އީކޮމާސް ޕްލެޓްފޯމެއް ކަމަށްވާ ޕޭޕަލްގެ އެކްސެސް ރާއްޖެއަށް ހޯދަން އެމެރިކާގެ ސަރުކާރާއެކު މަޝްވަރާތައް ފަށަން ތައްޔާރުވަމުން އަންނަކަމަށް ސަރުކާރުން މިރޭ ހާމަކޮށްފިއެވެ.

އެ ކަން ހާމަކުރެއްވީ، މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ނިންމެވުންތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިރޭ ރައީސް އޮފީހުން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމެވެ.

ނާޒިމް ވިދާޅުވީ މިކާމާ ގުޅޭ އެހެނިހެން ފަރާތްތަކާ މަޝްވަރާކޮށްގެން، ޕޭޕަލް ފަދަ އެހެން ޕްލެޓްފޯމުތަކަށް އެކްސެސް ހޯދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

"އީކޮމާސް ޕްލެޓްފޯމެއް ކަަމަށްވާ ޕޭޕަލްއަށް އެކްސެސް ހޯދުމަށް އެމެރިކާގެ ސަރުކާރާ މަޝްވަރާ ކުރައްވައި އެ މަަސައްކަތް ވަރަށް އަވަހަށް ފެށޭނެ" އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު މިއީ އިންޓަނެޓާއި، ސައިބާ ސެކިއުރިޓީއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވުމުން އެކަމުގެ ފަންނީ އެހީ ވެސް ސަރުކާރުން ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އިންޓާނެޓާއި ސައިބާ ސެކިއުރިޓީއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަމަށް ވުމާއެކު ސައިބާ ސެކިއުރެޓީގެ ގާނޫނެއް ވުޖޫދަށް ގެނައުމަށް ޓަކައި އެކަމަށް ހާއްސަ ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައި،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ސައިބާ ސެކިއުރިޓީއަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)އާއި ތުރިކީގެ ސަރުކާރުން ރާއްޖެއަށް އެހީ ދިނުމާ ގުޅޭގޮތުން މަޝްވަރާތައް ކުރަން ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިމިދިޔަ ރިޔާސީ ކެމްޕޭން ތެރޭގައި ވެލެއްވި ރިޔާސީ ވައުދުފުޅެކެވެ.

ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ނުލިބޭތީ އެކަމާ ގިނަ ޒުވާނުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެއެވެ. އެ ކަންބޮޑުވުން އަބަދުވެސް ލިބެމުންދާ ކަމަށް އެމްއެމްއޭއިން ވެސް ބުނެއެވެ.