މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް) ހިންގުމަށް ނަގަމުން އަންނަ އިދާރީ ފީ, ފެށޭ އަހަރުން ފެށިގެން ކުޑަކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމައި އެކަން މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި އިޢުލާނުކޮށްފިއެވެ.

އެމްއާރްޕީއެސް ހިންގުމަށް އިދާރީ ފީ ނަގަނީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުންނެވެ.

މިހާތަނަށް ޕްރީ ރިޓަޔާމަންޓް ފަންޑުންނާއި, ޕޯސްޓް ރިޓަޔާމަންޓް ފަންޑުން, އިދާރީ ފީ ގޮތުގައި ނަގަނީ 0.6 އިންސައްތައެވެ. އަލަށް ގެނައި ބަދަލާ އެކު, ދެ ފަންޑުން އިދާރީ ފީ ގެ ގޮތުގައި ނަގާނީ ދެ މިންވަރެކެވެ.

ޕެންޝަން އޮފީހުން މިއަދު ބުނިގޮތުގައި ޕްރީ ރިޓަޔާމަންޓް ފަންޑުތަކުން އަންނަ ހޯމަ ދުވަހުން ފެށިގެން ނަގާނީ އަހަރަކު 0.5 އިންސައްތައެވެ. އަދި ޕޯސްޓް ރިޓަޔާމަންޓް ފަންޑުތަކުން އަހަރަކަށް ނަގާނީ 0.3 އިންސައްތައެވެ.

ޕްރީ ރިޓަޔާމަންޓް ފަންޑުތަކަކީ ޕެންޝަން ލިބޭ އުމުރު ހަމަނުވާ މެމްބަރުންގެ ފައިސާ އިންވެސްޓްކުރެވޭ ފަންޑުތަކެކެވެ. މި ފަންޑުތަކުގައި އިސްކަންދެނީ އިންވެސްޓްމަންޓްތަކުން ނެރެވޭ ނަފާ އިތުރުކޮށް ފައިސާގެ އަގު ހިފެހެއްޓުމަށެވެ.

އިދާރީ ފީ ނެގުމުގެ މަގުސަދަކީ، އެމްއާރްޕީއެސް ހިންގުމުގެ ހަރަދުތައް ހަމަޖެއްސުމެވެ. އެ ހަރަދުތަކުގެ ތެރޭގައި ހިސާބު ބެލެހެއްޓުމުގެ ހަރަދާއި, އިންވެސްޓްކުރުމުގެ ކަންކަމަށްދާ ހަރަދާއި، މާލީ ގޮތުން ކުރެވޭ މުއާމަލާތްތަކާ ގުޅިގެން ހިނގާ ހަރަދާއި، ކަސްޓޯޑިއަންގެ ހަރަދު, އަދި އޯޑިޓްކުރުމަށް ހިނގާ ހަރަދުތައް ހިމެނެއެވެ.

އިދާރީ ފީގެ ގޮތުގައި ނަގާ އަދަދު ވީހާ ވެސް ކުޑަކުރުމަކީ ޕެންޝަން އޮފީހުން އަބަދުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމެއް ކަމަށް އެ އޮފީހުން ބުނެއެވެ.

މިއީ ޕެންޝަން ގާނޫނު ވުޖޫދުވި ފަހުން މި އަދަދު ކުޑަކުރާ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ކުޑަކުރީ 2015، 2017 އަދި 2018 ގައެވެ.

އިދާރީ ފީގެ ގޮތުގައި ނަގާ އަދަދުގެ ތަފްސީލު މެމްބަރުންގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓުގެ ސްޓޭޓްމަންޓުން އެނގެން ހުންނާނެ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ. ސްޓޭޓްމަންޓާއި, އެކައުންޓުގައި ހުރި ފައިސާގެ އެހެން ތަފްސީލުތައް ކޮޝާރު އެޕްލިކޭޝަނުންނާއި, ވެބްސައިޓުން ފެންނާނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

ރިޓަޔާ ކުރުމަށް ފަހު އެހެން މީހަކަށް ބަރޯސާނުވެ އަބުރުވެރިކަމާ އެކު އުޅެވޭނެ މަގު ފަހިކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ އެމްއާރްޕީއެސްގައި ބައިވެރިވުމަކީ، ރާއްޖޭގައި ވަޒީފާއަދާކުރާ އުމުރުން 16 އަހަރާއި، 65 އަހަރާ ދެމެދުގެ ދިވެހިން ގާނޫނުން މަޖުބޫރުކަމެކެވެ. އަދި އަމިއްލަ މަސައްކަތްކުރާ މީހުންނާއި، މަސްވެރިންނާއި، ދަނޑުވެރިން އަމިއްލަ އިހުތިޔާރުގައި އެ ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު އޮވެއެވެ.

އެމްއާރްޕީއެސް އަށް ޖަމާވާނީ އެ މުވައްޒަފެއްގެ ޕެންޝަނަށް ބަލާ މުސާރަ ކަމަށްވާ އަސާސީ މުސާރައިގެ ހަތް އިންސައްތައެވެ. އެ އަދަދު ވަޒީފާދޭ ފަރާތުން ވެސް ޖަމާކުރަން ޖެހޭނެއެވެ.

އެއީ ކޮންމެ މަހަކު ވެސް އެ މުވައްޒަފެއްގެ ނަމުގައި އެމްއާރްޕީއެސްއަށް އަސާސީ މުސާރައިގެ 14 އިންސައްތަ ޖަމާވަމުން ދިއުމެވެ. އަމިއްލަ އިހުތިޔާރުގައި، މިއަށް ވުރެ ބޮޑު އަދަދެއް ޖަމާކުރުމުގެ ފުރުސަތު ވެސް ގާނޫނުން ވަނީ ފަހިކޮށްދީފައެވެ.

އެމްއާރްޕީއެސްގައި ހުންނަ ފައިސާ ކޮންމެ މީހަކަށް ވެސް ލިބޭނީ އުމުރުން 65 އަހަރު ފުރި ރިޓަޔާވުމުންނެވެ. ނަމަވެސް ވަކި ޝަރުތުތަކެއް ހަމަވާ ނަމަ 55 އަހަރުގައި އާލީ ރިޓަޔާމަންޓް ނެގިދާނެއެވެ.

ރިޓަޔާކުރުމުގެ ކުރިން އެ ފައިސާ ބޭނުންކުރެވޭނެ އޮންނަނީ މިވަގުތު ދެ ހާލަތެކެވެ. އެއީ ހައުސިން ޑައުންޕޭމަންޓް ދެއްކުމަށާއި, ފަރުޟު ހައްޖު އަދާކުރުމަށަށެވެ. ނަމަވެސް އެ ދެ ހާލަތުގައި ވެސް އެ ފައިސާ ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން, ވަކި ޝަރުތުތަކާ އެކުއެވެ.