24 Dec 2023, 07:31
ކުރިއަށްއޮތް ޖެނުއަރީ ޓްރާންސްފާގައި ކުޅުންތެރިން ހޯދުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ސައުދީ އަރަބިއާގެ އަލް އެތިފާގުގެ ކޯޗު ސްޓީވަން ޖެރާޑް ބުނެފިއެވެ.
ސައުދީ ޕްރޯ ލީގުގައި ވާދަކުރާ އެތިފާގާ މިސީޒަނުގައި ޖެރާޑް ހަވާލުވި ނަމަވެސް، އެންމެ އެދެވޭ ނަތީޖާތަކެއް ހޯދުމަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އެންމެ ފަހުން ކުޅުނު އަށް މެޗުން ވެސް އެތިފާގަށް މޮޅެއް ހޯދިފައެއް ނުވެއެވެ.
މިސީޒަނަށް އެތިފާގު ނުކުތީ ވެސް ވަރުގަދަ ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ސްކޮޑަކާއެކުއެވެ. އެގޮތުން ޖޯޑަން ހެންޑަސަން، ޖޯޖީނިއޯ ވައިނަލްޑަމް، މޫސާ ޑެމްބެލޭ އަދި ޑެމަރައީ ގްރޭ އަކީ މިސީޒަނުގައި އެ ކްލަބާ ގުޅުނު ކުޅުންތެރިންނެވެ. ޖެރާޑް ދެކޭގޮތުގައި އަންނަ ޓްރާންސްފާގައި ވެސް އާ ކުޅުންތެރިން ހޯދަން ޖެހެއެވެ.
"ކުރިއަށްއޮތް ޓްރާންސްފާ އަދި އަންނަ ސީޒަން ފެށުމުގެ ކުރިން އަންނަ ޓްރާންސްފާގައި ވެސް ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހޭ. މިހާރު އޮތް ހާލަތަކަށްވުރެ، ރަނގަޅު ހާލަތަކަށް ގެންގޮސް، ލީގުގައި ވާދަކުރަން ބޭނުން ނަމަ، ކުޅުންތެރިން ހޯދަން ޖެހޭ. ޖެނުއަރީ ނިމޭއިރު، ސްކޮޑު ވަރަގަދަވެ، ވާދަވެރިކަން އޮންނާނެ ކަމަށް އުންމީދުކުރަން،" ނޫސްވެރިންނާ ވާހަކަދައްކަމުން ޖެރާޑް ބުންޏެވެ.
ސައުދީ ޕްރޯ ލީގުގައި އިއްޔެ ކުޅުނު މެޗުގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރު އަތުން 3-1ގެ ނަތީޖާއަކުން އެތިފާގު ވަނީ ބަލިވެފައެވެ. އެ ނަތީޖާއާއެކު އެތިފާގު އޮތީ ކުޅުނު 18 މެޗުން ލިބުނު 24 ޕޮއިންޓާއެކު ލީގު ތާވަލުގެ އަށްވަނައިގައެވެ.