01 Feb 2024, 07:34
ދިވެހި ފިލްމު އިންޑަސްޓްރީގައި މީގެ ކުރީން އުފެދުނު އެންމެ ފާހަގަކުރެވޭ ތަރީންތަކުގެ ތެރޭގައި ހިމެނޭ އެކަކު ކަމަށްވާ އައިޝަތު ޝިރާނީ، މިރޭ އަޅުވާ ފިލްމު "ކަންބަޅި" ގައި ބައިވެރިވާން ނިންމައިފިއެވެ.
ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އައިފިލްމްސް ޕްރޮޑަކްޝަނުން އުފައްދާ ތިންވަނަ ފިލްމު "ކަންބަޅި" މިރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރާނެއެވެ.
ޝިރާނީގެ ނަމަކީ އަދިވެސް ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮންނަ ނަމެކެވެ. އެއާއެކު ޓީމުން މަސައްކަތް ކުރަމުން އަންނަނީ ޝިރާނީގެ މަގުބޫލުކަމާ އެކު ފިލްމަށް އިތުރު މަގުބޫލު ކަމެއް ހޯދުމަށެވެ. އެގޮތުން ޕްރިމިއާގައި ބައިވެރިވެ ފިލްމު ޕްރޮމޯޓު ކުރުމަށް ޝިރާނީ މަސައްކަތް ކުރާނެއެވެ.
ޝިރާނީގެ ބައިވެރިވުމާ އެކު ފިލްމަށް އިތުރު ބެލުންތެރިން ހޯދުމަކީ މި ޕްރިމިއާގައި އޭނާ ބައިވެރިވުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބެވެ.
ފިލްމުގެ ލީޑު ކާސްޓުގެ ގޮތުގައި ހިމެނެނީ އިއްލެގެ ހުރިހާ ފީޗާ ފިލްމުތަކުން ވެސް ލީޑުން ފެނިފައިވާ ނުޒުހަތު ޝުއައިބު (ނުޒޫ)އެވެ. ފިލްމުގެ އިތުރު ރޯލުތަކުން ދެން ފެންނާނީ އަހުމަދު އިފްނާޒުގެ އިތުރުން ޝަރަފް އަބްދުﷲ އާއި ވާޝިޔާ މުހައްމަދާއި ރަވީ ފާރޫގާއި މުހައްމަދު އިޝްފާނާއި ހާޒިފް މުހައްމަދާއި މޫސާ އަލީފެވެ.
ކާސްޓުގެ ހުރިހާ މެންބަރުން ފިލްމުގެ ޕްރިމިއާގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
އިއްލެގެ އިތުރުން ފިލްމުގެ ޑައިރެކްޝަނުގައި އިފްނާޒް ހަރަކާތްތެރިވާނެއެވެ. ފިލްމުގެ މިއުޒިކްގެ މަސައްކަތް ކުރާނީ ޝާހިދު ލެގަސީއެވެ. އަދި, ފިލްމްގެ ޕްރޮޑަކްޝަންގައި އިއްލެއާއި އާޝިމް އަލީ މަސައްކަތް ކުރާނެއެވެ. މި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރާނީ "އޯކޭޒް އިންކް" އިންނެވެ. މިއީ އިއްލެ އާއި އިއްލެގެ ޓީމުން ބޮޑު ސްކްރީނަށް ގެންނަ ފުރަތަމަ ބިރުވެރި ފިލްމެވެ.