ރާއްޖޭގެ ތާރީޚާ ގުޅިފައިވާ އޮޑިއެއް ކަމަށްވާ ކަޅުއޮށްފުންމީގެ ނަކަލު މާލެ ގެނެސް އާންމުންނަށް ޒިޔާރަތްކުރެވޭނެހެން ހުޅުވައިލުމުގެ މަސައްކަތް، ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

ކަޅުއޮށްފުންމި މާލެ ގެނެސް ބާއްވާނެ އޮޑި ހަރުގެ އަޅަން ނިންމާފައިވަނީ މިހާރު ކަޅުވަކަރު މިސްކިތް ހުރި މައިދާނުގައި ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ވުޒާރާއިން ބުނީ ކަޅުއޮށްފުންމި މާލެ ގެންނަނީ އުތީމު މަހާރަދުން، އައްސުލްތާނުލްޣާޒީ މުހައްމަދު ތަކުރުފާނުލްއައުޒަމް ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މައުލޫމާތު ލިބޭނެ އިންތިޒާމުތަކާ އެކު ގިނަ ބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމަށްޓަކައި ކަމަށެވެ.

ޑިސެމްބަރ 18، 2015: ރާއްޖޭގެ މިނިވަންކަމަށް ޖިހާދު ކުރެއްވި އުތީމު ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮށްފުންމިއާ އެއްގޮތަށް ހދ. ނޭކުރެންދޫގައި ބަނދެފައިވާ ކަޅުއޮށްފުންމި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުޅަނދުގެ މަރާމާތަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

މި މަޝްރޫއާ ގުޅިގެން ކުރަން ރޭވިފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި،

  • މަރާމާތުގެ މަސައްކަތް ކޮންސަލްޓުންޓާ ހަވާލުކުރުން،

  • ކަޅުއޮށްފުންމީގެ ނަކަލު މާލޭގައި ބަހައްޓާތަން ތައްޔާރުކުރުން،
  • އޮޑިހަރުގެ އެޅުން،
  • ކަޅުއޮށްފުންމި ބަލައިލަން ތިބެވޭނެ ޕްލެޓްފޯމް ތައްޔާރުކުރުން ހިމެނެއެެވެ.

ތަރިކައާއި ސަގާފަތާ ބެހޭ ވުޒާރާއިން ބުނީ ކަޅުއޮށްފުންމި މާލެ ގެނެސް، މަރާމާތުގެ މަސައްކަތްތަކަށް ފަހު އާންމުންނަށް ޒިޔާރަތްކުރެވޭ ގޮތަށް ހުޅުވައިލާނީ ހާއްސަ ރަސްމިއްޔާތަކުން ކަމަށާއި، އަދި ކުރިއަށް އޮތް ތިން ހަފުތާއެއްހައި ދުވަސް ތެރޭގައި މަސައްކަތް ނިންމައިލެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކަޅުއޮށްފުންމިއަކީ މީލާދުން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އަލިރަސްގެފާނު ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެ މީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށްޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ.

އުތީމު މަހާރަދުންގެ ގައުމީ ޖިހާދާއި ކަޅުއޮށްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީޚީ މައުލޫމާތު ދިރާސާކުރުމަށް ފަހު، ލިބުނު ނަތީޖާތަކުގެ މައްޗަށް ބިނާކޮށް، އެ އޮޑީގެ ނަކަލު ބަނދެވުނީ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ.

ދިގުމިނުގައި 51 ފޫޓު ހުންނަ ނަކަލު ކަޅުއޮށްފުންމި މޫދަށް ބޭލީ ޑިސެމްބަރު 2, 2015 ގައެވެ. މިނިވަން 50ގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލައިފައެވެ.