ހިލޭ ބޭސްފަރުވާ ފޯރުކޮށްދޭ ސަރުކާރުގެ ސްކީމް އާސަންދަ ފުޅާކުރުމާ އެ ކުންފުނިން ދެކޮޅު ނޫންކަމަށާއި މިހާރު ތައިލޭންޑާއި ޔޫއޭއީއިން އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފިއެވެ.

އާސަންދަ ކުންފުނިން މިއަދު ބުނީ އެ ސްކީމުގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް މި ވަގުތު ބަލި މީހުން ފޮނުވަނީ ހަމައެކަނި އިންޑިއާއާއި، ސްރީލަންކާއަށް ކަމަށެވެ.

ނަމަވެސް ކުރިއަށް ހުރި ދުވަސްތަކުގައި ތައިލޭންޑާއި ޔޫއޭއީއަށް ވެސް ސްކީމުގެ ތެރެއިން ބަލި މީހުން ފޮނުވުމުގެ އިންތިޒާމު ހަމަޖައްސަަން މަސައްކަތްތައް ފަށައިފައިވާކަމަށް އެ ކުންފުނިން ބުންޏެެވެ.

އެ ކުންފުނިން މި މަސައްކަތްތައް ފެށީ، އާސަންދައިގެ ބޭސް ފަރުވާއަށް ހަމައެކަނި އިންޑިއާއަށް ދާންޖެހޭ ދިއުން ނިމުމަކަށް ގެންނަވާނެކަމަށް އިއުލާންކުރައްވާ އެ ދެ ގައުމުން ފަރުވާގެ ކަންކަން ހަމަޖައްސަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާންކުރެއްވުމާ އެކުގައެވެ.

މީގެ އިތުރުން އެ ކުންފުނިންވަނީ މީގެ ކުރިން ބައެއް މީޑިއާތަކުގައި ފެތުރުނު ޚަބަރެއްގެ ހަގީގަތް ވެސް ހާމަކޮށްފައެވެ.

އެގޮތުން އިންޑިއާ އާއި ލަންކާ ނޫން އެހެން ގައުމަކަށް އާސަންދަ ސްކީމު ފުޅާކުރުމާ ދެކޮޅުކަމަށް މީގެ ކުރިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވިކަމަށް ބުނެ ފަތުރާ ވާހަކައަކީ ހަގީގަތް އޮޅޭހެން ފަތުރާ ވާހަކައެއްކަމަށް އެ ކުންފުނިން ބުންޏެވެ.

އާސަންދައިން ބުނީ އެ ވާހަކައަކީ މިދިޔަ މަހުގެ 12ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި، މެމްބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން، ދެއްވި ޖަވާބުގައި އެ ވަގުތު ސްކީމް އިތުރަށް ފުޅާކުރުމަށް ސަރުކާރުގެ ވިސްނުން ނެތްކަމަށް ބުނެ ޒީނިޔާ ވިދާޅުވި ވާހަކައެއް ކަމަށެވެ.

"އޭރު ސަރުކާރުން މި ޚިދުމަތް ފުޅައިކުރުމަށް ނިންމައި، އިއުލާންކޮށްފައި ނުވާކަން ފާހަގަކޮށްލަމެވެ،" އާސަންދައިގެ ބަޔާނުގައިވެއެވެ.

އެހެންކަމުން ރައްޔިތުންނަށް އޮޅޭނެހެން މައުލޫމާތު ނުފެތުރުމަށް ވެސް ވަނީ އެދިފައެވެ. އަދި އާސަންދަ ޚިދުމަތް ފުޅާކުރުމަކީ ކުންފުނިން ދެކޮޅު ހަދައި ކަމެއް ނޫންކަމަށް ވެސް ބުންޏެވެ.