27 Dec 2023, 07:45
ބަތަލާ ޝެފާލީ ޝާހް ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތުރީ އޮފް އަސް" މި މަހުގެ 29ވަނަ ދުވަހު ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒްކުރަން ނިންމައިފިއެވެ.
ޝެފާލީގެ އިތުރުން ޖައިދީޕް އަހްލާވަތާއި ސްވަނަންދު ކިރްކިރޭ މުހިއްމު ރޯލަކުން ފެންނަ މި ފިލްމަކީ، ޑައިރެކްޓަރު އަވީނާޝް އަރޫންގެ ފިލްމެކެވެ.
މެދު ޢުމުރެއްގެ އަންހެނެއްގެ ޒަވާޖީ ޙަޔާތުގެ ވާހަކަ ކިޔައިދޭ މި ފިލްމު އެންމެ ފުރަތަމަ ޕްރިމިއާ ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އިންޑިއާގެ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައެވެ. މިދިޔަ އަހަރުގެ ފިލްމު ފެސްޓިވަލްގައި ފިލްމު ޕްރިމިއާ ކުރުމާ އެކު ފިލްމު ބަލާލުމަށް ވަރަށް ގިނަ ބަޔަކު އައީ އިންތިޒާރުކުރަމުންނެވެ.
ބަތަލާ ޝެފާލީ އަކީ ކުޅޭ ކޮންމެ ފިލްމެއްގައި ވެސް ވަރަށް ފުރިހަމަ ހުށަހެޅުމެއް ދައްކައިދޭ ބަތަލާއަކަށް ވުމުން ހާއްސަކޮށް އަންހެނުންގެ މެދުގައި ޝެފާލީއަކީ ވަރަށް މަގުބޫލު ބަތަލާއެކެވެ.

ފިލްމު "ތުރީ އޮފް އަސް"ގެ މަންޒަރެއް-- ފޮޓޯ/ ޓެލެގްރާފްއިންޑިއާ
ނެޓްފްލިކްސްއިން ގެނެސްދެމުން އަންނަ "ދެއްލީ ކްރައިމްސް"ގެ ވެސް ލީޑިންގް ބަތަލާ އަކީ ވަރަށް މިނިވަންކަމާ އެކު އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ފިލްމީ ދާއިރާގައި ސާބިތުކަމާ އެކު ދެމިހުރި ބަތަލާއެކެވެ.
އަބަދު ވެސް ވަރަށް އާދަޔާ ޚިލާފު ވާހަކަ ތަކެއް ސިނަމާއަށް ހުށަހަޅައިދޭން ތައްޔާރަށް ހުންނަ ބަތަލާ ބުނީ، "ތުރީ އޮފް އަސް"އަކީ ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެއް ކަމަށް ގަބޫލުކުރެވޭ ކަމުގައެވެ. މިހާ ގިނަ ދުވަސް ވަންދެން ބެލުންތެރިން އިންތިޒާރުގައި ބޭތިއްބުނީތީވެ އެކަމަށް މަޢާފު ކޮށްދިނުމަށް ވެސް ބަތަލާ ވަނީ ބެލުންތެރިންގެ ކިބައިން އެދިފައެވެ.
ބަތަލާ ޝެފާލީ އަންނަނީ ނެޓްފްލިކްސްގެ ކާމިޔާބު ސީރީސް "ދެއްލީ ކްރައިމްސް"ގެ އާ ވެބް ސީރީސްގެ މަސައްކަތް ކުރަމުންނެވެ.