30 Jan 2024, 10:16
ޕާކިސްތާނާއި އީރާނުން ސަލާމަތީ އެއްބާރުލުން ފުޅާކުރަން ނިންމައިފިއެވެ.
އެކަމާ ގުޅިގެން އީރާނުން ބުނީ ދެ ގައުމުން ވެސް ދެ ގައުމުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަ ކަމަށް އިހްތިރާމް ކުރާ ކަމަށެވެ. މިއީ ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ހަމަނުޖެހުންތައް އެއް ފަރާތްކޮށް ސުލްހަވާން އުޅޭ ކަމުގެ އިޝާރާތެކެވެ.
ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރި ހަމަލަތަކަކާ ގުޅިގެން ޕާކިސްތަނާއި އީރާނުގެ ގުޅުމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.
ސަލާމަތީ ކަންކަންކަމުގައި އެއްބާރުލުންދީ އެ ގުޅުން އިތުރަށް ފުޅާކުރުމަށް ދެ ގައުމުން ނިންމައިފައިވާ ކަމަށް އިއުލާންކުރީ ޕާކިސްތާނަށް ވަޑައިގެން އުޅުއްވާ އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އާމިރު ޢަބްދުﷲ ހައްޔާނާ އެކު ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޖަލީލް އައްބާސް ޖިލާނީ ބޭއްވެވި ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ޕާކިސްތާނުގެ ޙާރިޖީ ވަޒީރު ޖިލާނީ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަސްވަސްކަން ހީކުރި ވަރަށްވުރެ އަވަހަށް ހައްލުކުރެވިފައިވާ ކަމަށެވެ. އަދި، ދެ ގައުމުން ވެސް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރަން ނިންމައިފައިވާ ކަމަށް ވެސް ޖިލާނީ ވިދާޅުވިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އަބްދުﷲ ވިދާޅުވީ ދެގައުމުގެ މެދުގައި ރަނގަޅު ވިސްނުމެއް އޮތް ކަމަށާއި އީރާނާއި ޕާކިސްތާނާ ދެމެދު ދުވަހަކު ވެސް ސަރަހައްދީ ތަފާތުތަކެއް ނުވަތަ ހަނގުރާމަތަކެއް ހިނގާފައިނުވާ ކަމަށެވެ. އަދި އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވެސް ވަރަށް އަވަހަށް ޕާކިސްތާނަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ޢަބްދުﷲ ވިދާޅުވިއެވެ.
އީރާނާއި ޕާކިސްތާނާއި ދެމެދު ގުޅުން ގޯސްވެފައި ވަނީ ދެ ގައުމުގެ ދެ ދެމެދުގައި ބަދަލުކުރި ވައިގެ ހަމަލާތަކަކަށްފަހުއެވެ. އެ މައްސަލައިގައި ޕާކިސްތާނުން ވަނީ އީރާނުގައި ހުރި އެ ގައުމުގެ ސަފީރު އަނބުރާ ގެންގޮސްފައެވެ.