28 Dec 2023, 09:50
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރަށް ހަތަރުވަނަ ފަހަރަށް ދަންމައިނުލާނެ ކަމަށާއި އެކަމަކު ވަޒީރުންނަށް ރުހުންދޭން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދަށް އޮތީ މި ދައުރުގެ ފަހު ޖަލްސާ އެޖެންޑާކޮށްފައެވެ. އެކަމަކު، ދައުރު ނިންމައި މަޖިލީސް ޗުއްޓީއަށްދާއިރު، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އަދިވެސް އޮތީ ކޮމިޓީ މަރުހަލާގައެވެ. ވަޒީރުންނަށް ރުހުންހޯދަން މަޖިލީހަށް ފޮނުވީ މިދިޔަ މަހު 20 ގައެވެ.
މިއަދު ބޭއްވި މި ދައުރުގެ އެންމެ ފަހު ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައިގެ ރިޕޯޓު ކޮމިޓީން އެކުލަވައިލައި ނިންމައިފި ނަމަ، ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބާއްވައި ވަޒީރުންނަށް ރުހުންދެވިދާނެ ކަމަށެވެ.
"އެ މައްސަލައިގެ ރިޕޯޓު ކޮމިޓީން ނިންމާފައި ފޮނުއްވުމުން އިއްޒަތްތެރި މެންބަރު މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެދިވަޑައިގެންފިކަމުގައިވާނަމަ އެ ޖަލްސާއަކަށް އެ ރިޕޯޓު އެޖެންޑާކޮށް، ވަޒީރުންނަށް ރުހުންދިނުމުގެ މަަސައްކަތް ނިންމަން މަސައްކަތްކުރާނެ ކަމަށް ވެސް ދަންނަވަން،" އަސްލަމް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ ވަޒީރުންނަށް ރުހުންދިނުމުގެ ކަންކަން ނުނިންމާ މަޖިލީސް ޗުއްޓީއަށްދާ ފުރަތަމަ ފަހަރެވެ.
ކުރިން މި މަހު 18ގައި ވަޒީރުންނަށް ރުހުންދޭން ތަޅުމަށް އެޖެންޑާކުރި ނަމަވެސް، އެ ދުވަހު ކޮމިޓީން އެކުލަވައިލި ރިޕޯޓު އެއްކޮށް ފުރިހަމަނުވާތީއާއި ވުޒާރާތަކުގެ މެންޑޭޓު ފާސްކޮށްފައިނުވާތީ އަސްލަމް ނިންމެވީ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވައިލާށެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލައި ކޮމިޓީގެ މުގައްރިރު މުހައްމަދު ފަލާހް މީގެ ކުރިން ވިދާޅުވީ، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ ކޮމިޓީގައި ކުރިއަށްނުދާ ކަމަށެވެ. އެއީ، ސްކޫލު ޗުއްޓީއާ މި ދުވަސްވަރު ދިމައިވުމުން ގިނަ މެންބަރުން މާލޭގައި ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، އޭނާ ވިދާޅުވީ ދެން ވަޒީރުންނަށް ރުހުންދިނުމާ ގުޅޭ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެނީ ޗުއްޓީއަށް ފަހުގައި ކަމަށެވެ.
ވަޒީރުންނަށް ރުހުން ނުދެވި، ދިގުދެމިގެންދާތީ ގިނަ ބަޔަކު އަންނަނީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެކަމަކު، އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ މިހާރު ވެސް ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުންނުދޭން ގޮވައިލަމުންނެވެ.
ސަރުކާރުގައި އަލަށް އުފެއްދި ހަތަރު ވުޒާރާއާ އެކު ޖުމުލަ 22 ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވީ މިދިޔަ މަހު 20 ގައެވެ. މަޖިލީހުގެ ކޮމިޓީން މީގެ ކުރިން ވަނީ ވަޒީރުންނަށް ރުހުންދޭއިރު ތަޅުމުގައި ވޯޓަށް އަހާނީ ކޮންމެ ވަޒީރަކަށް ވަކިވަކިން ކަމަށް ނިންމައިފައެވެ.
ވަޒިރުންނަށް ރުހުންދިނުމުގެ ކަންކަން ލަސްވާތީ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.