އޮލިމްޕަހުގައި ދާދި ފަހުން ދެއްކުން ހުއްޓާލި ރޮމްކޮމް ފިލްމު "މިއީ އިޝްގު"އަށް އޮތް ޑިމާންޑު ބޮޑުވެ އިތުރު ޝޯތަކެއް އެޅުވުމަށް ނިންމައިފިއެވެ.

ޝަރަފް އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ) ލީޑުން ފެންނަ މި ފިލްމު ވަނީ މި މަހުގެ ހަވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކޮށް ދައްކަން ފަށާފައެވެ. އަދި، ކާމިޔާބު ޝޯތަކެއް އެޅުވުމަށް ފަހު ފިލްމުގެ ވަދާއީ ޝޯ ދައްކާފައިވަނީ އަންގާރަ ދުވަހުގެ ރޭގައެވެ.

ނަމަވެސް ފިލްމު ނިމުމުން ވެސް އެއަށް ޑިމާންޑު އޮތުމުން ބޯނަސް ޝޯތަކުގެ ގޮތުގައި އިތުރު ދެ ޝޯއެއް އެޅުވުމަށް ވަނީ ނިންމާފައެވެ. މި ޝޯތައް އަޅުވާނީ މާދަމާ ރެއާއި އަންނަ ހަފުތާ ބުދަ ދުވަހުގެ ރޭގައެވެ.

އަޒްހާން އިބްރާހީމް ޑައިރެކްޓު ކުރާ މި ލޯބީގެ ފިލްމު ގެ ފަހު ޝޯ އަށް އަދިވެސް ހުސް ޖާގަ ހުރި ކަމަށް ޕްރޮޑަކްޝަނުން ބުނެއެވެ. އޮލިމްޕަސް ކައުންޓަރުން ޓިކެޓު ވިއްކަމުންދާއިރު ޓިކެޓު ބުކް ކުރުމަށްޓަކައި ގުޅާނީ 9633326 އަށެވެ.

މި ފިލްމަކީ އާޝާއާއި ޝަރަފު އެކީގައި މަސައްކަތް ކުރާ ތިންވަނަ ޕްރޮޖެކްޓެވެ. އަދި، ޖޯޑެއްގެ ގޮތުގައި ދެ މީހުން ފެނިގެންދާ މިއީ ދެވަނަ ފަހަރެވެ. މީގެ ކުރީން އުފައްދާފައިވާ ވެބް ސީރީޒެއް ކަމަށްވާ "ހިނދުކޮޅެއް"ގައި ވެސް ދެ މީހުން ވަނީ ޖޯޑެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ.

އަޒްހާން ބުނާ ގޮތުގައި މި ފިލްމަކީ އާއިލާ އެކު ގޮސް އެންމެންނަށް ވެސް ބަލައިލެވޭނެ ފިލްމެކެވެ. އަދި ދިވެހި އޯޑިއެންސްއާ ގުޅޭ ތީމުތައް މި ފިލްމުން ފެންނާނެ ކަމަށް ވެސް އޭނާ ބުނެއެވެ.

މިއީ އަޒްހާން ޑައިރެކްޓު ކުރާ ފުރަތަމަ ފިލްމެވެ.