ފިލްމު "ދިލް ބެޗާރާ"އިން ފިލްމީ ދުނިޔެއަށް ތައާރަފްވި ބަތަލާގެ މި އަހަރުގެ އަމާޒަކީ އަމިއްލަ ނަފުސަށް ވަގުތު ހުސްކޮށް އަމިއްލަ ނަފުސު ދެކެ އިހުނަށްވުރެ ލޯބިދީ އަޅާލުން ދިނުންކަމަށް ބަތަލާ ބުނެފިއެވެ.

އިންޑިއާގެ ހަބަރުތައް ގެނެސްދޭ ޓެލެގްރާފް ނޫހަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބަތަލާ ވަނީ މި އަހަރުތެރޭ ކުރަން ރޭވިފައިވާ ފިލްމީ މަސައްކަތްތަކާ އެކު މިހާތަނަށް ފިލްމު އިންޑަސްޓްރީގައި ކުރެވުނު ތަޖުރިބާތަކުގެ ވާހަކަ އާއްމުންނާ ހިއްސާކޮށްފައެވެ.

ފިލްމު އިންޑަސްޓްރީގައި 2011ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަން ފެށި ބަތަލާގެ ފިލްމީ ކެރިއަރު ރަސްމީގޮތެއްގައި ފެށުނީ 2020ވަނަ އަހަރުއެވެ. އިންޑަސްޓްރީގައި މަސައްކަތް ކުރެވުނު ކުރު މުއްދަތުގެތެރޭ އަމިއްލަ ނަފުސަށް ވަގުތު ދިނުމުގެ މުހިއްމުކަން ވަރަށް ބޮޑަށް އިހުސާސްކުރެވުނު ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ހާއްސަކޮށް މައިންބަފައިންނާ ވަކިން އިންޑިއާގެ އެންމެ ބޮޑު އެއް ސިޓީ މުމްބާއިގައި ވަކި ދިރިއުޅުމެއް އުޅޭއިރު އަމިއްލަ ނަފުސަށް ލޯބިދީ އަޅާލުން މުހިއްމު ކަމަށް ސަންޖަނާ ވަނީ ބުނެފައެވެ.

އެގޮތުން ސަންޖަނާ ވަރަށް އަވަހަށް ކޮލަމްބިއާ ޔުނިވަސިޓީއަށް ކުރު މުއްދަތެއްގެ ކޯހެއް ފުރިހަމަ ކުރުމަށް ފުރަން ހަމަޖެހިފައިވާ ކަމަށާއި އެއީ އަމިއްލަ ނަފުސަށް ހިތްހަމަޖެހުން ހޯދައިދިނުމުގެ ގޮތުން މި އަހަރު ފަށާ ފުރަތަމަ ދަތުރު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ވޭތުވެދިޔަ އަހަރު ދިރިއުޅުމުގެ ބޮޑު ބައެއް ފިލްމީ މަސައްކަތުގައި ހޭދަކުރެވުމުން ސަންޖަނާ މި ވަގުތު ބޭނުން ވަނީ ކުޑަ ބްރޭކެއް މަސައްކަތުން ނެގުމަށް ކަމަށް ވެސް މި އިންޓަވިއުގައި ވަނީ ބުނެފައެވެ.

ބަތަލާ ސަންޖަނާ ފިލްމު "ދިލް ބެޗާރާ"ގެ މަންޒަރެއްގައި-- ފޮޓޯ/އިންޓަނެޓް
މިދިޔަ އަހަރު ނެޓްފްލިކްސްގައި ސްޓްރީމް ކުރަންފެށި ރޯޑް އެޑްވެންޗަ ޑްރާމާ ފިލްމު "ދަކް ދަކް"ގެ ބަތަލާ ވަނީ ބޮލީވުޑްގެ މަގުބޫލު ޑައިރެކްޓަރުންނާ އެކު މަސައްކަތްކޮށްފައެވެ. އޭގެތެރޭގައި ޑައިރެކްޓަރު ޝަޝާން ހައިތާން، ކަޕިލް ވަރުމާ އަނިރުދް އަދި ތަރުން ދަދޭޖާ ހިމެނެއެވެ.

އެކްޓަރު ޕަންކަޖް ތްރިޕާތީ، އަދިތްޔަ ރޯއި ކަޕޫރު އަދި ބަތަލާ ދިއާ މިރުޒާ، ފާތިމާ ސަނާ ޝޭހް ފަދަ ފިލްމީ ތަރިންނާއެކު ސަންޖަނާ ވަނީ ވޭތުވެދިޔަ ތިން އަހަރުތެރޭ މަސައްކަތްކޮށްފައެވެ.

ސަންޖަނާގެ ކެރިއަރުގެ އެންމެ މަގުބޫލު އެއް ފިލްމު ކަމަށްވާ "ދިލް ބެޗާރާ"ގެ ސީކުއަލްއެއް އުފައްދާނެ ކަމުގެ އިޝާރާތެއް އެ ފިލްމުގެ ޑައިރެކްޓަރު ކޮށްފައިވާއިރު ބަތަލާ ދެން އެންމެ އަވަހަށް މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ "ދަކް ދަކް"ގެ ސީކުއަލްގައެވެ.