އިސްލާމްދީނާއި ދެކޮޅަށް ގިނަ ލިޔުންތަކެއް ލިޔެ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް މިދިޔަ އަހަރު މީހަކު ދިން ވަޅީގެ ހަމަލާއާ ގުޅޭ ޝަރީއަތް ފަސްކޮށްފިއެވެ.

އެ ޝަރީއަތް ކުރިން ބާއްވަން ހަމަޖެހިފައި އޮތީ އަންނަ ހަފުތާގައެވެ. މިހާރު ތާވަލުކޮށްފައިވާ ގޮތުން ޝަރީއަށް ފަށަން ނިންމާފައިވަނީ މި މަހުގެ އަށްވަނަ ދުވަހު އެމެރިކާގެ ނިއު ޔޯކުގައެވެ.

ޝަރީއަތް ފަސްކުރަން ނިންމީ ހަމަލައާ ގުޅޭ ގޮތުން ރުޝްދީ ލިޔުނު ފޮތް "ނައިފް: މެޑިޓޭޝަންސް އާފްޓަ އޭން އެޓެމްޓެޑް މާޑާ" މި އަހަރުގެ އެޕްރީލް 16 ގައި ނެރެން ނިންމާފައިވާތީ، ޝަރީއަތް ފެށުމުގެ ކުރިން ދިފާއީ ވަކީލުން ފޮތް ރިވިއުރަން ބޭނުންވާކަން އެންގުމާ ގުޅިގެންނެވެ.

ރުޝްދީއަށް ވަޅީގެ ހަމަލާދިން މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހާދީ މަޓާރް ކިޔާ މީހެކެވެ. ހާދިސާއާ ގުޅޭ އިތުރު ހެކިތައް ލިބިދާނެ ކަމަށް ބުނެ ހާދީގެ ވަކީލުން ވަނީ ޝަރީއަތް ފެށުމުގެ ކުރިން ރުޝްދީގެ ފޮތް ރިވިއު ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.

ސަލްމާން ރުޝްދީ ލިޔެފައިވާ "ނައިފް:މީޑިއޭޝަންސް އާފްޓާ އޭން އެޓެމްޓެޑް މާޑާ" -- ފޮޓޯ/ނިއު ޔޯކް ޓައިމްސް

އެމެރިކާއާއި އިނގިރޭސިވިލާތުގެ ރަށްވެހިކަން އޮންނަ 76 އަހަރުގެ ރުޝްދީއަށް ވަޅީގެ ހަމަލާ ދިނީ މިދިޔަ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުއެވެ. ހަމަލާ ދިނީ ނިއު ޔޯކްގެ ޝަޓަކްވާ އިންސްޓިޓިއުޓްގައި އޮތް އަދަބީ އިވެންޓެއްގެ ޕެނެލް ޑިސްކަޝަނެއްގައި ތަގުރީރުކުރަން އުޅެނިކޮށެވެ.

ރުޝްދީއަށް ހަމަލާދިން ކަމަށް ތުހުމަތުވާ އުމުރުން 24 އަހަރުގެ ހާދީ އަކީ ނިއު ޖާޒީއަށް ނިސްބަތްވާ މީހެކެވެ. އެ ހާދިސާއާ ގުޅިގެން އޭނާ ހުރީ ހައްޔަރުކޮށްފައެވެ.

އިސްލާމްދީނާ ދެކޮޅަށް އެތައް ލިޔުމެއް ލިޔެފައިވާ ރުޝްދީ ލިޔުނު 1988 ގެ ފޮތް "ދަ ސެޓޭނިކް ވާސެސް" ގެ ސަބަބުން އޭނާ އަކީ މަރާލަން ޖެހޭ މީހެއް ކަމަށް ބުނެ އިރާންގެ ކުރީގެ ރޫހާނީ ލީޑަރު އާޔަތުﷲ ހުމައިނީ ވަނީ 1989 އަހަރު ފަތުވާއެއް ވެސް ނެރެފައެވެ.