30 Jan 2024, 00:39
ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގެ ރީރެޖިސްޓްރޭޝަނަށް އީފާސް ބޭނުން ކުރެވޭނެ ކަމަށް އިލްކެޝަންސް ކޮމިޝަން (އީސީ)އިން މިރޭ ބުނެފިއެވެ.
ޕީއެސްއެމްގެ 'މަޖިލިސް ވިހި ސައްވީސް' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ ޑިރެކްޓަރު އަބްދުﷲ އުނައިސް ވިދާޅުވީ، އަމިއްލައަށް ރެޖިސްޓާ ވާން ބޭނުންވާ މީހުންނަށް މިހާރު އީފާސް ބޭނުން ކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ކުރިން ބޭނުންކުރި އެސްއެމްއެސް ޓޯކެން ސިސްޓަމުން ރީރެޖިސްޓާ ވުމާއި، އީފާހުން ރީ ރެޖިސްޓާ ވުން ތަފާތުވެފައި ފަސޭހަވާނެ ކަމަށެވެ. އަދި ކުރިން ބޭނުން ކުރި ނިޒާމުގައި ދަތިތަކެއް ހުރި ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އީފާސްގެ ނިޒާމު ބޭނުން ކުރުމާ ކުރީގައި އަޅުގަނޑުމެން ބޭނުންކުރި ނިޒާމުގެ ތަފާތަކަށް މި އޮންނަނީ އަޅުގަނޑުމެން ކުރީގެ ނިޒާމުން ވެއްޖެއްޔާ އެ ބޭފުޅެއްގެ އައިޑީކާޑު ފޮޓޯ އެއަށް އަޕްލޯޑު ކުރަން ޖެހޭނެ، އެބޭފުޅެއްގެ އަމިއްލަ ފޮޓޯ އަޕްލޯޑު ކުރަން ޖެހޭނެ. އެހެން ވީމަ ތަންކޮޅެއް އުނދަގޫ ގޮތަކަށް މި ދަނީ. އެ ޝަކުވާ ވެސް އައި،" އުނައިސް ވިދާޅުވިއެވެ.
ދަތިތަކެއް ހުރި ނަމަވެސް، އީފާހުގެ އިތުރުން އެ ނިޒާމުވެސް މި އިންތިޚާބުގައި ވެސް ބޭނުން ކުރާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް މި އިންތިޚާބުގެ ރީރެޖިސްޓްރޭޝަނަށް ކަރުދާސް ފޯމު އެއްވެސް ވަރަކަށް ބަލައި ނުގަންނާނެ ކަމަށް އުނައިސް ވިދާޅުވިއެވެ. އަދި ކުރިއަށް ހުރި އެހެން އިންތިޚާބުތަކުގައިވެސް އެއްވެސް ވަރަކަށް އެ ކަރުދާސް ފޯމު ބޭނުން ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެން އީފާސް އިންްޓަގްރޭޓު ކުރި އިރު އަޅުގަނޑުމެން އިންނާނީ ވެރިފައިޑް އީފާސް އެކައުންޓެއް ވެއްޖެއްޔާ އެ ބޭފުޅަކު ޖެހިވަޑައެއް ނުގަންނަވާނެ ފޮޓޮއެއް އަޕްލޯޑު ކުރައްވާކަށް އަދި އައިޑީކާޑު އަޕްލޯޑު ކުރައްވާކަށް. އެއީ އޮފިޝަލް ނިޒާމަކަށް ވާތީ،" އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ރީރެޖިސްޓްރޭޝަނަށް ވެސް ވޯޓުލުމަށް ވެސް އީފާސް ބޭނުން ކުރެވޭ ގޮތް ހަމަޖައްސައިފައެއް ނުވެއެވެ. ނަމަވެސް، އީފާސް މެދުވެރިކޮށް އީސީގެ ޚިދުމަތް ލިބޭ ގޮތް މިދިޔަ ޑިސެމްބަރު ވަނީ ހަމަޖައްސައިފައެވެ.
މިއަހަރުގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އީސީން ނިންމަވާފައިވަނީ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. އެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އިއުލާންކޮށް، މިމަހުގެ 21އާ ހަމައަށް ޝަކުވާއަށް ހުޅުވާލިއެވެ.
އެ އިންތިޚާބަށް ރީރެޖިސްޓާ ވާން ހުޅުވާލާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހަތް ދުވަހަށެވެ.