ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މައި މަރުކަޒުގައި ކޯސްތަކަށް ޖާގަދިނުމަށް "ވަން ސްޓޮޕް އެޑްމިޝަން" ހަރަކާތެއް ފަށައިފިއެވެ.

އެމްއެންޔޫގެ ހުރިހާ ފެކަލްޓީތަކާއި ސެންޓަރުތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދޭ ގޮތަށް މިއަދު ހަވީރު 4:00ގައި ފެށި އެ ހަރަކާތް ރޭގަނޑު 10:00އާ ހަމައަށް ކުރިއަށްގެންދާނެއެވެ.

އެ ހަރަކާތުގެ ތެރޭގައި، އެމްއެންޔޫގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުމާއި، އޭލެވެލް އަދި އެހެނިހެން ނަތީޖާތަކަށް ބެލުމަށްފަހު، ޝަރުތު ހަމަވާ ފަރާތްތަކަށް ކޯހަށް ހޮވުނުކަމުގެ ލިޔުން ދޭނެއެވެ.

"ވަން ސްޓޮޕް އެޑްމިޝަން" އިވެންޓްގެ ތެރެއިން-- ސަން ފޮޓޯ/އިންފިނިޓް މޮމެންޓްސް/މޫސާ ނަދީމް

އެ ހަރަކާތުގައި، އެމްއެންޔޫގެ ފަންނީ ދާއިރާތަކުގެ ލެކްޗަރާއިން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު، އިވެންޓުގެ ބައިވެރިންނާ ހިއްސާކުރާނެއެވެ.

މީގެ އިތުރުން، ތަފާތު ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ޝައުގުވެރިވާ ކުދިންގެ އިތުރުން ދިރާސާތައް ކުރުމަށް ޝައުގުވެރިވާ ކުދިންނަށް ބޭނުންވާ މައުލޫމާތު ވެސް އެ ހަރަކާތުގެ ތެރެއިން ހިއްސާކުރާނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.