ބޮލީވުޑްގެ އުއްމީދީ ބަތަލާ ތުރިޕްތީ ދިމްރީ ކާމިޔާބު ފްރެންޗައިސް "އާޝިޤީ3"އަށް ސޮއިކުރި ކަމަށް ބުނެ މީޑިއާއިން ފަތުރަމުންދާ ޚަބަރު ފިލްމުގެ ޕްރޮޑިއުސަރު ދޮގު ކޮށްފިއެވެ.

ފިލްމުގެ ސްކްރިޕްޓާއި މިއުޒިކު ތައްޔާރު ނުވަނީސް ފިލްމާ ގުޅޭ އެއްވެސް ކަމެއް ފައިނަލް ނުކުރާނެ ކަމަށް "އާޝިޤީ3"ގެ ޕްރޮޑިއުސަރު މުކޭޝް ބަޓް ވަނީ ބުނެފައެވެ.

ފިލްމު "އާޝިޤީ" ފްރެންޗައިސް ގިނަ ބަޔަކު މިހާރު ބޭނުން ކުރަމުން އަންނަނީ ފައިސާ ހޯދުމުގެ ޕްރޮޑަކްޓެއްގެ ގޮތުގައި ކަމަށާ އެކަން ބަލައި ނުގަނެވޭނެ ކަމަށް މުކޭޝް ބަޓް ވަނީ ބުނެފައެވެ. ފިލްމުގައި ބަތަލާގެ ރޯލަށް ހަމަޖެހުނުކަމަށް މީޑިއާތަކުން ބުނެފައިވާ ތުރިޕްތީ ދިމްރީއާ ދުވަހަކު ވެސް ބައްދަލުވެފައިނުވާ ކަމަށާއި ފިލްމުގެ ކާސްޓުންގެ ތެރެއިން ހަމަޖެހުނު ހަމައެކަނި ތަރިއަކީ ކާތިކް އާރްޔަން ކަމަށް މުކޭޝް ބަޓް ބުނެފައިވެއެވެ.

ފިލްމު "އާޝިޤީ2"ގެ މަންޒަރެއް-- ފޮޓޯ/ ބޮލީވުޑް ހަންގާމާ
ބަތަލާ ތުރިޕްތީ ދިމްރީ ފިލްމަށް ގެނައި ޚަބަރު ފެތުރުމުގެ ކުރިން ބަތަލާ ތާރާ ސުތާރިއާ "އާޝިޤީ3"އަށް ހަމަޖެހުނު ކަމުގެ އަޑުވެސް ފެތުރުނެވެ. އެހެން ނަމަވެސް ތާރާ ވަނީ އެ ޚަބަރުތައް ދޮގުކޮށްފައެވެ.

ފިލްމު "އާޝިޤީ"އަކީ 1990ވަނަ އަހަރު ރިލީޒްކޮށް، ބޮޑު ހިޓަކަށްވި ވަރަށް ރީތި ލޯބީގެ ފިލްމެކެވެ. ފިލްމުގެ ވާހަކައާ އެއްވަރަށް ފިލްމުގެ މިއުޒިކަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. ފިލްމުގެ ދެވަނަ ބައި ކަމަށްވާ "އާޝިޤީ2"އަށް ވެސް އާއްމުންގެ ބޮޑު މަގުބޫލެއް ލިބިފައިވާއިރު މި ދެ ފިލްމުގެ ލަވަތަކަކީ މިހާރު ވެސް ގިނަ ބައެއްގެ މެދުގައި މަޤުބޫލު ލަވަތަކެކެވެ.