ތެހެރާން (29 ޖަނަވަރީ 2024): އީރާނުން ފުރަތަމަ ފަހަރަށް އެއް ރޮކެޓެއްގައި ތިން ސެޓަލައިޓް ޖައްވަށް ފޮނުވާލައިފިއެވެ.

އީރާނުގެ ފަޒާއާބެހޭ އިދާރާ ބުނިގޮތުގައި މިތިން ސެޓަލައިޓްވެސްވަނީ ކާމިޔާބުކަމާއެކު ޖައްވުގެ އޯބިޓްތަކުގައި ބެހެއްޓިފައެވެ. މިއާއެކު އެއޯބިޓްތަކުގައި މިތަކެތި ދުނިޔެވަށައި ބުރުޖަހަން ފަށާނެއެވެ. މިތިން ސެޓަލައިޓާއެކު އީރާނުން މިހާތަނަށް ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވައި ޖައްވުގައި ބެހެއްޓި ސެޓަލައިޓްތަކުގެ އަދަދުވަނީ 11އަށް އަރާފައެވެ.

ސެޓަލައިޓްތައް ފޮނުވުމުގައި މީގެ އަހަރުތަކެއް ކުރިން އީރާނަށް ބޮޑެތި ނާކާމިޔާބީތަކަކާވެސް ކުރިމަތިލާން ޖެހުނެވެ. އީރާން ފޮނުވި ހަތަރު ސެޓަލައިޓެއް އޯބިޑްތަކުގައި ހަރުނުވެ ވެއްޓިފައިވެސް ވެއެވެ. ނަމަވެސް އީރާން މިހާރުވަނީ މި އުނދަގޫ މަރުހަލާ ކަޑައްތުކޮށް ޖައްވުގެ އޯބިޓްތަކުގައި ސެޓަލައިޓްތައް ހަރުކުރުމުގެ ޓެކްނޮލޮޖީގައި ބޮޑެތި ތަޖުރިބާތަކެއް ހާސިލް ކޮށްފައެވެ.

އީރާނުން އިއްޔެ ޖައްވަށް އެއްފަހަރާ ތިން ސެޓަލައިޓް ފޮނުވުމަށް ބޭނުންކުރީ އެގައުމު އަމިއްލައަށް އުފައްދާފައިވާ ބާރުގަދަ ރޮކެޓެއްކަމަށްވާ "ސެމްރޮގް" އެވެ. މި ރޮކެޓްގެ އިތުރުން "ގާއިމް 100" ނަމަކަށް ކިޔާ އެހެން ރޮކެޓެއްވެސް ސެޓަލައިޓް ފޮނުވުމަށް އީރާން ބޭނުންކުރެއެވެ. މީގެތެރެއިން "ސެމްރޮގް" އަކީ ދިޔާ ފިއުލް ބޭނުންކުރާ ރޮކެޓެކެވެ. "ގާއިމް" އަކީ ސޮލިޑް ފިއުލް ބޭނުންކުރާ ރޮކެޓެކެވެ.

އީރާނުގެ ސްޕޭސް ރީސާޗް އިންސްޓިޓިއުޓް ބުނާގޮތުން އިއްޔެ ފޮނުވާލި ތިން ސެޓަލައިޓަކީ "މަހްދާ"، "ކީހާން 2" އަދި "ހާތިފް 1" މިތިން ސެޓަލައިޓެވެ. މިއީ ތިންކަމަކަށް ބޭނުންކުރާގޮތަށް ފަރުމާކޮށްފައިވާ ތިން ސެޓަލައިޓެވެ. "މަހްދާ" އަކީ ސެޓަލައިޓްތަކުގެ ސަބްސިސްޓަމްތައް ތަރައްގީކުރުމުގެ ގޮތުން ފޮނުވާލި ސެޓަލައިޓެކެވެ.

"ކީހާން 2" އަކީ ބިމުގެ ތަންތަން ފާހަގަކޮށް ޕޮޒިޝަނިންގް ޓެކްނޮލޮޖީ ތަރައްގީކުރުމުގެ ޕްރޮގްރާމުގެ ދަށުން ފޮނުވާލި ސެޓަލައިޓެކެވެ. މިގޮތުން ޖީޕީއެސް އާ ނުލައި ގްލޯބަލް ޕޮޒިޝަނިން ސިސްޓަމެއް ތަރައްގީކުރުމަށް އީރާން ކުރާ މަސައްކަތަށް މިސެޓަލައިޓް އެހީތެރިވެދޭނެއެވެ. "ހާތިފް 1" އަކީ އީރާނުގެ ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ނެޓްވާކް އިތުރަށް ތަރައްގީ ކުރުމަށް ކުރިޔަށް ގެންދާ ރޮގްރާމުގެ ދަށުން ފޮނުވާލި ސެޓަލައިޓެކެވެ.

މީގެ އެއް ހަފުތާކުރިންވެސް އީރާން ވަނީ "ސުރައްޔާ" ނަމަކަށް ކިޔާ ކޮމިއުނިކޭޝަން ސެޓަލައިޓެއް ޖައްވަށް ކާމިޔާބުކަމާއެކު ފޮނުވާލާފައެވެ.

އީރާނުން އިއްޔެ އެއްފަހަރާ ތިން ސެޓަލައިޓް އެއްރޮކެޓްގައި ޖައްވަށް ފޮނުވާލުމުން އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުންވަނީ އެއީ އެގައުމުތަކުން ކަންބޮޑުވާކަމެއްކަމަށް ބުނެ ފާޑުކިޔާފައެވެ. މިއާއެކު އީރާނުން ސެޓަލައިޓް ޖައްވަށް ފޮނުވަނީ ދުރުރާސްތާގެ އިންޓަކޮންޓިނެންޓަލް ބަލިސްޓިކް މިސައިލް އުފެއްދުމުގެ ރޭވުމެއްގެ ދަށުންކަމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ބުނެފައިވެއެވެ.

އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ހުޅަނގުގެ ގައުމުތަކުގެ ވިސްނުން އަދިވެސް ހުންނަނީ ރޮކެޓް ސައެންސާއި މަތީފެންވަރުގެ ޓެކްނޮލޮޖީތައް ތަރައްގީ ކުރުމަށް ކުފޫ ހަމަވާ ބަޔަކީ ހަމައެކަނި ޔޫރަޕްގެ ދޮންމީހުންނާއި ޔަހޫދީ އިސްރާއީލު ފަދަ ގައުމުތައް އެކަނިކަމުގައެވެ.

އެމެރިކާއާއި ޔޫރަޕަށް ބޯ ނުލަނބާ ގައުމަކުން ނިއުކްލިޔާ އާއި ރޮކެޓް ސައެންސާއި މަތީފެންވަރުގެ ޓެކްނޮލޮޖީތައް ތަރައްގީ ކުރުމަކީ މި އޮތް ތަހުޒީބު ޒަމާނުގައިވެސް ހުޅަނގުގެ ބާރުތަކަށް ހަޖަމު ކުރެވޭ ކަމަކަށް ނުވެއެވެ. ހުޅަނގުގެ މިގައުމުތަކުން އަދިވެސް ގެންގުޅެނީ އެގައުމުތައް ނޫންއެހެން ގައުމަކުން ޚާއްސަކޮށް އެގައުމުތަކަށް ބޯނުލަނބާ ގައުމަކުން އިލްމާއި ޓެކްނޮލޮޖީ ތަރައްގީ ކުރުމަކީ ކޮށްގެންނުވާނެ ކަމެއްކަމުގެ ބޯދާ ވިސްނުމެވެ.

ނަމަވެސް ފަނާކުރަނިވި ހަތިޔާރުތައް ހަދައިގެން ދުނިޔޭގެ އަމަނާއި ސުލްހައަށް ނުރައްކާ ކުރާކަން މިހާތަނަށް ހާމަވެފައިވަނީވެސް މައިގަނޑު ގޮތެއްގައި ހުޅަނގުގެ މި ބޮޑެތި ދެތިން ގައުމުންނެވެ.