29 Jan 2024, 09:07
މި ފަހަކަށް އައިސް ބޮލީވުޑްގެ ފިލްމުތައް ދެކުނު އިންޑިއާގެ ފިލްމުތަކާ އަޅައިކިޔާތީ ދުވަސްވީ އެކްޓަރު އަމީތާބް ބައްޗަން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ބޮލީވުޑްގެ ފިލްމުތަކަށްވުރެ ދެކުނު އިންޑިއާގެ ފިލްމުތަކުގެ ފެންވަރު ރަނގަޅު ކަމަށް ގިނަ ބަޔަކު ބުނާތީ އެހެން ބުނުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އިންޑިއާގެ ޕޫނޭގައި ބޭއްވި ފިލްމު ފެސްޓިވަލަށް ހާޒިރުވި ދަރިވަރުންނާ މުހާތަބު ކުރަމުން އަމީތާބް ބުނީ އިންޑިއާއަށް ލިބޭ ކޮންމެ ރީތި ނަމަކާއި ގައުމުގެ ޒުވާނުންގެ އަޚްލާގަށް އަންނަ ބަދަލުތަކުގެ ޒިންމާ ވެސް ގިނަ ފަހަރަށް ނަގަންޖެހެނީ އިންޑިއާގެ ސިނަމާއަށް ކަމަށެވެ.
އެހެންކަމުން ވަކި ބަޔަކަށް ނިސްބަތްކޮށް އެއްބަޔަކު އަނެއް ބައެއްގެ މެދުގައި ހަމަނުޖެހުމާއި ޚިޔާލު ތަފާތުވުން އުފެދޭ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތު އެއްވެސް ބަޔަކު ނުދިނުމަށް އަމީތާބް ވަނީ ގޮވައިލައިފައެވެ.
އަމީތާބާއެކު އަންހެނުން ޖަޔާ ބައްޗަން ބައިވެރިވި މި ފެސްޓިވަލްގައި ފިލްމު އިންޑަސްޓްރީއަށް ލިބޭ ފާޑުކިޔުންތަކުގެ އިތުރުން ސިނަމާއަށް ޓެކްނޮލޮޖީގެ ރޮނގުން ލިބިފައިވާ ކުރިއެރުންތަކުގެ ވާހަކަ އާއި ތަޖުރިބާތައް ދަރިވަރުންނާ ހިއްސާކޮށްފައިވެއެވެ.
ފިލްމެއް ވުޖޫދަށް އަންނަނީ ވަރަށް ގިނަ ތަޖުރިބާތަކެއް ކުރުމަށްފަހު ކަމަށާއި ގިނަ ފިލްމުތަކުން ދައްކުވައިދީފައިވާ ހާދިސާތަކަކީ ގިނަ މީހުންގެ އާންމު ދިރިއުޅުމާ ކޮންމެ ވެސް ގޮތަކަށް ގުޅުން ހުންނަ ހާދިސާތައްކަމަށް ޖަޔާ ވަނީ ބުނެފައެވެ.
ދެކުނުގެ ފިލްމު އިންޑަސްޓްރީއަށް ނިސްބަތްކޮށް އަމީތާބް ބުނެފައި ވަނީ ތަމަޅަ އަދި ތެލުގޫ ފިލްމުތަކަކީ އެ ރީޖަންއާ ގުޅޭގޮތަށް އުފައްދާ ފިލްމުތައް ކަމަށެވެ.
ތަމަޅަ އަދި ތެލުގޫ ފިލްމުތަކުގެ ސައްހަކަމަށް ތައުރީފު ކުރަމުން ބޮލީވުޑްގެ މެގަ ސްޓާ ބުނެފައި ވަނީ، ދެކުނުގެ ފިލްމުތަކާ ހިންދީ ސިނަމާގެ ފިލްމުތަކާ މާބޮޑު ތަފާތެއް ހުރިކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އަމީތާބް ބައްޗަން އަދި އަންހެނުން ޖަޔާ ބައްޗަން-- ފޮޓޯ/ބޮލީވުޑް ހަންގާމާ
ފަހަކަށް އައިސް ތަމަޅަ އަދި ތެލުގޫ ބަހުން އުފައްދާ ގިނަ ފިލްމުތައް ހިންދީ ބަހުން ޑަބްކޮށް ރިލީޒްކުރަން ވަނީ ފަށާފައެވެ. އޭގެ އެންމެ ބޮޑު އެއް ބޭނުމަކީ ހިންދީ ފިލްމު ބަލާ އޯޑިއަންސްތަކަށް ދެކުނުގެ ފިލްމުތައް ބަލާލުމުގެ ފުރުސަތު ހޯދައިދިނުމެވެ.
މި ދެ ރީޖަންގެ ފިލްމު އިންޑަސްޓްރީއަކީ ވެސް ވަރަށް ވާދަވެރި ދެ އިންޑަސްޓްރީއަށްވީ ނަމަވެސް ބޮލީވުޑްގެ ބޮޑެތި ފިލްމީ ތަރިން އަންނަނީ ދެކުނުގެ ފިލްމުތަކުގައި މަސައްކަތް ކުރަމުންނެވެ.
އެފަދަ ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޖަވާން" ހިމެނެއެވެ.
މި ފިލްމުގެ ލީޑް ރޯލްއިން ބޮލީވުޑްގެ ކިންގް ޚާން ޝާހްރުކް ޚާން ފެނުނުއިރު ދެކުނުގެ ފިލްމީ ތަރިން ކަމަށްވާ އެންޓީ އާރް ޖޫނިއާ، ރަޝްމިކާ މަންދަންނާ އަދި ވިޖޭ ދެވަރަކޮންދާ ފަދަ ތަރިން ވަނީ ބޮލީވުޑު ފިލްމުތަކުގައި މަސައްކަތް ކުރަން ފަށައިފައެވެ.