31 Jan 2024, 08:56
"މިކޮޅުގެ ހުރިހާކަމެއް ނިމުނީ ދޯ. އެހެންވީމަ ރާއްޖެ ދާން ބައްޕައަށް ފެންނަނީ." މުނީރުގެ ވާހަކައާއެކު ރާދިންއަށް މައާލްއަށް ބަލައިލެވުނެވެ.
މައާލް އިސްޖަހާލުމަށްފަހު، ވާހަކަ ދެއްކިއެވެ.
"އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް." މައާލް އެހެން ބުނެލުމުން ރާދިންވެސް އެގޮތާ އެއްބަސްވިއެވެ. ރާއްޖެ ދިޔުމަށްފަހު އެމީހުންގެ ގުޅުމަށް ގޮތެއް ނިންމުމުގެ އިޚްތިޔާރު ރާދިން މައާލްއަށް ދޭނެއެވެ. މައާލް އޭނާއާ ވަކިވާން ބޭނުންވާނެ ނަމަ އެކަންވެސް އޭނަ ކޮށްދޭނެއެވެ. އެކަމަކު ޖެހިލުންވަނީ އެކަމަށް ސިކުނޑި އަދި އަމިއްލަ މީހާގެ ނަފްސު ތައްޔާރު ނުކުރެވޭތީއެވެ. އެ ޚިޔާލު އާވާ ކޮންމެ ފަހަރަކު، އޭނާގެ މުޅި ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. ހިތް ހީވީ ކުދި ކުދި ވާހެންނެވެ. އެހެންނަމަވެސް، އޭނާ ބުނެފައިވާ ގޮތަށް ރާދިން އެ ވައުދު ފުއްދާނެއެވެ. މައާލްގެ އަސްލު މައިންބަފައިންގެ ހަޤީޤަތް ކިޔައިދިނުމަށްފަހު، މައާލްގެ އެދުމަކަށް ރާދިން ދެކޮޅެއް ނުހަދާނެއެވެ. އޭނާ ބޭނުންވަނީ އެ ހަޤީގަތާ މައާލް ކުރިމަތިލާއިރު މައާލްއާ އެންމެ ގާތުގައި ހުންނަ މީހަކަށް ވާށެވެ.
"އެހެންވީމަ މިފެށޭ ހަފްތާއަށް ޓިކެޓް ހަމަ ޖައްސާނީ." މުނީރު ބުނެލުމާއެކު ރާދިންއާ މައާލްއާ ދެމީހުންވެސް ބޯ ޖަހާލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. ކައިގެން މައާލް އޭނާގެ ކުރަހާ ކޮޓަރިއަށް ވަނެވެ. ރާއްޖެ ދިޔުމުގެ ކުރިން އޭނާ ކުރަހާފައިވާ ކުރެހުންތައް ފެނޭތޯ އޭނާ ބެލިއެވެ. އެއްވެސް ކުރެހުމެއް ނެތުމުން ކޮންމެވެސް މީހަކު އެ އެއްޗެހި އުކާލީކަމުގައި މައާލް ހީކުރިއެވެ. ކުރި ހުރިހާ މަސައްކަތެއް ފެނަށް ވެގެން ދިޔަ ފަދަ އިޙްސާސްއެއް މައާލްއަށް ކުރެވުނެވެ. ކޮންމެ ކުރެހުމަކީވެސް އޭނާގެ ހިތާ ވަރަށް ބޮޑަށް ގުޅިފައިވާ ކުރެހުމެކެވެ. އެހާމެ ކުރާ ހިތުން ކޮށްފައިވާ މަސައްކަތެކެވެ. އެ ހުރިހާ އެއްޗެއް އޭނާގެ އެއްވެސް ހުއްދައެއް ނެތި އުކާލީ ކާކު ހެއްޔެވެ؟ އެންމެ ފަހުން، އޭނާ ކުރަހާފައިވާ ކުރެހުން ވެސް މައާލް ހޯދިއެވެ. އޭނާ އެންމެ ދެރަވީ އެ ކުރެހުން ނުފެނުމުންނެވެ. ރާދިން އެކޮޓަރިއަށް ވަނީ ވެސް މައާލް އެ މަސައްކަތުގައި އުޅެނިކޮށެވެ.
މައާލް އެ ހޯދަނީ ކޯންޗެއްކަން ރާދިންއަށް އެނގުނެވެ. މީގެ ކުރިން ދުވަހަކުވެސް މައާލް އެކި ތަންތަން ހޯދަނިކޮށް އޭނާއަށް ފެނިފައިވާތީއާވެސް އެކުގައެވެ.
ރާދިން ފެނުމާއެކު މައާލް މަސައްކަތް ކުރުން ހުއްޓާލާފައި ގޮސް ގޮނޑީގައި އިށީނދެލިއެވެ. އެންމެފަހުން އޭނާ ކުރަހަން ފަށާފައިވާ ކުރެހުން ނިންމުމުގެ މަސައްކަތް އޭނާ ފެށިއިރު، އެކި ދުވަސްތަކުގެ މަތިން މައާލް ކުރަހާފައިވާ ކުރެހުންތައް ބަލަމުން ރާދިން ދިޔައެވެ. ލޮލުގެ ފެނުން އަނބުރާ ލިބުމަށްފަހު މައާލް ކުރެހި ކޮންމެ ކުރެހުމަކުންވެސް ވަރަށް ފުން މާނައެއް ދޭހަ ވެއެވެ. އޭގެތެރެއިންވެސް އެންމެ ޚާއްސަ ކުރެހުމަކަށް ރާދިންއަށް ވީ މައާލް އެންމެ ފުރަތަމަ ކުރެހި ކުރެހުމެވެ. އެ ކުރެހުން ފެންނަ ކޮންމެ ފަހަރަކު ރާދިންއަށް ބުނެދޭން ނޭނގޭ ގޮތެއް ވެއެވެ. މައާލްގެ ވޭނާ ކެކުޅުން އޭނާއަށް އަންދާޒާކޮށްލެވެއެވެ.މައާލްއަށް ބަލަން ހުރުމަށްފަހު، ރާދިން ވާހަކަ ދެއްކިއެވެ.
"މާލް… މާލް މިކޮޅުގައި އިތުރަށް މަޑުކުރަން ބޭނުންވަންޏާ އަހަރެން ބައްޕައާ ވާހަކަ ދައްކަފާނަން." މައާލް އިތުރު ދުވަސްކޮޅަކު އެެތަނުގައި ހުންނަން ބޭނުންވެދާނެކަމަށް ވިސްނާ ރާދިން ބުނެލިއެވެ.
"ނޫން. ބައްޕަ ދާއިރު އަހަރެންވެސް ދާނަން." މައާލް އެ އިން ގޮތަށް އިނދެ ޖަވާބު ދިނެވެ. އޭނާ ރާދިންއަކަށް ބަލައެއް ނުލައެވެ.
"އަހަރެން ވާހަކައެއް އަހާލަންތަ؟" ރާދިން އަނެއްކާވެސް ސުވާލުކޮށްލިއެވެ. މައާލްއާ ސުވާލެއް ކުރުމުގެ ކުރިން އިޒުނަ ވެސް ރާދިން ބޭނުންވާ ފަދައެވެ.
"ހޫމް." މައާލް "ހޫމް"އެއް ލައްވާލިއެވެ.
"ބޭރު ދޮރުގައިވާ ކުރެހުން އެއީ މައާލް ކުރަހާފައިވާ ކުރެހުމެއްތަ؟" އެ ސުވާލުގެ ޖަވާބު އެނގުނު ނަމަވެސް ރާދިން ސުވާލުކޮށްލިއެވެ. ހަޤީގަތުގައި ރާދިން ބޭނުންވީ މައާލްއާ ވާހަަކަ ދައްކަން ބަހަނާއެކެވެ. އެ ސުވާލު އޭނާ ކުރީ އެހެންވެގެންނެވެ.
"އާނ… " އެހެން ބުނެލާފައި މައާލް ރާދިންއަށް ބަލާލިއެވެ.
"ވަރަށް ރީތި." މައާލް ބަލަން އިނުމުން ރާދިން ދުރުބަލާލަމުން ބުނެލިއެވެ.
"އަހަންނަށް އެނގޭ…" މައާލް އޭނާ ކުރަހަން އިން ކުރެހުމަށް ނަޒަރު ހުއްޓާލިއެވެ.
"ކީއްވެ ފިޔާތޮށި ކުލަ." ރާދިން އިތުރު ސުވާލެއް ކޮށްލިއެވެ. ރާދިންގެ އެ ސުވާލާއެކު، މައާލްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
"ފިޔާތޮށި ފިނިފެންމާ… ރާއްޖޭގެ ގައުމީ މާ… ރާއްޖެ ދިޔުމުގެ ނަސީބު ނުލިބުނަސް، ރާއްޖެއާ ބެހޭ ވަރަށް ގިނަ މައުލޫމާތު އަހަރެން ހޯދިން. އަހަރެން ކުރަހާފައިވާ ވަރަށް ގިނަ ކުރެހުންތަކުގައި ރާއްޖޭގެ މަންޒަރުތައް ހުންނާނެ. ފެން އެއްޗަކަށް ކުލަ އެއްޗެއް އޮއްސާލީމަ ހުންނަ ފަދަ ގޮތަކަށް އެ ކުރެހުން ފެނުނު ނަމަވެސް، އޭގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއްވޭ…" މައާލް ހިނިތުންވެލީ ކުރީގެ ހަނދާނެއް އޭނާއަށް އާވުމުންނެވެ. އިތުރު ވާހަކައެއް މައާލް ނުބުނުމުން ރާދިން އޭނާ ދަނީކަމަށް ބުނެ ނުކުމެލީ އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުންނެވެ. ކޮޓަރީގެ ދޮރު ލައްޕާލާފައި ނުކުމެފައި އޭނަ އެ ކުރެހުމަށް ވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. މީގެ ކުރިން ދުވަހަކު ނުދޭވަރަށް ސަމާލުކަން ދީގެން ރާދިން އެ ކުރެހުމަށް ބަލަމުން ދިޔައެވެ. އެއާއެކު އޭނާއަށް އެ ކުރެހުމުން ވަރަށް އަޖައިބު ކުރުވަނިވި މަންޒަރެއް ލޮލުގައި އަޅައިގަތެވެ. އެ ކުރެހުމުގެ އެއްފަރާތުން އޭނާއަށް ފިޔާތޮށި ފިނިފެންމަލެއް ސިފަވެގެން ދިޔައެވެ. މައާލް އެބުނި ބަހުގެ މާނަ އޭނާއަށް ފަހުމްވީ ދެނެވެ. ރާދިންގެ ތުންފަތް މައްޗަށްވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ ފޯނު ނަގާ އެ ދޮރުގެ ފޮޓޯއެއް ފޯނުގައި ރައްކާކޮށްލިއެވެ.
އެ ހަފްތާގެ ތެރޭގައި، މައާލްއާ ރާދިންގެ އިތުރުން މުނީރުވެސް ލަންޑަންގެ އެކި އެކި ތަންތަނަށް ދިޔައެވެ. އެމީހުން ދާ ކޮންމެ ތަނަކުންވެސް މައާލްގެ ހަނދާންނަށް އަންނަނީ ޝާކިރާއި ފަހުމާއެވެ. އެމީހުން އެކުގައި ކުރިހާ މަޖަލަކާއި ޖެހިހާ ސަކަރާތެކެވެ. އެންމެ ހިތްދަތިވަނީ އެއީ އަސްލު ހަޤީޤީ މައިންބަފައިން ނޫންކަން އެނގުނީމައެވެ. އެހެންނަމަވެސް އޭނާ އެމީހުންނަށް އިންތިހާއަށް ޝުކުރުވެރިވެއެވެ. އަމިއްލަ ދަރިއެއް ނޫންނަމަވެސް، އޭނާއަށް އެއްވެސް ކަމެއް އުނިވިޔަ ނުދީ، އެމީހުން އޭނާގެ ކޮންމެ ބޭނުމެއްވެސް ފުއްދައިދެނީ އުފަލުންނެވެ. އޭނާ ބޭނުންވާ އެއްޗެއްގެ ނަން މައާލް ބުނަން ޖެހެނީ އެއްފަހަރުއެވެ. އެ އެއްޗެއް އޭނާއަށް ލިބެއެވެ. އޭގެ އިތުރުން އުފަން ދަރިއަކަށް މަންމައަކާއި ބައްޕައަށް ދެވޭނެ ފަދަ ލޯތްބެއް އެދެމީހުން މައާލްއަށް ދިނެވެ. އެއީ ކޮންފަދަ ހިތްހަޔޮ، ކޮންފަދަ މާތް ދެމަފިރިންހެއްޔެވެ؟ އޭނާގެ މައިންބަފައިން އޭނާ ބޭނުންނުވެގެން އެމީހުންނަށް ދިނީހެއްޔެެ؟ ނޫނީ އެއްލާލީ ހެއްޔެވެ؟ އެފަދަ ހުރިހާ ޚިޔާލުތަކުން މައާލްގެ ސިކުނޑި ތޮށްޖެހެމުން ދިޔައެވެ. ޕާކުތެރޭގައި ހުރި މައާލް ފުންނޭވާއެއް ދޫކޮށްލާ ވަށައިގެންވާ މާހައުލަށް ބަލާލިއެވެ.
ސްނޯގެ ސަބަބުން ފޮރުވިފައިވާ ބިންގަނޑާއި ދުރު ދުރުން ފެންނަ ފަރުބަދަތަކާއި، ސްނޯއިން ބަރާވެފައިވާ ގަހުގެ ގޮފިތައް ފެންނަނީ ވަރަށް ޗާލު ކޮށެވެ. ގުދުރަތީ މަނާޒިރު ކިތަންމެ ހާވެސް ފުރިހަމައެވެ. އައިސް ސްކޭޓް ކުރަން އުޅުނު ކުދިންތައް އެ މަސައްކަތުގައި އުޅުނުއިރު، އެއިން ކަމަކަށް ޝައުގުވެރިކަން ނެތް މައާލް ހުރީ އޭނާއަށް ފެންނަމުންދިޔަ މަންޒަރަށް ގެއްލި ހުސްވެފައެވެ. މާހައުލުގެ ފިނިކަމާއެކުވެސް ފެންނަ މަންޒަރުން އޭނާގެ ހިތަށް އުފާވެރިކަން ގެނެސްދެމުން ދިޔައެވެ.
"މައާލް." ރާދިން މައާލްގެ ކައިރިއަށް އައިސް ހުއްޓުމަށްފަހު ގޮވާލިއެވެ. މައާލް އާއެކޭ ބުނެ ރާދިންއަށް ބަލާލިއެވެ.
"ކޮންމެ ވިންޓަރއެއްގަ އަހަރެން މިތަނަށް އަންނަން." މައާލް އޭނާގެ ޙަޔާތުގެ ވާހަކަތައް އަނެއްކާވެސް ރާދިންއާ ހިއްސާކުރަން ފެށިއެވެ. ވަރަށް ޝައުގުވެރިކަމާއެކު ރާދިން މައާލްގެ ހުރިހާ ވާހަކައެއް ވެސް އަޑު އެހިއެވެ. އެއްވެސް ފޫހިކަމެއް ނެތިއެވެ. މައާލް ވާހަކަ ދައްކަމުން ދިޔައިރު އެސްފިޔަ ޖަހާލަންވެސް ނޭނގިފައި ހުރިފަދަ ގޮތަކަށް ރާދިންއަށް ހުރެވުނެވެ. މައާލްގެ އުފާވެރިކަން އޭނާގެ ހިތަށް ތަސައްލީއެއް ގެނެސްދިނެވެ.
*****
އެންމެފަހުން، ފުރަން އޮތް ދުވަސްވެސް އައިސް ޖެހިއްޖެއެވެ. އެއާރޕޯޓަށް ދިޔަ މައާލްގެ ހިތްވަނީ އަވަސްވެފައެވެ. މީގެ ކުރިން ރާއްޖެ ދެވުނު ނަމަވެސް، ރާއްޖޭގެ އެއްވެސް މަންޒަރެއް ފެނުމުގެ ނަސީބެއް އޭނާއަކަށް ނުލިބެއެވެ. ހިތަށް އުފާވެރި އިޙްސާސްއެއް ކުރުވާފައިވާއިރު، މައާލްގެ އުފާވެރިކަން ރާދިންއަށް ވެސް ފާހަގަ ކުރެވެއެވެ. ހިނިތުންވެލާފައި ވެސް އެ ހިނިތުންވުން ފަނޑުކޮށްލެވުނީ، ރާއްޖެ ދިޔުމަށްފަހު ދެން ކަންތައް ވެގެން ދާނެ ގޮތް ރާދިންއަށް އެނގޭތީއެވެ.
ރާދިންއަށް ނޭނގުނުކަމަކީ މައާލްގެ ހިތްވެސް ނުތަނަވަސްވާކަމެވެ. ރާދިންއަށް ބަލާލާ ކޮންމެ ފަހަރަކު މައާލްގެ ހިތަށް ވެސް އުނދަގޫވެއެވެ. އެހެންނަމަވެސް، އޭނާ މިވަގުތު އެއިން އެއްވެސް ކަމަކާ ވިސްނަން ބޭނުމެއް ނުވެއެވެ. ރާއްޖޭގެ ރަށްތައް މަތިން ބަލާލުމުގެ އުފާ ހާސިލް ކުރަން އޭނާ ބޭނުންވިއެވެ. ޗެކިންވުމަށްފަހު އެއާރޕޯޓް ތެރޭގައި ހޭދަވި ހުރިހާ ވަގުތަކުވެސް އޭނާ ވިސްނުން ދޫކޮށްލައިގެން ހުރީ ރާއްޖެއަށެވެ.
ބޯޑިން ފެށުމުން ތިން މީހުންގެ އިތުރުން އެމާ ވެސް ގޮސް ފްލައިޓަށް އެރިއެވެ. އޭނާއަށް ޚާއްސަ ކުރެވިފައިވާ ސީޓުގައި އިށީން މައާލް އެންމެ އުފާވީ އެއީ ކުޑަ ދޮރާ ދިމާލުގައި ހުރި ސީޓަކަށް ވާތީއެވެ. ފްލައިޓް ނައްޓާލުމާއެކު މުނީރު ލޯ މަރާލުމަށްފަހު، ގޮނޑީގައި ލެނގިލިއެވެ. މައާލްއާ ޖެހިގެން އިން ރާދިން މައާލްއަށް ބަލާލާ ހިނިތުންވެލާފައި ލޯ މަރާލިއެވެ. ފުރަން އައުމުގެ ކުދިން ވަރަށް ބުރަކޮށް އުޅުނީތީ އޭނާއަށްވެސް ވަރިބަލިކަން އިޙްސާސްވަމުން ދިޔައީތީއާވެސް އެކުގައެވެ.
ކިތަންމެ ދިގު ދަތުރަކަށްވީނަމަވެސް، މައާލް ވަރުބަލިވެސް ނުވާފަދައެވެ. އޭނާ ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުން ދިޔައީ ރާއްޖޭގެ ރަށްތައް ފެންނާނެ އިރަކަށެވެ. އެންމެ ފަހުން މައާލްގެ ހުވަފެން ހަޤީގަތަކަށް ވެއްޖެއެވެ. ރާއްޖޭގެ ރަށްތައް މަތިން ބަލާލުމުގެ ނަސީބު އޭނާއަށް ލިބިއްޖެއެވެ.
"ވާއު…" އެ އިން ގޮތަށް އިނދެ އޭނާއަށް ބުނެވުނެވެ. ރާދިން ވެސް މައާލްއަށް ބަލަހައްޓައިގެން އިނީ ހިނިތުންވެލައިގެންނެވެ. މައާލް ހައިރާންވީ ވަރުން އޭނާއަށް ބޭއިޚްތިޔާރުގައި ހީނވެސް ލެވުނެވެ. ނޫ ކަނޑުގައި ފެހި މުތްތަކެއްފަދަ ރާއްޖޭގެ ޖަޒީރާ ރަށްތައް އުފެދިފައިވަނީ ވަރަށް ވެސް ފުރިހަމަކޮށެވެ. އެ މަންޒަރު މައާލްއަށް ފެނިފައިވަނީ މުޅިން ވެސް ފޮޓޯތަކާއި ވީޑިއޯ ތަކުންނެވެ. ހަމަލޮލަށް އެ މަންޒަރު އަދި މާ ރީއްޗެވެ. މާ ޗާލެވެ. މާ ފުރިހަމައެވެ. ދުވާލުގެ ވަގުތެއްކަމުން އެ ހުރިހާ މަންޒަރެއް އެންމެ ފުރިހަމައަށް ފެނުމުގެ ނަސީބު މައާލްއަށް ލިބުނެވެ. ފްލައިޓް ޖައްސަންދެންވެސް އޭނާއަށް އިނދެވުނީ ބޭރު ބަލާށެވެ.
ފަލައިޓުން ފޭބުމަށްފަހު އިމިގްރޭޝަން ކްލިއާ ވެގެން ނުކުމެވުނުއިރު ހަވީރު ފަހެއްޖަހަނީއެވެ. އޭރު އެމީހުންގެ އިންތިޒާރުގައި މުނީރުގެ އިތުރުން ރާދިންގެ ޑްރައިވަރު ވެސް ހުއްޓެވެ.
"ބައްޕާ…" ވަކި ހިސާބަކަށް ގޮސްފައި މައާލް މަޑުޖެހިލިއެވެ.
"އަޅުގަނޑު ބޭނުމީ ބައްޕަމެން ގެއަށް ދާން." މައާލް އެބުނީ ޝާކިރުމެން ގެއަށް ދާ ވާހަކަކަން މުނީރަށް އެނގުނެވެ.
"އެންމެ ރަނގަޅު." މުނީރު ދެކޮޅެއް ނުހަދައެވެ. މައާލްގެ އެދުމަށް އޭނާ އިޚްތިރާމް ކުރިއެވެ.
"އަޅުގަނޑު މައާލްއާއެކު ދާނަން." ރާދިން ބުނެލިއެވެ.
ރާދިންއާ ދެބަސްވުމުގެ ބަދަލުގައި، މައާލް އެއީ ރާދިންގެ ކާރަށެވެ. ޑްރައިވަރު ކާރު ދުއްވާލުމާއެކު، މައާލް ލޯގަނޑުން ބޭރު ބަލަން ފެށިއެވެ. ސިނަމާލެ ބްރިޖްމަތިން އައިސް މާލޭގެ ހަލަބޮލި މަގުތަކަށް އެޅުމާއެކު މަގުތަކުގެ ހަނިކަމުން މައާލް އަޖައިބުވިއެވެ.
"މީ މާލެއަކީ. ރާއްޖެ މީހުންގެ ބަހުންނަމަ ދިސް އިޒް ދި ކޮންކްރީޓް ޖަންގަލް." މައާލްއަށް ބަލަން އިނުމަށްފަހު ރާދިން ބުނެލިއެވެ. ރާދިން އެހެން ބުނެލުމުން މައާލްގެ ގާތަށް ވެސް ހިނިއައެވެ. މާލޭގައި ހުންނަ ޝާކިރުމެންގެ ގެ "ޕެލެސް ވެލީ"އާ ހިސާބަށް އާދެވުމުން މައާލްގެ ހިތް އަވަސްވިއެވެ. އޭނާގެ އުމުރުން ހަތްއަހަރުގައި އައިސް އެގޭގައި އުޅުނު ހަނދާން އޭނާ ވެއެވެ. އޭގެފަހުން އެގެއަށް ބޮޑެތި ބަދަލުތައް އައިސްފައި ހުރިކަން އެނގޭނަމަވެސް، އެ ބަދަލުތައް އޭނާއަށް ފާހަގަ ކުރެވުނީ ގޭޓުން އެތެރެއަށް ކާރު ވަނުމުންނެވެ. ކާރުން ފޭބުމަށްފަހު، އޭނާ ވަށައިގެން އެގެއަށް ބަލާލިއެވެ. ގޭގެ ބޮޑުކަމާއި ހައިބަވަންތަކަން ބަލާލި ކޮންމެ ދިމާލަކުން ފެންނަމުން ދިޔައެވެ. ގޭގެ ފަރުމާއާއި ގޭގެ ރީތިކަން އޭނާ އާޝޯޚު ކުރުވިއެވެ. ކުރުގޮތަކަށް ބުނާނަމަ އޭނާއަށް އެ ގެ ސިފަވީ ލަންޑަންގައި އުޅުނު ގެއަށް ވުރެވެސް ބޮޑު އަދި މާ ފުރިހަމަ، މާ ރީތި ގަނޑުވަރެއްހެންނެވެ. ރާދިންއަށް ބަލާލުމަށްފަހު، މައާލް ގޮސް ބޮޑު ދޮރުން އެތެރެއަށް ވަތްއިރު ގޭގެ ނޯކަރުން ތިއްބެވެ. މައާލް ފެނުމުން އެންމެންނަށްވެސް ހައިރާންކަމާއި އެއްވަރަށް އުފާވެރިކަން ލިބުނެވެ. އެންމެންގެ ތެރެއިންވެސް އޭވާ މައާލްއަށް ފާހަގަވިއެވެ. އެހެން އެންމެންނަށްވުރެ ފުޅާ ހިނިތުންވުމެއް އޭވާގެ ވެއެވެ. އޭނާ އެންމެނަށް ބަލާލުމަށްފަހު، ހިނިތުންވެލިއެވެ. ރާދިން ފޮށިތައް އެތެރެއަށް ވައްދަން ބުނުމަށްފަހު، މައާލްގެ ފަހަތުގައި ހުއްޓެވެ. ގޭގެ ފަހަރަކު ތަނެއް ބަލަމުން މައާލް ދިޔައެވެ. ބޮޑު ކޮޓަރީގެ ޝާހީކަމާއި ސާފުކަމާއި ރީތިކަންވެސް އޭނާ އާޝޯޚު ކުރުވިއެވެ. ކޮޓަރިތަކާ ދިމާލަށް ހިނގައިގަތް މައާލްގެ ލޮލުގައި އަޅައިގަތް މަންޒަރާއެކު އޭނާއަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ.
(ނުނިމޭ)