29 Dec 2023, 10:05
ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އައިފިލްމްސް ޕްރޮޑަކްޝަނުން އުފައްދާ ތިންވަނަ ފީޗާ ފިލްމު "ކަންބަޅި"ގެ މަސައްކަތް ހަލުވި ސްޕީޑުގައި ގޮސް ޓްރެއިލަރު ރިލީޒްކުރުމާ ގާތްވެއްޖެއެވެ.
އައިފިލްމްސްއިން ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ތިންވަނަ ފީޗާ ފިލްމުގެ މަސައްކަތް ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށާފައެވެ.
މި ފިލްމު އިއުލާނުކުރިއިރު މާ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ. ފިލްމުގެ ލީޑު ކާސްޓުގެ ގޮތުގައި ހިމެނެނީ އިއްލެގެ ހުރިހާ ފީޗާ ފިލްމުތަކުން ވެސް ލީޑުން ފެނިފައިވާ ނުޒުހަތު ޝުއައިބު (ނުޒޫ)އެވެ. ފިލްމުގެ އިތުރު ރޯލުތަކުން ދެން ފެންނާނީ އަހުމަދު އިފްނާޒުގެ އިތުރުން ޝަރަފް އަބްދުﷲ އާއި ވާޝިޔާ މުހައްމަދާއި މުހައްމަދު އިޝްފާނާއި ހާޒިފް މުހައްމަދާއި މޫސާ އަލީފެވެ.
ނަމަވެސް ފިލްމުގެ ޝޫޓިންގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ފިލްމުގެ ބީޓީއެސް ތަފާތު އެކި މަންޒަރުތައް އަންނަނީ މިހާރު އާންމުވަމުންނެވެ. އޭގެ ތެރެއިން ފިލްމުގެ ބައެއް ޓީޒަރު މަންޒަރުތައް ވެސް އަންނަނީ އާންމުކުރަމުންނެވެ.
އިއްލެގެ އައިފިލްމްސްއިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ނޫނީ މާދަމާ ފިލްމުގެ ޓްރެއިލަރު އާންމުކުރާނެއެވެ. މި ޓްރެއިލަރާ އެކު ފިލްމުގެ ތަފާތު މިންވަރު ފެނިގެންދާނެއެވެ. އައިފިލްމްސްގެ އެހެން ފީޗާ ފިލްމުތަކާ ހިލާފަށް މި ފިލްމު ވެގެން ދާނީ ބިރުވެރި ފިލްމަކަށެވެ. އެގޮތުން މި ފިލްމުގައި ސުޕަނެޗުރަލްގެ ރަހަތައް ހުންނާނެ ކަމަށް ޓީޒާތަކުން އިޝާރާތް ކުރެއެވެ.
އިއްލެގެ އިތުރުން ފިލްމުގެ ޑައިރެކްޝަނުގައި އިފްނާޒް ހަރަކާތްތެރިވާނެއެވެ. ފިލްމުގެ މިއުޒިކްގެ މަސައްކަތް ކުރާނީ ޝާހިދު ލެގަސީއެވެ. އަދި, ފިލްމްގެ ޕްރޮޑަކްޝަންގައި އިއްލެއާއި އާޝިމް އަލީ މަސައްކަތް ކުރާނެއެވެ. މި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރާނީ "އޯކޭޒް އިންކް" އިންނެވެ.
މި ފިލްމު ރިލީޒްކުރާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.