11 Jan 2024, 23:30
މާލޭގެ މޭޔަރުކަމަށް ހޮވިއްޖެނަމަ އޭނާގެ މޭޔަރުކަމެއްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހްގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ތަންފީޒުކުރައްވާނެ ކަމަށް އެމްޑީޕީގެ ފަރާތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
"ވާނެ، ކުރާނެ"ގެ ނަމުގައި މިރޭ ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދީފައިވާ ކަމަށެވެ.
އެހެންކަމުން ފަސް އަހަރު ތެރޭ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭން މި ސަރުކާރުން ވައުދުވާނެ ކަމެއްނެތް ކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން ކުރަންވީ ކަމަކީ ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ތަންފީޒުކުރުން ކަމަށެވެ.
"އަޅުގަނޑުމެން މާލޭ ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ ތިބޭފުޅުން ތިއެދޭ ބޯހިޔާވަހިކަމުގެ ކަންތައް އަޅުގަނޑުމެން ކޮށްދޭނީ ބްރިޖުން ތި ބޭފުޅުންގެ އަވަށްތަކަށް ގެންގޮސްދީގެންނޭ. އަޅުގަނޑުމެން ގެންދާނީ ބްރިޖުން، އަޅުގަނޑުމެން ނުގެންދާނަށް ދޯންޏަށް އަރުވައިގެން ތަޅުވަމުން ތަޅުވަމުން ފުށިދިއްގަރު ފަޅަކަށް،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މާލޭ ސަރަހައްދުން 800 ހެކްޓަރުގެ ބިން ލިބެން އެބައޮތް ކަމަށެވެ. އެހެންކަމުން މާލޭ ރައްޔިތުންނަށް އިތުރު ތަކުލީފެއް ޖައްސަން ފުށިދިއްގަރުފަޅު ހިއްކުމުގެ ބޭނުމެއް ނެތްކަމަށް އާޒިމް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ހައުސިން މަޝްރޫއަށް ފާޑު ވިދާޅުވަމުން އާޒިމް ވިދާޅުވީ، ކުރީ ސަރުކާރުން ފަށައިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށެވެ.
މީގެ އިތުރުން، އާޒިމް ވިދާޅުވީ ވިލިމާލޭގައި ވެސް ހުރި މައްސަލަތަކަށް އޭނާގެ މޭޔަރުކަމުގައި ހައްލު ހޯއްދަވައިދޭނެ ކަމަށެވެ. އެގޮތުން ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތް ރަނގަޅު ކުރުމާއި ވިލިމާލެއަށް އާސަހަރާގެ ޚިދުމަތް ދިނުން ފަދަ ކަންކަން އާޒިމް ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ވެސް އާޒިމްވަނީ މި ސަރުކާރުގެ ފުށިދިއްގަރު ފަޅު މަޝްރޫއަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މި ވަގުތަށް އެންމެ އިސްކަން ދިނުން މުހިންމީ ނިމިދިޔަ ސަރުކާރުން ރައްޔިތުންނަށް ގޯތި ދީފައިވާ ގުޅިފަޅާއި ގިރާވަރުފަޅު ތަރައްގީކުރުމަށް ކަމަށެވެ. އަދި އެ ތަނުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ގާއިމްކުރުމަށް ކަމަށެވެ.