މި އަހަރު ބާއްވަން ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރުމުގެ ފުރުސަތު މި މަހުގެ 30ގައި ހުޅުވައިލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ނިންމައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، ފުރުސަތު ހުޅުވާލަން ތާވަލް ކޮށްފައިވަނީ މި މަހުގެ 30އިން އަންނަަ މަހުގެ 14ގެ ނިޔަލަށް ކަމަށެވެ.

މަޖިލީހުގެ އިންތިޚާބު އަންނަ މާރިޗު މަހުގެ 17ގައި ބޭއްވުމަށް އީސިއިން ވަނީ އިއްޔެ ނިންމައިފައެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 284،327 މީހުންނަށް އަރާ އިރު އޭގެ ތެރޭގައި ހިމެނެނީ 145162 ފިރިހެނުންނާއި 139165 އަންހެނުން ކަމަށް އިއްޔެ ހަބީބު ވިދާޅުވިއެވެ. އެއީ ރިޔާސި އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލި މީހުންނަށް ވުރެ 1523 އިތުރު އަދަދެކެވެ.

އިއްޔެ އީސީން ވަނީ ވޯޓު ލެވޭ މީހުން ރަޖިސްޓަރީ އާންމުކޮށް، ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 21ގެ ނިޔަލަށް ހުޅުވާލާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 282,395 އެވެ. އޭގެ ތެރެއިން އިންތިޚާބުގައި ބައިވެރިވީ 225،486 ނުވަތަ 79.85 ޕަސެންޓް މީހުންނެވެ.

އެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 282,804އަށް އިތުރުވިއެވެ. އޭގެ ތެރެއިން ވޯޓު ދިނީ 246،915 މީހުންނެވެ.