ރާއްޖެއަށް ބިދޭސީން އެތެރެވާއިރު ހަދާ ވޯކް ޕާމިޓް މެޑިކަލްގައި ފައިލޭރިއާ ނުވަތަ ފައިފަލަ ބަލިގެ ސްކްރީނިން ހެދުމަށް މަޝްވަރާކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން މިފަދައިން ބުނެފައި ވަނީ މީގެ ކުރިން ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާ އަނެއްކާވެސް ރާއްޖެއިން ފެނިފައިވަނިކޮށެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. އަހްމަދު އަޝްރަފް ވިދާޅުވީ ވޯކް ޕާމިޓް މެޑިކަލް ހައްދާއިރު މިހާރު ހައްދަނީ ހަމައެކަނި ހެޕަޓައިޓިސް، އެޗްއައިވީ އަދި ޓިއުބަކިއުލޯސިސް ފަދަ ބަލިތަކަށް ކަމަށެވެ.

އެގޮތުން މިހާތަނަށް ފައިލޭރިއާ ސްކްރީން ކުރުމަށް ވޯކް ޕާމިޓް މެޑިކަލްގައި ހިމަނާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންނަމަވެސް ކުރީގަ އަޅުގަނޑުމެން ވާހަކަ ދެކެވުނު މިސާލަކަށް ލެޕްރޮސީ ބަލީގެ ސްކްރީނިން ކުރުމުގެ މަސައްކަތެއް ފެށުމާ ބެހޭގޮތުން. އެހެންނަމަވެސް އަޅުގަނޑުމެންގެ ވޯކް ޕާމިޓްގެ މެޑިކަލް ތެރޭގައި އެބައި ހިމެނިފަކައެއް ނެތް،" އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ، އެގޮތަށް ރާއްޖެއަށް އިމްޕޯޓުވާ ބަލީގެ ކޭސްތައް ދެނެގަތުމަށްޓަކައި ކުރަން އެންމެ ރަނގަޅު ކަމަކީ ވޯކް ޕާމިޓް މެޑިކަލްގައި އެފަދަ ބަލިތަކަށް ސްކްރީނިން ހެއްދޭނެ ނިޒާމެއް އޮތުން ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މަޝްވަރާ ކުރަމުން މިގެންދަނީ މިގޮތަށް ވޯކް ޕާމިޓް މެޑިކަލްގައި މި ހިމެނުން މި ކިހާ މުހިންމު ކަމެއްތޯއާއި އަޅުގަނޑުމެން އިމްޕޯޓުވާ ކޭސްތައް ދެނެގަތުމަށްޓަކައި ވޯކް ޕާމިޓް މެކޭނިޒަމްގެ ތެރެއިން އައިޑެންޓިފައި ކުރެވޭނެ ގޮތް ހޯދުން. އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން މިގެންދަނީ،" އަޝްރަފް ވިދާޅުވިއެވެ.

"އަދި އޭގަ އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑުމެން ރާއްޖެއަށް އިމްޕޯޓުވާ މި ކޭސްތައް ދެނެގަތުމަށްޓަކައި އަޅުގަނޑުމެންގެ ވޯކް ޕާމިޓް މެޑިކަލްގައި ކޮން އުސޫލުތަކެއް ކޮން ގޮތަކަށް ހަމަޖައްސައިގެންތޯ ކުރިއަށްދާނީ ބެލުން."

އަޝްރަފް ވިދާޅުވީ އެ ހުރިހާ ކަމެއް ވެސް މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ފައިލޭރިއާއަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 26އަށް އަރައިފައެވެ.

ނަމަވެސް އޭގެ ތެރޭގައި ދިވެއްސަކު ނުހިމެނޭ ކަމަށާއި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ ހުސް ބިދޭސީން ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެއީ ކުޅުދުއްފުށިން 25 މީހަކާއި ހުޅުމާލެއިން އެކަކެވެ.

"ކިއުލެކްސް ޕައިޕިއެންސް" ކިޔާ ބާވަތެއްގެ މަދިރިއެއްގެ ޒަރީއާއިން ޖެހޭ މި ބައްޔަކީ ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، 12-8 މަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަލާމާތްތައް ފެންނަ ބައްޔެކެވެ.

މިއީ މަދިރިން ފެތުރޭ ބައްޔަކަށް ވުމުން އެންމެ މުހިންމު އެއް ކަމަކީ މަދިރި ކޮންޓްރޯލް ކުރުމެވެ. އެޗްޕީއޭއާއި ހެލްތު މިނިސްޓްރީން ވެސް ވަނީ މަދިރި ފެތުރުން ކޮންޓްރޯލް ކުރުމަށް އިލްތިމާސްކޮށްފައެވެ.