28 Dec 2023, 23:39
އެމްޑީޕީން މަޖިލީހުގައި، މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާމެދު ގޮތެއް ނިންމުމުގެ މައްސަލަ ލަސްކުރަމުން އަންނާތީ، ދެން ރައްޔިތުންގެ މަޖިލީހުން 'ރުހުން ދިނަސް، ނުދިނަސް ހެޔޮ'ކަމަށް ވިދާޅުވެ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ނުރުހުން ފާޅުކުރައްވައިފިއެވެ.
މިރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރެސީގެ ހަމަތަކުގެ މަތިން ހިނގަމުން އަންނަ ޕާޓީއެއްކަމަށް ބުނެވޭކަށް ނެތްކަމަށެވެ.
ސަބަބަކީ ރައްޔިތުން އިންތިޚާބު ކުރި ސަރުކާރެއްގެ ވަޒީރުންނަށް ރުހުން ނުދީ ލަސްކުރަމުން އަންނާތީކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެ ކުރީގެ އެއްވެސް މަޖިލީހަކުން ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ލަސްކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާއަކު ރައްޔިތުން އިންތިޚާބުކުރީމާ އެ ރައީސުލްޖުމްހޫރިއްޔާ އެ މަނިކުފާނުގެ ކެބިނެޓް އެކުލަވައިލައި، ރުހުން ހޯދަން މަޖިލީހަށް ފޮނުވީމާ ރުހުން ނުދޭ ބަޔަކު އެއީ ދެން ތިމަންނަމެން މީ ޑިމޮކްރެސީ ދަންނަ ބައެކޭ ކިޔައިގެން ވަކާލާތުކުރައްވާނެ ކަމެއް ނެތް،" އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީން ވަޒީރުންނަށް ރުހުން ނުދީ ލަސްކުރަނީ 'ހަޖަމް' ނުވާތީކަމަށެވެ.
އެއާއެކު ޑިމޮކްރަސީ ދަސްކުރަން ބޭނުންނަމަ، ޕީޕީއެމް ޕީއެންސީ ހިނގާ މަގުން ހިނގުމަށް ވެސް އެމްޑީޕީގެ މެމްބަރުންނަށް އަބްދުއްރަހީމް ގޮވައިލެއްވިއެވެ.
ހަމައެއާއެކު މިހާރު މަޖިލިސް ރުހުން ނުލިބިގެން މާ ބޮޑަށް އެ ޕާޓީން ހާސްނުވާކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ރުހުން ދެންޏާ ދޭންވީ، ނުދެންޏާ ނުދީ ތިއްބަވަންވީ. ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީގެ 115ވަނަ މާއްދާގެ (ޅ)އިން އެ މަނިކުފާނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދައިކުރުމަށް މީހުން އައްޔަންކުރުމުގެ ބާރު ލިބިދޭ. ރުހުން ނުދީފިއްޔާ އެއް ގޮތެއްގައި މާ ރަނގަޅު. އޭރުން އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައިގެން ވަޒީރަކު ވަކިނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރުހުން ދޭތޯ ބަލާކަށް ސަރުކާރުން ނުތިބޭނެކަމަށެވެ. އަދި ރައީސް އެ ބޭފުޅަކު އައްޔަންކުރެއްވުމުން ގައުމަށް ޚިދުމަތް ކުރެއްވުމުގެ ފުރުސަަތު އޮންނާނެކަމަށް ވެސް ވިދާޅުވިއެވެ.
ދައުރު ނިންމައި މަޖިލީސް ޗުއްޓީއަށްދާއިރު، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އަދިވެސް އޮތީ ކޮމިޓީ މަރުހަލާގައެވެ. ވަޒީރުންނަށް ރުހުންހޯދަން މަޖިލީހަށް ފޮނުވީ މިދިޔަ މަހު 20 ގައެވެ.
މިއަދު ބޭއްވި މި ދައުރުގެ އެންމެ ފަހު ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައިގެ ރިޕޯޓު ކޮމިޓީން އެކުލަވައިލައި ނިންމައިފި ނަމަ، ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބާއްވައި ވަޒީރުންނަށް ރުހުންދެވިދާނެ ކަމަށެވެ.