ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އެއިރޯ ބްރިޖް ހަރުކުރުމުގެ މަސައްކަތް މިއަދު ފަށައިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

މިކަމާ ގުޅިގެން އެމްއޭސީއެލުން ބުނީ އެއިރޯ ބްރިޖް ހަރުކުރުމުގެ މަސައްކަތް ފަށާފައި ވަނީ، އެއާޕޯޓުގެ ހަ ކޮންޓެކްޓް ގޭޓުގައި ކަމަށެވެ. މި ބްރިޖާއެކު ޓަމިނަލުން ސީދާ ބޯޓަށް އެރޭނެ ކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ.

މިއީ މި ފަދަ އެއިރޯ ބްރިޖެއް ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ ފަހަރެވެ.

މި މަސައްކަތް ނިންމޭނެ ތާރީޚެއް އަދި އެ އެމްއޭސީއެލުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމްއޭސީއެލުން ބުނީ، މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށެވެ.

އެއާޕޯޓުގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއު ތެރޭގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރި މަސައްކަތެކެވެ.

ބިން ލާދިން ގްރޫޕާ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.

މި މަޝްރޫއަކީ ރައީސް ޑރ، މުހައްމަދު މުއިއްޒު ވެސް އެންމެ އިސްކަމެއްދެއްވާ އެއް މަޝްރޫއެވެ. އެގޮތުން ޔޫއޭއީ ސަރުކާރު މެދުވެރިކޮށް މި ފަހުން ރައީސް ވަނީ އެ މަޝްރޫއަށް 1.2 ބިލިއަން ރުފިޔާ ހޯއްދަވާފައެވެ.

ރައީސް ވިދާޅުވީ މަސައްކަތް ކުރައްވަނީ މި އަހަރުގެ ޓޫރިޒަމް ސީޒަން ފެށެންވާއިރަށް އެ މަޝްރޫއު އެއްކޮށް ނިންމައިލާ، ޓާމިނަލް އޮޕަރޭޝަނަށް ގެނައުމަށް ކަމަށެވެ.