28 Dec 2023, 14:39
ޗައިނާއާއި ޖެނީވާއަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ކުރެއްވި ރަސްމީ ދަތުރުފުޅަށް ޖުމުލަ 3،189،548.58 ރުފިޔާ ޚަރަދުވީ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.
އެއީ ނައިބު ރައީސް، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، "ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް"އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބޭއްވި މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރި ދަތުރު ޚަރަދުގެ ތަފުސީލުގައި ވާގޮތުން، ދެ ދަތުރުގެ ޓިކެޓު ޚަރަދަށް ޖުމުލަ 2،413،029.54 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި، ދެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން ނުވަ ބޭފުޅުންގެ ޕޮކެޓު މަނީއަށް 203،328 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ޗައިނާ ދަތުރުފުޅުގެ ޚަރަދުގެ ތަފުސީލު:
9 ބޭފުޅުންގެ ޕޮކެޓު މަނީ - 101،664 ރުފިޔާ
- ސްޓޮޕް އޯވާ ޚަރަދު - 56،905.36 ރުފިޔާ
- އިންސިޑެންޓު ޚަރަދު - 11،406.55 ރުފިޔާ
އެއީ، ޖުމުލަ 180،735.90 ރުފިޔާއެވެ. ޗައިނާ ދަތުރުފުޅުގެ ހުރުމާއި ކެއުމާއި އަދި އެތެރޭގެ ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖައްސާފައިވަނީ އެ ގައުމުގެ ސަރުކާރުންނެވެ.
ޖެނީވާ ދަތުރުފުޅު:
9 ބޭފުޅުންގެ ޕޮކެޓުމަނީ - 101،664 ރުފިޔާ
- ފަރިއްކޮޅު ޚަރަދު - 118،417.34 ރުފިޔާ
- އެކޮމޮޑޭޝަން - 228،491.71 ރުފިޔާ
- އިންޝުއަރެންސް - 12،999.06 ރުފިޔާ
- އިމްސިޑެންޓު ޚަރަދު - 7،594.26 ރުފިޔާ
- ދަތުރުފަތުރުގެ ޚަރަދު - 126،612.77 ރުފިޔާ
އެއީ، ޖުމުލަ ޖެނީވާ ދަތުރުފުޅަށް 595،779.14 ރުފިޔާއެވެ.
މި ދަތުރުފުޅުގެ ތެރެއިން، ނައިބު ރައީސް ވަނީ، ސްވިޒަލެންޑްގެ ޖެނީވާގައި ކުރިއަށްދިޔަ "ހިއުމަން ރައިޓްސް 75"ގެ މަތީ ފަންތީގެ ހަރަކާތްތަކުގެ ޕެނަލް ޑިސްކަޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ސްވިޒަލެންޑްގެ ޖެނީވާގައި ކުރިއަށްދިޔަ މަތީ ފަންތީގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ފިއުޗާ އޮފް ހިއުމަންރައިޓް އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އޮފް ދަ ހިއުމަންރައިޓް 75" ވަށްމޭޒު ބައްދަލުވުމުގައި ވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަތެވެ.
އަދި، މި ހަރަކާތުގެ ހަވާސާގައި، ނައިބު ރައީސް ވަނީ އެހެން ޤައުމުތަކުގެ އިއްޒަތްތެރިންނާއި އ.ދ.ގެ އިދާރާތަކުގެ އިސްވެރިންނާއި ވެސް ބައްދަލުކުރައްވާފައެވެ.
ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އެ ގައުމުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.