03 Jan 2024, 06:00
މަޝްހޫރު ބޮލީވުޑް ބަތަލާ ޔާމީ ގޯތަމް އާ އަހަރާ ދިމާކޮށް ވަކި ލަނޑުދަނޑިތަކެއް ހާސިލުކުރަން ކަނޑަނާޅާ ކަމަށާއި މި ފެށުނު އާ އަހަރު ވެސް ކެރިއަރު ދާނީ ވަކި ފްލޯއެއް ނެތި ކަމަށް ބުނެފިއެވެ.
އިންޑިއާގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޔާމީ ބުނެފައިވަނީ، ފާއިތުވެ ދިޔަ އަހަރަކީ ބަތަލާއަށް ކާމިޔާބު އަހަރެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންވެ, މި ފެށުނު އާ އަހަރަކީ ވެސް ހިތްހަމަޖެހޭނެ ފަދަ ނަތީޖާއެއް ފިލްމީ ކެރިއަރުގައި ނެރެވޭނެ އަހަރެއް ކަމަށް އުއްމީދު ކުރާ ކަމަށް ޔާމީ ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ޔާމީގެ ތިން ފިލްމެއް ރިލީޒް ވިއިރު ބެލުންތެރިންގެ ފަރާތު މި ތިން ފިލްމަށް ވެސް ބޮޑު މަގުބޫލު ކަމެއް ލިބުނެވެ. އެއީ އަކްޝޭ ކުމާރާ އެކު ފެނުނު ފިލްމު "އޯމައިގޯޑް2"، "ލޮސްޓް" އަދި "ޗޯރް ނިކަލްކޭ ބާގާ"އެވެ. މި ފިލްމުތައް މިހާރު ޑިޖިޓަލް ޕްލެޓްފޯމް ތަކަށް ދޫކޮށްލާފައިވާއިރު ފިލްމު "ޗޯރް ނިކަލްކޭ ބާގާ" ރިލީޒްކުރީ ތިއޭޓަރުގެ ބަދަލުގައި ޑިޖިޓަލް ޕްލެޓްފޯމް ނެޓްފްލިކްސް ގައެވެ.
ފިލްމީ ތަރިއެއްގެ ހައިސިއްޔަތުން ޔާމީ އަބަދުވެސް މަސައްކަތް ކުރަނީ އޯޑިއަންސް ޝައުގުވެރިވާނެ ފަދަ ފިލްމުތައް ސިނަމާއަށް ގެނެސްދިނުމަށް ކަމަށާއި މި އަހަރު ވެސް މަސައްކަތް ކުރާނީ އެ ގޮތުގައި ހުރެގެން ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އެހެންވެ, ވަކި ހާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައި ނުވާނެ ކަމަށާއި ކެރިއަރުގައި ވަކި ހާއްސަ 'ރޫލް ބުކް'އެއް ނުގެންގުޅޭ ކަމަށް 34 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ޔާމީ ގޯތަމް ފިރިމީހާ/ޕްރޮޑިއުސަރު އަދިތުޔަ ދަރު-- ފޮޓޯ/ ވޯގްއިންޑިއާ
ފިލްމު "ވިކީ ޑޯނާ"އިން 2012ވަނަ އަހަރު ހިންދީ ސިނަމާއަށް ތަޢާރަފުވި ބަތަލާ އަންނަނީ ދެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. އެއީ، ޕޮލިޓިކަލް ތުރިލާއަކާއި ކޮމެޑީ ފިލްމެއް ކަމަށް ޔާމީ ވަނީ ބުނެފައެވެ.
ފިލްމު ޕްރޮޑިއުސަރު އަދިތުޔަ ދަރުއާ އެކު ޒަވާޖީ ޙަޔާތެއް ފަށާފައިވާ ބަތަލާގެ މަގުބޫލު ފިލްމުތަކުގެ ތެރޭ "އުރީ:ދަ ސަޖިކަލް ސްޓްރައިކް"، "ކާބިލް" އަދި ފިލްމު "ދާސްވީ" ހިމެނެއެވެ.