10 Jan 2024, 18:16
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީސް)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށް، ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 20:00 އާ ހަމައަށް ކ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ.
އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ހަމައެހެންމެ އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ބ. އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
ޑިފެންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވާތީ ދަތުރުފަތުރުކުރުމުގަޔާއި ބޭރުގައި ހަރަކާތްތެރިވުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ވިއްސާރައިގެ ސަބަބުން ދިމާވެދާނެ ހާލަތަކަށް ކަމާބެހޭ އިދާރާތަކުން ތައްޔާރީ ހާލަތުގައި ތިބި ކަމަށާއި މޫސުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިއްޔެ މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބި ކަނޑަށް ޖެހެމުންދާނެތީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށެވެ.
އަދި އަރަބިކަނޑަށް ހުރަސްކުރާއިރު އެންމެ ބޮޑަށް ވިއްސާރަވެ، ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދު ރާއްޖެ ތެރެއަށް ކަމަށް އެ އޮފީހުން ބުންޏެވެ.