ޝަރަފް އަބްދުﷲ އާއި އައިމިނަތު ރަޝްފާ (އާޝާ) ލީޑުން ފެނިގެން ގޮސްފައިވާ ފިލްމު "މިއީ އިޝްގު"ގެ ސައުންޑްޓްރެކުން އާ ލަވައެއް ރިލީޒްކޮށްފިއެވެ.

ފިލްމުގެ ސައުންޑްޓްރެކުން ގިނަ ލަވަތަކެއް ވަނީ ފިލްމު ރިލީޒް ކުރުމުގެ ކުރީން އާންމުކޮށްފައެވެ. މިދިޔަ މަހުގެ ހަވަނަ ދުވަހުން ފެށިގެން ދައްކާފައިވާ ފިލްމު މިހާރު އޮލިމްޕަހުގައި ދެއްކުން ހުއްޓާލާފައިވާއިރު ފިލްމު ސައުންޑްޓްރެކުގެ ހާއްސަ ލަވައެއް ވަނީ ދާދި ފަހުން އާންމުކޮށްފައެވެ.

އެންމެ ފަހުން ރިލީޒްކޮށްފައިވާ ލަވައަކީ "ލޮލުން މަގޭ" އެވެ. ފިލްމުގެ ޕްރޮމޯޝަނަލް ވީޑިއޯތަކުން ވެސް މި ލަވައިގެ ތަންކޮޅުކޮޅު އިވެއެވެ. މުހައްމަދު އަބްދުލް ގަނީ (ތޭރަ) އާއި އައިޝަތު މާއިން ކިޔާފައިވާ މި ލަވައަކީ ހިތާމަވެރި ލަވައެކެވެ. ލަވައިގެ މިއުޒިކް އަދި މާސްޓަރިންގެ މަސައްކަތް ކޮށްފައިވަނީ ޝަހީދު ލެގަސީ އެވެ. ލަވައިގެ ލިރިކްސް އާއި މެލޮޑީ އުފެއްދީ ތޭރައެވެ.

މި ލަވަ ރިލީޒް ކޮށްފައިވަނީ މިއުޒިކް ވީޑިއޯ އާއެކުގައެވެ. މިއުޒިކް ވީޑިއޯއަކީ ފިލްމުން ސީންތަކެކެވެ. މި ސީންތަކަކީ ފިލްމުގެ މެއިން ކެރެކްޓަރުންގެ ބްރޭކްއަޕް ސީންތަކެއް ކަމަށް ބެލެވެއެވެ.

މި ފިލްމަކީ އާޝާއާއި ޝަރަފު އެކީގައި މަސައްކަތް ކުރާ ތިންވަނަ ޕްރޮޖެކްޓެވެ. އަދި ޖޯޑެއްގެ ގޮތުގައި ދެ މީހުން ފެނިގެންދާ މިއީ ދެވަނަ ފަހަރެވެ. މީގެ ކުރީން އުފައްދާފައިވާ ވެބް ސީރީޒެއް ކަމަށްވާ "ހިނދުކޮޅެއް"ގައި ވެސް ދެ މީހުން ވަނީ ޖޯޑެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ.

މިއީ އަޒްހާން ޑައިރެކްޓު ކުރި ފުރަތަމަ ފިލްމެވެ. މި ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް އޮލިމްޕަހުގައި ލިބިފައެވެ. ފިލްމަށް ލިބުނު ކާމިޔާބީ އާއެކު އިތުރު ޝޯތަކެއް ވެސް ވަނީ އަޅުވާފައެވެ.