އިޓާލިއަން ސެރީއާ އާއި ކޮޕާ އިޓާލިއާގެ ޗެމްޕިއަން އާއި ދެވަނަ ޓީމްގެ މެދުގައި ކުޅޭ ސުޕާކޮޕާ އިޓާލިއާނާގެ ޗެމްޕިއަންކަން އިންޓާ މިލާންއިން ހޯދައިފިއެވެ.

ސައުދީ އަރަބިއާގެ ރިޔާދުގައި ރޭ ކުޅުނު ފައިނަލްގައި އެންމެ ފަހުގެ އިޓާލިއަން ސެރީއާގެ ޗެމްޕިއަނުންނާ ވާދަކޮށް އިންޓާއިން މުބާރާތް ކާމިޔާބު ކުރީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓާއިންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިފައިވާކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް މިހާފުގައި ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.

މިމެޗުގެ ދެވަނަ ހާފު ފެށުމުގެ ކުރިން ވަނީ އިޓަލީވިލާތުގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާ ކަމަށްވާ ލުއިޖީ ރީވާ މަރުވުމުގެ ހިތާމައިގައި ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފައެވެ. ރީވާ އުމުރުން 79 އަހަރުގައި މަރުވިކަން އެނގިފައިވަނީ މިމެޗު ފެށުމަށް ކުޅުންތެރިން ދަނޑަށް އަރަށް އުޅެނިކޮށް ކަމުން މެޗު ފެށުމުގެ ކުރިން އެކަން ކުރެވޭގޮތެއް ނުވިއެވެ. ރީވާ މަރުވި ކަން ދެޓީމްގެ ބައެއް ކުޅުންތެރިންނާއި ކޯޗުންނަށްވެސް އެނގުނީ އޭނާގެ ފޮޓޯ ދަނޑުގެ ބޮޑު ސްކްރީނަށް އެޅުވި ހިސާބުންނެވެ.

މިމެޗުގައި ދެޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެއްނަމުން ދަނިކޮށް އިންޓާ ކޮޅަށް މެޗު ބޮޑަށް އެނބުރުނީ މެޗުގެ 60 ވަނަ މިނެޓްގައި ނަޕޯލީގެ ޖިއޮވާނީ ސިމިއޯނީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. މިއާއެކުވެސް ނަޕޯލީއިން ވަނީ އިންޓާއަށް ލަނޑެއް ޖެހުނަނުދީ މެޗުގެ އިތުރު ވަގުތާ ހަމައާ ޖެހެންދެން ހިފަހައްޓާލައިފައެވެ. މިމެޗުގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި އިންޓާއަށް ކާމިޔާބު ކޮށްދިނީ އެޓީމްގެ ކެޕްޓަން ލައުޓާރޯ މަޓިނޭޒްއެވެ.

މިކާމިޔާބީއާއެކު އިންޓާއިން މިހާރު މިވަނީ މިމުބާރާތުގެ ތަށި ޖެހިޖެހިގެން ތިންވަނަ ފަހަރަށް އުފުލާލައިފައެވެ.