30 Jan 2024, 11:58
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ހިތުގައި އުފެދިފައިވާ ނުތަވަސްކަން ހައްލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އިއްޔެ ޑރ. ޝަހީމް މިނިސްޓަރުކަމަށް އަލުން އައްޔަން ކުރެއްވުމުން މަރުހަބާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ސިޔާސީގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމަކީ އޭނާއަށް އާ ކަމެއް ނޫންކަމަށެވެ.
"އެ ކަހަލަ ކިތަންމެ ކަމެއް ވަނީ ވޭތުވެ ދިޔަ ވިއްސަކަށް އަހަރުތެރޭ ކުރިމަތި ވެފައި،" ޝަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިއަދު ވެސް އިސްލާމިކް މިނިސްޓަރުގެ މަގާމުގައި އެ ހުންނެވީ އެ ހުރިހާ ކަމެއް ގިރާކޮށްފައި ކަމަށެވެ. އަދި، ދެން ވެސް ކުރިއަށްދާން އޮތީ މާ ފަސޭހަ މަގެއް ނޫން ކަމަށާއި ނަމަވެސް އަޒުމާ ހިތްވަރާއެކު ކުރިއަށް ދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އޭނާއާ މެދު އޮތް ނުތަނަވަސް ކަމަކީ ކޮބައިތޯ ބަލައި، އެކަންކަން ހައްލުކުރަން ވެސް އޭނާގެ ފަރާތުން މަސައްކަތް ކުރައްވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ދިމަގްރާތީ ނިޒާމުގެ އެންމެ މަތީ އެއް މުއައްސަސާ. އެ މުއައްސަސާއާ އިސްލާމިކް މިނިސްޓްރީގެ ކަންކަން ހުންނަ ފަރާތަކާ ދެމެދު ނުތަވަސްކަމެއް އޮވެގެން ނުވާނެ،" ޝަހީމް ވިދާޅުވިއެވެ.
އެހެންމަކުން އެ ކަންކަން ހައްލުކުރަން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ކަނޑައަޅާ އެ ޕްލޭން އިއްޔެ ނެރެފައިވާ ކަމަށެވެ. އެހެންކަމުން އެ ޕްލޭނާ އެއްގޮތަށް މިނިސްޓްރީގެ ހުރިހާ ކަމެއް ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިއްޔެ މަޖިލީހުގެ 31 މެންބަރުންގެ ވޯޓުން ވަނީ ޝަހީމަށް ރުހުން ނުދޭން ފާސްކޮށްފައެވެ. އޭނާއަށް ރުހުންދޭން ވޯޓުދިނީ 30 މެންބަރުންނެވެ.
އެކަމަކު، މަޖިލީހުގެ ނިންމެވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރުހުން ނުލިބުނު ތިން ވަޒީރުން އަލުން މަގާމަށް އައްޔަންކުރައްވައިފައެވެ. އަދި، އެ ބޭފުޅުން އިއްޔެ ވަނީ މަގާމުގެ ހުވައި އަލުން ކުރައްވައިފައެވެ.
އެއީ، ގާނޫނީ ގޮތުން ކުރެވޭނެ ކަމެއްތޯ ބަލާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފައިވާއިރު، އެ ޕާޓީން ބުނީ އެ ތިން ވަޒީރުންނަށް އަދިވެސް ރުހުން ނެތް ކަމަށެވެ.