަގުތު ވެސް އެ މަނިކުފާނު ހުންނެވީ ރަށު ބަންދުގައެވެ. އެހެންކަމުން އެ މަނިކުފާނު ބޭނުންފުޅު ވަގުތެއްގައި މާލޭ ސަރަހައްދުގެ ބޭނުންފުޅު ތަނަކަށް ވަޑައިގަތުމުގެ ފުރުސަތު އޮންނާނެއެވެ.

ނަމަވެސް މީގެ ތިން ދުވަސް ކުރިން، މިދިޔަ އަންގާރަ ދުވަހު ކަރެކްޝަނުން ބުނީ އިތުރު ލުޔަށް ޔާމީން އެދިވަޑައިގެން ނަމަވެސް ގާނޫނު ތަން ނުދޭތީ އިތުރު ލުއި ދެވެން ނެތް ކަމަށެވެ.

ކަރެކްޝަނުން ދެއްކި އެ ވާހަކަތަކާ ގުޅިގެން މިއަދު ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އާދަމް ޝަމީމްވަނީ އެ މަނިކުފާނު ކަރެކްޝަންސްގައި އެދިވަޑައިގެންނެވި ދެ ކަންތައް ހިއްސާކުރައްވައިފައެވެ.

އެގޮތުން އެކްސްގައި އެ ކަންކަން ހިއްސާކުރައްވަމުން ޝަމީމް ވިދާޅުވީ ރައީސް ޔާމީނާއެކު ކަރެކްޝަނުން ވެފައިވާ އެއްބަސްވުމުގެ ދަށުން މަނާ ކަމެއްގެ ގޮތުގައި އޮތީ ޓީވީ ސްޓޭޝަންތަކަށް ގޮސް ޓީވީ ޕްރޮގްރާމްތަކުގައި ބައިވެރިވުން އެކަނިކަމަށެވެ.

އެހެންކަމުން ފަހުން އެދުނީ ރައީސް ޔާމީންގެ އޮފީހަށް ނޫސްވެރިން ގޮސް އެ މަނިކުފާނާ ސުވާލުކުރުމުގެ ހުއްދައަށްކަމަށް ޝަމީމް ވިދާޅުވިއެވެ.

"ނަމަވެސް ފަހުން ހުއްދައަށް އެދުނީ ރައީސް ޔާމީންގެ ގެއަށް ނުވަތަ އޮފީހަށް ނޫސްވެރިއަކު އައިސް ކުރާ ސުވާލުތަކަށް ޖަވާބު ދިނުން ނުވަތަ ބަސްދީގަތުމުގެ ހުއްދައަށް،" ޝަމީމް ފާހަގަކުރެއްވިއެވެ.

އަދި ދެވަނަ ލުޔަކަށް އެދިވަޑައިގަތީ އެ މަނިކުފާނާ ބައްދަލުކުރަން އެދޭ މީހުންނާ ގެކޮޅުގެ ބަދަލުގައި ޕާޓީ އޮފީހުގައި ބައްދަލުކުރުމުގެ ހުއްދައަށްކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ ޕީއެންއެފް

ޕާޓީ އޮފީހަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރުމުގެ ހުއްދައަށް ރަސްމީކޮށް އެދުމުގެ ކުރިން ވެސް ރައީސް ޔާމީން ގެންދެވީ އެ މަނިކުފާނުގެ ސިޔާސީ ޕާޓީ ހިންގަވާ އޮފީހަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.

އެ މައްސަލަ ކަރެކްޝަނުން އައީ ތަހުގީގު ވެސް ކުރަމުންނެވެ. އެ މައްސަލައިގައި މިހާރު ދީފައިވާ ލުއިތައް ވެސް އުވައިލާނެކަމުގެ އިންޒާރު ދިން ނަމަވެސް، ރަސްމީ ފިޔަަވަޅެއް އަދިވެސް ނާޅައެވެ.

ރައީސް ޔާމީން މިހާރު ތަންފީޒުކުރައްވަމުން ގެންދަވަނީ، ވެރިކަމުގައި ހުންނެވިއިރު ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކުރުމުގެ ތުހުމަތުގައި އިއްވި ޖަލު ހުކުމެވެ.

އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ ނިމުމަކާ ގާތްވެފައިވާއިރު، ދެން އޮންނާނީ ހުކުމްކުރުމެވެ. އެކަމަކު، ހުކުމް ކުރާނެ ދުވަހެއް ހައިކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.