އަވަށްޓެރި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިވެފައިވަނީ ތަރައްގީއާއި ކުރިއެރުމުގެ ވިސްނުމުންކަމަށާއި، ދެ ގައުމުގެ ގުޅުން ހުރިހާ ފަންތިއެއްގައި ވެސް ބަދަހިކުރަން ޖެހޭކަމަށް އެމްޑީއޭގެ ރައީސް އަަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މި ފަދައިން ވިދާޅުވެ، އެކްސްގައި ޕޯސްޓެއްކުރެއްވިއިރު، މި ފަހުން ރާއްޖޭގެ ސަރުކާރުގެ އިސް ބައެއް ޑެޕިއުޓީ މިނިސްޓަރުންގެ ފަރާތުން އިންޑިއާއަށާއި އެ ގައުމުގެ ވެރިންނަށް ބަދު ބަސް ރައްދުވާ ފަދަ މޭރުކަމުން ވަނީ ޕޯސްޓުތަކެއް ކޮށްފައެވެެ. އެ ބޭފުޅުން މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ.

އެ ފަދަ ޕޯސްޓުތަކެއް ކުރީ އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދުރަ މޯދީ ލަކްޝަދްވީޕުގެ ރަށްތަކުގައި ފަތުރުވެރިކަން ޕްރޮމޯޓްކުރެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެ ޕޯސްޓުކުރެއްވުމާއެކުގައެވެ.

ސިޔާމް ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ދުވަހަކު ވެސް ހަނދާން ނައްތައިނުލެވޭނެ 1988ވަނަ އަހަރުގެ [ނޮވެމްބަރު ތިންވަނަ ދުވަހުގެ] އުދުވާނީ ހަމަލާއާ ގުޅިުގެން އިންޑިއާއިން ވެދިން އަަވަސް އެހީތެރިކަން،" ސިޔާމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއަކީ ކަނޑުގެ ސަރަަހައްދުން ބޯޑަރު ބެހިފައިވާ ދެ ގައުމަށްވާއިރު، ދެ ގައުމުގެ ދެމެދުގައި އިގްތިޞާދީ ގޮތުންނާއި، އަސްކަރީ ގޮތުން އެކުވެރިކަމުގެ ގުޅުމެއް ހިއްސާކުރާ ކަމަށެވެ.

އަދި ދެ ގައުމުގެ ގުޅުމަކީ ހަމައެކަނި ޖިއޮގްރަފިކް ގޮތުން އޮތް ގުޅުމެއް ނޫންކަމަށާއި، މިއީ ތަރައްގީއާއި ކުރިއެރުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއްކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދެ ގައުމުގެ ގުޅުން، ހުރިހާ ފަންތިއެއްގެ ފަރާތްތަކުގެ ދެމެދު އޮންނަ ރަނގަޅު ގުޅުމުގެ މަތީ، ހުރިހާ ގޮތަކުން ވެސް ބަދަހިކޮށް ކުރިއަށް ގެންދެވޭތޯ އަޅުގަނޑުމެން ޔަގީންކުރަންވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.