ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ މާލޭގައި ދުއްވޭނެ ވެހިކަލް ލިމިޓް ކަނޑައަޅުއްވާނެކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މޭޔަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ބޭއްވި ނުސްވެރިންގެ ބައްދަލުވުމަށްފަހު ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގެ ވެހިކަލް ތޮއްޖެހުމުގެ މައްސަލައަކީ ބޮޑުވެފައި އޮތް، މިހާރުން މިހާރަށް ހައްލުކުރަންޖެހޭ މައްސަލައެއްކަމަށެވެ.

އަދި އެ ކަން ހައްލުކުރުމަށް ޓަަކައި ވެހިކަލް ލިމިޓެއް ކަނޑައަޅަން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ.

"އަދަދު އަޅުގަނޑުމެން ކަނޑައަަޅަންޖެހޭ. އެހެންވީމާ ކުރިއަށް އޮތް ހަ މަސް ތެރޭ އަަޅުގަނޑުމެން އަދަދު ކަނޑައަޅާނަން އިރާދަކުރެއްވިއްޔާ. އަޅުގަނޑުމެން ޓްރާންސްޕޯޓް މިނިސްޓަރު [މުޙައްމަދު އަމީން] އާ ވެސް ވާހަަކަދައްކައިފައި އޮންނާނީ މިހާތަނަށް،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓަރުގެ ފަރާތުން ވެސް އެ ކަމުގައި އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވި ކަމަށެވެ.

ވެހިކަލް ލިމިޓް ކަނޑައެޅުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. ނަމަވެސް ކައުންސިލުގެ ކުރީ ދައުރުގައި ވެސް އަދި މި ދައުރުގެ މިހާތަނަށް ވެސް އެ ފަދަ ކަމެއް ކުރެވިފައެއް ނުވެއެވެ.

ވެހިކަލް ތޮއްޖެހުމުގެ މައްސަލަ ބޮޑުވެ، ޓްރާންސްޕޯޓް މިނިސްޓްރީން ވެސް މިހާރުވަނީ އެ މައްސަލަ ހައްލުކުރުމަށް ޓަކައި ބޭރުގެ ޖަމިއްޔާތަކާއި އެކްސްޕާޓުންގެ އެހީއާއެކު ކަމާ ގުޅޭ ދިރާސާތަކެއް ހަދަން މަސައްކަތް ފަށައިފައެވެ.

ވެހިކަލް ގިނަވެ، މާލޭގެ މަގުތަކުގައި ދުއްވަން ވެސް ދަތިވެފައިވާއިރު، ނުރައްކާތެރި އެކްސިޑެންޓުތަކަށް ވެސް އަންނަނީ މަގުފަހިވަމުންނެވެ.