29 Jan 2024, 23:20
ކޯޓެޑިއުއާގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލުން ޑީއާރު ކޮންގޯ ޖާގަހޯދީ ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ރައުންޑް އޮފް ސިކްސްޓީންގައި ހަތް ފަހަރަށް މިމުބާރާތް ކާމިޔާބު ކޮށްފައިވާ މިސްރާ ބައްދަލުކޮށް ފުރިހަމަ ވަގުތު ހަމަވިއިރު އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޖަހައިގެން އަށް ލަނޑު ހަތް ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު މިސްރުން ބޯޅަ ގެންގުޅެ ގިނަ ހަމަލާ މިސްރުން އުފެއްދިއިރު ގިނަ ހަމަލާ ދީފައިވަނީ ޑީއާރު ކޮންގޯއިންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 37 ވަނަ މިނެޓްގައި ޖަހައި ލީޑު ނަގައިފާވަނީ ޑީއާރު ކޮންގޯއިންނެވެ.
މިލަނޑު އެޓީމަށް ޖަހައިދިނީ މެޝާކް އެލިއާއެވެ. ނަމަވެސް ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން މިސްރުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މޮސްތަފާ މުހަންމަދެވެ.
މިމެޗުގެ ދެވަނަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބުނު ނަމަވެސް ފުރިހަމަ ވަގުތު ހަމަވިއިރުވެސް މިނަތީޖާއަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އަދި ނަތީޖާ ނެރުމަށްޓަކައި ކުޅުނު އިތުރު ވަގުތުގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ކޮންމެ ޓީމަކުންވެސް ހަތަރު ޕެނަލްޓީ ކާމިޔާބު ކުރެވުނު އިރު ޖެހިގެން އައި ތިން ޕެނަލްޓީވެސް ދެޓީމުން ކާމިޔާބު ކުރިއެވެ. މިސްރަށް މައްސަލަ ދިމާވީ އެޓީމްގެ ނުވަ ވަނަ ޕެނަލްޓީ ކީޕާ މުހަންމަދު އަބޫ ގަބާލް އަތުން ބޭކާރުވި ހިސާބުންނެވެ. ނަތީޖާއަކަށްވީ ޑީއާރު ކޮންގޯގެ ކީޕާ ލިއޮނެލް އެމްޕާސީ އޭނާގެ ޕެނަލްޓީ ކާމިޔާބު ކޮށް މިމުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް އެޓީމަށް ހޯދައިދިނުމެވެ.
މިއާއެކު އެންމެ ފަހުގެ ފައިނަލްގައި ވާދަކުރި މިސްރު މިފަހަރުގެ މުބާރާތުން ވަކިވީ އެއްވެސް މެޗަކުން މޮޅުނުވެވިއެވެ.