އޭގެ ފަނަރަ މިނެޓްފަހުން ހެންރީއަށް އައީ ފޯނެކެވެ. އެކޮޅުން ބުނެލި ވާހަކައަކުން ހެންރީގެ ފައިދަށުން ބިންގަނޑު ހީވީ ދެމިގެން ދިޔަ ހެންނެވެ.

އިވުނު ޚަބަރާއެކު ހެންރީއަށް އިރުކޮޅަކު ހުއްޓިފައި ހުރެވުނެވެ.

"ނޫން. ނޫން. " ނޭވާ އަވަސްވެފައިވާ ޙާލު ދެފަހަރަކު އެހެން ބުނެލާފައި އޭނާ ގޮސް ސައިކަލަށް އަރައިގެން ދުއްވާލީ ހޮސްޕިޓަލަށް ދިޔުމުގެ ބޭނުމުގައެވެ. ގޮސް ވަތްއިރު އެމަރޖެންސީ ރޫމު ދޮރުމަތީގައި ފުލުހުންނާއެކު އާއްމުންގެ ބައެއް މީހުންވެސް ހަރަކާތްތެރިވަމުން ދިޔައެވެ. ޑޮކްޓަރުންނާއި ނަރުހުން ވަރަށް ބުރަކޮށް ކޮޅުކޮޅު މައްޗަށް ދުވަމުން ދިޔަތަން ފެނުމާއެކު އޭނާ ގޮސް އެމަރެޖެންސީ ތެރެއަށް ވަނެވެ. ބަހަކާއި ކާރަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓުގައި ބައެއް މީހުން މަރުވެ އަނެއް ބައި މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވެއެވެ. ވަރަށް އުނދަގުލުން އޭނާގެ އަންހެނުން އޮތް ބެޑް ނަންބަރު ހޯދައިގެން ހެންރީ ގޮސް ފޮތިގަނޑު ކަހާލާފައި އެތެރެއަށް ވަނެވެ. އޭރު ޑޮކްޓަރުންނާއި ނަރުހުން އޭނާގެ އަންހެނުން އެލިޒެތްގެ ކައިރީގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެންމެންގެ މޫނުމަތިން ވެސް ކަންބޮޑުވުމާއި ހާސްކަން ފާޅުވަމުން ދިޔައެވެ.

"އެލީ… އެލީ…" ހާސްކަމާއެކު ހެންރީއަށް ގޮވާލެވުނެވެ. އެނދާ ކައިރިވީ ވަގުތު ނަރުސްކުއްޖަކު އޭނާ ދުރުކޮށްލަމުން، އެއީ އެލިޒެތްގެ ކާކުތޯ ސުވާލުކޮށްލިއެވެ.

"އަހަރެންމީ އެލީގެ ފިރިމީހާ… " ހެންރީ ބުނެލިއިރު އެ އަޑުގައި މަޑުމަޑު ތުރުތުރު އެޅުމެއް ވެއެވެ. ނިންމަންޖެހޭ ބައެއް ކަންތައްތައް ހުރުމާއެކު ހެންރީ ގޮވައިގެން ނަރުސްކުއްޖާ ހިނގައިގަތެވެ.

އެލިޒެތްގެ ޙާލު އިތުރަށް ދެރަވެ ވެންޓިލޭޓަރަށް ލާން ޖެހުމާއެކު ހެންރީއަށް ހީވީ އޭނާގެ މުޅި ދުނިޔެވެސް ހުއްޓުނުހެންނެވެ. އަމިއްލަ ނަފްސުގެ މައްޗަށް ކުށްވެރި އިޙްސާސްއެއް ކުރެވެމުން ދިޔައެވެ. އޭގެފަހުން އެ އިޙްސާސްއަކީ ހެންރީއާ ވަކިކުރެވޭ އިޙްސާސްއަކަށް ނުވެއެވެ.

********

މަޑުމަޑުން އެލިޒެތްގެ އަތުގައި ހިފާލުމާއެކު ހެންރީ ވާހަކަ ދެއްކިއެވެ.

"އައި އެމް ސޮރީ އެލީ. އެކަމަކު އަހަންނަކަށް އިތުރު ޗޮއިސް އެއް ނެތް. އެލީގެ ފުރާނަ ސަލާމަތް ކުރަން ބޭނުމިއްޔާ އަހަންނަށް ޖެހޭނީ.. އަހަންނަށް ޖެހޭނީ ފުއާދު އެބުނާހެން އެކަން ކުރަން. އަހަންނަށް ޖެހޭނީ ޝާކިރުގެ ދަރިވެސް…ދަރިވެސް…" އެ ހިސާބަށް ބުނެފައި އިތުރަށް ވާހަކަ ކުރިއަށް ގެންދާކަށް ހެންރީއަކަށް ނުކެރުނެވެ. އޭރު އޭނާގެ ޒަމީރު ބުނަމުން ދިޔަފަދައެވެ. ހެންރީއެވެ. ތިޔައީ މުޅީން ގޯސްކަމެކެވެ. މައުސޫމް އިތުރު ފުރާނައެއް ގެއްލުވާލުމުގެ ފާފަ ބޮލުގައި ނާޅާށެވެ. ހިތާ ސިކުނޑީގެ ދެބަސްވުމުގެ ސަބަބުން ހެންރީ ހީވަނީ މޮޔަވެދާނެހެންނެވެ. ދޭތެރެއަކުން އޭނާގެ ކަންފަތް ދޮށުގައި އެލިޒެތްގެ އަޑު ޖެހޭހެންވެސް ހީވެއެވެ.

އެ ހަފްތާގެ ތެރޭގައި ހެންރީއަށް އެއްވެސް ކަހަލަ ހަމަޖެހުމެއް ނުލިބެއެވެ. ވިސްނުންތަކުން ބަރުވަމުން ދިޔަ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. އިތުރު ގޮތެއް ނެތޭ އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ވާގޮތް ނުވުމުން އަމިއްލަ ނަފްސު ދެކެ ހެންރީއަށް ރުޅި އާދެވެން ފެށިއެވެ.

*****

މައާލް މުނީރާއެކު ހޮސްޕިޓަލަށް ދިޔައިރު، ރާދިންވެސް އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް ދިޔައެވެ. ލޮލުގެ ޑިޕާރޓްމެންޓަށް ދިޔައިރު އޭނާ ދިޔައީ މުނީރުމެން ފަހަތުންނެވެ. އެކަން މައާލްއަށް ވެސް އެނގެއެވެ. ފަހަތަށް ބަލާނުލާ ނުހުރެވިގެން އެންމެ ފަހުން މައާލްއަށް ރާދިންއާ ދިމާލަށް ބަލައިލެވިއްޖެއެވެ. ޖީންސްގެ ޖީބަށް އަތް ޖަހާލައިގެން ހިނގަމުން އައި ރާދިންގެ ނަޒަރު ހުރީ ސީދާ އޭނާއަށް ހުއްޓިފައެވެ. އިތުރު ޝުއޫރެއް އެމޫނުމަތިން ފާޅުނުވިއެއްކަމަކު އެ ދެލޮލުން އިންތިހާ ދަރަޖައިގެ ރިހުން މައާލްއަށް ފާހަގަވިއެވެ. އެއާއެކު އޭނާއަށް ރާދިންގެ ލޮލާ ނަޒަރު ވަކިކޮށްލެވުނެވެ. އޭނާގެ ހުރިހާކަމެއްގައި ރާދިން އޭނާގެ ގާތުގައި ހުއްޓެއްކަމަކު، އިޙްސާސްވަމުން ދިޔައީ ދެމީހުން ތިބީ އެތައް ހާސް މޭލެއްގެ ދުރުގައި ކަމެވެ. އެކަކު އަނެކަކަށް ބޭނުން ވިޔެއްކަމަކު ހިތުގެ ރިހުންތަކާއި ލިބުނު ޒަޚަމްތަކާއި ތަކުލީފުތައް އެކަމަށް ތަން ނުދެނީއެވެ. ހިތެއްގައި ލެވޭ ޒަޚަމުގެ ފުންކަމުގެ ވާހަކައަކީ އަޑު އިވޭ ވާހަކައެކެވެ. ލޮލަށް ފެންނަ ޒަޚަމްތަކަށް ވުރެ ނުފެންނަ ގޮތުގައި ލެވޭ ޒަޚަމްތައް ފުހެލަން އުނދަގޫވެފައި އޭގެ އަސަރުތައް ގިނަ ދުވަހު ހުރެއެވެ. އިންސާނާގެ ހިތަކީ ނާޒުކު އެއްޗެކެވެ. ހިތަކަށް ކިތަންމެ ވަރަކަށް ލޯތްބާއި އަޅާލުން ލިބުނެއްކަމަކު، އެޅޭ އެންމެ ކޫރުމެއްގެ އަސަރު އެތައް ދުވަހެއްވަންދެން ދެމިގެން ގޮސްފާނެއެވެ. ނޫނީ މުޅި އުމުރު ދުވަހު އެ ޒަޚަމްތަކުގެ އަސަރު ހިތުގައި ބިންވަޅު ނެގިފައި ހުރެދާނެއެވެ. ލިބޭ ޒަޚަމެއްގެ ސަބަބުން މާފުކުރުމަކީ އުނދަގޫކަމެއްނަމަވެސް، އެ ހިތް އަނެކާއަށް ސާފުނުވާހާ ހިނދަކު ހަޤީޤީ ހިތްހަމަޖެހުން ހިތަށް ނުލިބެނީ ނަފްރަތުގެ މައްޗަށް ހިތުގައި ވާ ލޯތްބާ ކުލުނު ބޮޑުވީމައެވެ. މައާލްއަށްވެސް ވެފައިވަނީ އެފަދަ ގޮތެކެވެ. އެހިތުގައި ރާދިންއަށްޓަކައި ވާ ލޯބި އޭނާއާ ރާދިންއާ ދެމެދު ބާއްވަން ބޭނުންވާ ދުރުކަމާއި ނަފްރަތުކަމަށް ހުރަސްއަޅަނީއެވެ. ލޯބީގެ ހަޤީޤީ މާނަ އޭނާއަށް ދަސްވީ ރާދިންގެ ފަރާތުންނެވެ.

މައާލްއާއެކު، އެތެރެއަށް ވަންނަން ބޭނުންވެ، އެ ވާހަކަ އަހަން ނުކެރިފައިހުރި، ރާދިންއަށް އެހެން އެހުމުގެ ހިތްވަރު ލިބުނީ މައާލް ފަސްއެނބުރި ބަލާލުމުންނެވެ. އަހަން ނާހަން ހުރެފައިވެސް އޭނާ މުނީރަށް ގޮވާލިއެވެ. އަދި ބާރު ފިޔަވަޅުތަކެއްގައި ގޮސް މައާލްމެންނާ އަރާ ހަމަކޮށްލިއެވެ.

"ބައްޕާ… އައިލް ގޯ ވިތް ހާރ" ރާދިން އަވަސް ނަޒަރެއް މައާލްއަށް ވެސް ދިނެވެ.

"ބައްޕާ… އަޅުގަނޑު…." މައާލް މުނީރަށް ބަލާލާފައި އެއްޗެއް ބުނަން އުޅުނު ނަމަވެސް އެކަމަށް ހުރަސްއެޅީ ރާދިން އެވެ.

"ވައި… ކީއްވެ އަހަންނާއެކު ދާން ބޭނުން ނުވަނީ؟ ޔޫ އާރ ސްޓިލް މައި ވައިފް. އައި ހޭވް އީޗް އެންޑް އެވްރީ ރައިޓް އޮންޔޫ… އައި އޭމް ގޮއިން ވިތް ޔޫ. އެންޑް ދެޓްސް އިޓް. ނޯ އެކްސްކިއުޒް." މައާލްއަށް އިތުރު ފުރުސަތެއް ނުދީ ރާދިން ހިނގައިގަތީ ކައުންޓަރާ ދިމާލަށެވެ. އެ މަންޒަރު ބަލަން ހުރި މައާލްގެ ހިތަށް އުފާވެރި އިޙްސާސްއެއް ކުރުވިނަމަވެސް، އެ ވަގުތުކޮޅުވެސް ސަޖާގެ ހަނދާންތައް އޭނާއަށް ވެރިވިއެވެ.

ނަސީބަކުން ގިނައިރު މަޑުކުރާކަށްވެސް ނުޖެހުނެވެ.

"ލެޓްސް ގޯ…" ރާދިން ބުނެލިއެވެ. މައާލްވެސް އިތުރު އެއްޗެއް ނުބުނެ ރާދިންއާއެކު ދިޔައެވެ.

"ނިމުނީމަ ގުޅާލާ އިނގޭ. އޭރުން ބައްޕަ އަންނާނަން." މުނީރު ބުނެލިއެވެ. ރާދިން އާއެކޭ ބުނުމުން މުނީރު ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ދުރަށް ހިނގައިގަތެވެ.

ޑޮކްޓަރުގެ ކޮޓަރިއަށް ވަންނަން ދިޔަ ދެމީހުންނަށްވެސް އެކަކު އަނެކަކަށް ބަލާލެވުނެވެ. ދެހިތަށް ވެސް ވެގެން ދިޔައީ ބަޔާންކުރަން ދަތި ގޮތްތަކެކެވެ. އެތެރެއަށް ވަނުމާއެކު ޖޭމީ ހިނިތުންވެލިއެވެ. އަދި އެެއަށްފަހު އޭނާ މައާލްގެ ލޮލުގެ ޗެކްއަޕް ހެދިއެވެ. އަދި ހުރިހާކަމެއް ވެސް ރަނގަޅުކަމުގައި ބުންޏެވެ. މައާލް ދެން ވާހަކަ ދެއްކީ ކޮޓަރިން ނުކުމެފައެވެ.

"އަހަރެން ބޭނުމެއް ނޫނޭ ބުނީމަވެސް ކީއްވެތަ ތި އަންނަނީ" ހޯލްވޭ ތެރެއިން ހިނގާފައި ދަމުން މައާލް ސުވާލުކޮށްލީ ރާދިންއާ ނަޒަރު ވަކިކޮށްލުމަށްފަހުއެވެ.

"ލޯބިވާތީ…" ރާދިން ޖެހިލުމެއްނެތި ބުނެލިއެވެ.

"ލޯބިވާ މީހުން ކަންތައް ކުރަނީ އެހެންތަ؟" މައާލް އެ ދައްކަނީ ކޮށް ވާހަކައެއްކަން ރާދިންއަށް އެނގުނުނަމަވެސް، އޭނާ އެއަށް އެއްޗެއް ނުބުނެއެވެ.

"ކީއްވެހޭ އައީ…؟" ރާދިންގެ ހިމޭންކަން މައާލްއަށް އުނދަގޫކުރުވަނީއެވެ. އޭނާގެ ނަފްސުގައިވަނީ ބުނެދޭން ނޭނގޭ ފަދަ އުނދަގޫކަމެކެވެ.

"ލޯބިވާތީއޭ މިބުނީނު…" ރާދިން އަނެއްކާވެސް ބުންޏެވެ.

"ރާދިން ނުޖެހޭނެ އަންނާކަށް. ރާދިންއަކަށް…" މައާލްއަށް ބުނެވުނީ އެވަރަށެވެ. ރާދިން ޖެހި ލުތްކާއެކު މައާލް އޭނާއާ ކައިރިކޮށްލިއެވެ. އެއާއެކު މައާލް ބުނަން އުޅުނު ޖުމަލް ވެސް އަރުތެރޭގައި ތާށިވިއެވެ. އޭނާއަށް ރާދިންގެ ދެލޮލަށް ބަަލަހައްޓައިގެން ހުރެވުނީއެވެ. އަޑުގައި ހަރުކަށިކަން ކޮންމެވެސް ވަރަކަށް އެކުލެވުނު ނަމަވެސް، އެ ދެލޮލުގައި ވަނީ ވޭނެވެ.

"އަހަންނަށް އަދިވެސް މައާލްގެ މައްޗަށް ހައްޤު އެބައޮތް. ތީ އަހަރެންގެ އަންހެނުން. އަހަރެންމީ މައާލްގެ ފިރިމީހާ. އަނބިމީހާގެ މައްޗަށް ފިރިމީހާއަށް ވުރެ ބޮޑަށް އެހެންމީހަކަށް ބާރެއް ނުފޯރުވޭނެ. މައާލް ބުނިހާ އަވަހަކަށް އަހަރެން މައާލް ވަރިކޮށްދޭނަން. މައާލް ބުނޭ…. އެންމެ ފަހަރަކު ބުނޭ ވަރިކޮށްދޭށޭ… މިހާރު… މިހާރު މިވަގުތު ބުންޏަސް… އަހަރެން… އައި… އައި ވިލް ޑިވޯސް ޔޫ… ޖަސްޓް. ޖަސްޓް ސޭ އިޓް." ރާދިންއަށް އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން އުނދަގޫވިއެވެ. ރިހުމާއި ވޭން އެކުލެވުނު އެ އަޑު ތަންކޮޅެއް ބާރުވީނަމަވެސް، އެ އަޑުގައިހުރި ވޭނާ ކެކުޅުން މައާލްއަކަށް ވެސް ސިއްރެއް ނުވިއެވެ. ރާދިންގެ އެ ބަސްތަކާއެކު އޭނާގެ ހިތް ހީވީ ގެނބިގެން ދިޔަ ހެންނެވެ. އެވަގުތު އޭނާގެ ދުލުގައި ހީވީ ތަޅެއްލެވުނު ހެންނެވެ. ރާދިންގެ އަޑުން ފާޅުވި ޔަޤީންކަމުން އެކަނިވެސް އޭނާގެ ހިތުގެ ހިނގުން ހީވީ މަޑުޖެހިލިހެންނެވެ.

"ޔޫ ޑޯންޓް އަންޑަރސްޓޭންޑް ހައު މަޗް އައި ލަވްޔޫ… ޔޫ ޑޯންޓް ނޯ ހައު މަޗް އިޓް ހާރޓްސް. އެންމެ ފަހަރަކުވެސް އަހަރެންގެ މި ދެލޮލަށް ބަލާފަ ބުނެބަލަ އަހަރެން މައާލް ދެކެ ލޯތްބެއް ނުވެޔޭ. އަހަރެން މައާލްގެ އިޙްސާސްތަކާ ކުޅެނީ އޭ… އެރޭ އެ ހިނގި އެއްވެސް ކަމެއް އަހަރެންގެ ހަނދާނުގައި ނެތްކަމާއި އެ ގުޅުން އަހަރެން ނިންމާލިކަމަށް ބުނާ ބުނުން އަހަންނަށް އެނގޭ މައާލް ގަބޫލުނުކުރާނެކަންވެސް. އަދި… އަހަންނަށް އެނގޭ ބައްޕަވެސް އެކަން ގަބޫލުނުކުރާނެކަން. އަހަންނަށް އެނގޭ ކުށެއް ކުރެވުނުކަން. އެކަމަކު އެ ކުށް ރިއަލައިޒް ވީ ހިސާބުން އަހަރެން އެކަންތައް ހުއްޓާލިން. އިތުރަށް މައާލްއަށް މިހުރިހާކަމެއް ޔަޤީންކޮށްދޭނެ ގޮތެއް އަހަންނަކަށް ނޭނގެ. ޕްލީޒް… ޖަސްޓް… ޕްލީޒް ބިލީޒް މީ ވަން ލާސްޓް ޓައިމް. އައި ވިލް ޕްރޫވް އިޓް ޓު ޔޫ ދެޓް އައި ލަވްޔޫ… " ރާދިންއަށް އާދޭހުގެ ރާގެއްގައި ބުނެވުނެވެ. އޭނާގެ ދެ ލޮލުގެ ތެރެއިން ފާޅުވި ވިދުމަކީ ކަރުނަކަން މައާލްއަށް އެނގުމާއެކު އޭނާ ރާދިންގެ ލޮލާ ނަޒަރު ވަކިކޮށްލިއެވެ. އެކަމާ ބެހޭގޮތުން ރާދިންއާ ވާހަކަ ދައްކަން އޭނާގެ ޒަމީރު ގޮވަން ފެށިއެވެ. އެހެންނަމަވެސް، ހިތުގެ ގޮވުމަށް އިޖާބަ ނުދީ މައާލް އިސްކުރީ ސިކުނޑީގެ ބަހެވެ.

"ޖަސްޓް ޑިވޯ…." މައާލްއަށް އެހިސާބަށް ބުނެވުނުތަނާ ރާދިން މައާލް ދުރުކޮށްލިއެވެ. މައާލް ބުނަން އުޅުނީ ކީކޭކަން އޭނާއަށް އެނގެއެވެ.

"ތީތަ މައާލް ބޭނުންވާ ގޮތަކީ؟" ރާދިން ޔަޤީން ކުރަން ބޭނުންވާ ފަދައެވެ. މައާލްގެ އެ ހިތް ހަރުކަން އޭނާއަށް ގަބޫލުނުކުރެވެނީއެވެ. އެއީ އޭނާގެ އުފާތަކަށް އިސްކަން ދީ އޭނާދެކެ އިންތިހާއަށް ލޯބިވީ މައާލްހެއްޔެވެ؟ ފަސް އެނބުރިފައި ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން ރާދިން ފުންނޭވާއެއް ދޫކޮށްލިއެވެ.

"އަހަރެން މިދަނީ ބޭރަށް. އާދޭ…" އެހުރިގޮތަށް ހުރެ ރާދިން ބުންޏެވެ. ވަރިކުރާ ވާހަކަ ބުނި ނަމަވެސް، އެއީ ކިހާ އުނދަގޫކަމެއްކަން އެނގެނީ އެ ޙާލަތެއް އައިސް ބައްދަލުވުމުންނެވެ. މައާލް ވަރިކުރުމަކީ އޭނާއަށް ކިހާ އުނދަގޫކަމެއްކަން މައާލްއަށް އެނގޭނެނަމައެވެ. އޭނާގެ ނަޒަރުން ކަންތައްތައް ހިނގަމުންދާ ގޮތް މައާލް ބަލައިލާނެނަމައެވެ.

މައާލް ރާދިންގެ ފަހަތުން ހިނގައިގަތްއިރު، އޭނާއަށް ނޭނގުނުކަމީ އެ ދެމީހުންގެ ހުރިހާ މަންޒަރެއް ހެންރީއަށް ފެނުނުކަމާއި ހެންރީ ދިޔައީ އެމީހުން ހޮސްޕިޓަލަށް އައުމުގެ ކުރިން ފަށައިގެން ފާރަލަމުން ކަމުގައެވެ.

ރާދިން ބޭރަށް ނުކުމެފައި މުނީރަށް ގުޅާލިއެވެ.

"ބައްޕަ އެބަ ދަން އިރުކޮޅަކުން." މުނީރު ބުނެލިއެވެ. ރާދިން އާއެކޭ ބުނެލާފައި ފޯނު ބޭއްވިއެވެ. ބޭރަށް ނުކުމެފައި ހޮސްޕިޓަލްގެ އެއްފަރާތުގައި ހައްދާފައިވާ ބަގީޗާއަށް މައާލް ނުކުމެލުމާއެކު ރާދިންވެސް އޭނާގެ ފަހަތުން ދިޔައެވެ. އޭރު ދެމީހުންގެ ސިކުނޑީގައިވެސް ވަނީ ދެންމެ ދެކެވުނު ވާހަކަތެކެވެ. މައާލް ގޮސް ބެންޗެއްގައި އިށީނެވެ. އޭނާގެ ނަޒަރުވެސް ތަންކޮޅެއް ދުރުގައި ހުރި ރާދިންއަށް އިރުއިރުކޮޅަކާ ހުއްޓެއެވެ. ރާދިންވެސް ހުރީ މައާލްއަށް ބަލަހައްޓައިގެންނެވެ. ގަހެއްގައި ލެނގިލައިގެން ހުރިއިރު، އޭނާގެ ވިސްނުންވެސް ހުރީ މައާލްއާ ގުޅިފައެވެ. އެ ދެމީހުންގެ ޙަޔާތަށް އައިސްފައިވާ ކޮޅިގަނޑާ ގުޅިފައެވެ. ދުނިޔޭގައި ކަންތައްތައް ބަދަލުވެގެން ދަނީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. އެއީ ދުނިޔޭގެ އުސޫލާ ފިތުރަތެވެ. ބައެއް ކަންތައްތަކަކީ ތިމާ ހިތް އެދުނު ނަމަވެސް ނުވާނެ ކަންތައްތައްކަމުގައި ގަބޫލުކުރަން ޖެހެއެވެ.

ޕާކުތެރެވެސް ފިނިކަމުން މީހުންވެސް އެހާ މަދެވެ. މައާލްގެ ހަރަކާތްތަކަށް ފާރަވެރިވެ ހުރި ހެންރީއަށް ފުރުސަތު ލިބުމާއެކު އޭނާ މަޑުމަޑުން އެ ދިޔާމަށް ހިނގައިގަތެވެ. ތަންކޮޅެއް އެތެރޭގައި ހުރި ބެންޗެއްކަމުން ސީސީޓީވީ ފުޓޭޖްއަކަށް ވެސް އެ ހިސާބު ނާރާނެކަން އޭނާއަށް އެނގެއެވެ. ޖީބުގައި އޮތް ވަޅި ނަގާފައި އޭނާ އެ ވަޅިއަށް ބަލާލިއެވެ.

"ސޮރީ އެލީ… އެލީއަށްޓަކާ މިކަންތައް މިގޮތަށް ކުރަން އަހަންނަށް މަޖުބޫރު." އަމިއްލަ ނަފްސަށް ބުނެލި ފަދައަކުން ވައި އަޑުން ހެންރީ އޭނާގެ އަމިއްލަ ނަފްސަށް ބުނެލިއެވެ.

މާހިލް ގުޅުމުން މައާލްއަށް ބަލަހައްޓައިގެން ހުރެފައި ރާދިންވެސް އެއްފަރާތަކަށް ޖެހިލީ ރޭންޖްގައި މައްސަލައެއް އުޅޭތީއެވެ. އޮފީހުގެ ފަރާތުން ހަދާފައިވާ އެއްބަސްވުންތަކަކާ ބެހޭގޮތުން ވާހަކަ ދައްކާލަން މާހިލް ބޭނުންވުމުން، ކަމުގެ މުހިންމުކަމުން ލަސްނުކެރެވެން ވެސް ނެތުމާއެކު ރާދިންވެސް ބޭނުންވީ އެވަގުތު ކަންތައްތައް މާހިލްއަށް އޮޅުން ފިލުވާލަދޭށެވެ.

"ރާދިން! އަނެއްކާ ބިޒީ ގަޑިއެއްތަ؟" މާހިލް ސުވާލުކޮށްލިއެވެ.

"ނޫނެކޭ. ކިޔާބަލަ." ރާދިން ބުނެލިއެވެ. އޭނާ އަދިވެސް އެއްފަހަރު މައާލްއަށް އަވަސް ނަޒަރެއް ދީފައި ތަންކޮޅެއް ދުރަށް ޖެހިލިއެވެ.

ތަންވަޅުބަލާފައި ހެންރީ ވަޅި ހިފައިގެން މައާލްއާ ދިމާލަށް ހިނގައިގަތެވެ.

(ނުނިމޭ)