ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފް، މޮންޓަނޭގްރޯއަށް ކުރެއްވި ރަސްމީދަތުރުފުޅަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮންޓެނޭގްރޯއަށް ވަޑައިގެންނެވީ އެ ޤައުމުގެ ޑަންލޮވް-ގްރަޑްގައި ބޭއްވި މޮންޓަނޭގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ކޮންގްރެސްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކެވީ، ޑެޕިއުޓީ ޕްރައިމް މިނިސްޓާ ފޯ ސެކިއުރިޓީ، އިންޓާނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓަނޭގްރޯގެ ރައީސް އެލެކްސާ ބެޗިޗްގެ ދަޢުވަތަކަށެވެ.

މި ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުން ބާރުވެރިކޮށް އެ މީހުންގެ ބައިވެރިވުމާއެކު ޤައުމުގެ މިސްރާބު ބައްޓަންކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ގޮވާލެއްވިއެވެ.

މޮންޓަނޭގްރޯއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާޖް މުޙައްމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއާއި މޮންޓަނޭގްރޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 24 ނޮވެންބަރު 2009 ގައެވެ.