އިސްރާއީލުން ހިފަހައްޓައިފައިވާ ފަލަސްތީނުގެ 30 މީހުން މަރުވެފައި ތިއްބައި ފެނިއްޖެ ކަމަށް ފަލަސްތީނުގެ ޕްރިޒަނާ ސޮސައިޓީން ބުނެފިއެވެ.

އެ މީހުން ފެނުނީ ޣައްޒާގެ ބެއިތު ލަހިއްޔާގައި ހުރި ސްކޫލެއްގެ ތެރެއިން ކަމަށާއި ފެނުނުއިރު އެ މީހުން ތިބީ ކަނު ބަނދެ އަތް ވެސް ބަނދެފައި ކަމަށް އެ ސޮސައިޓީން ބުނެއެވެ.

އެ ކަމާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހު ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާއަކާ ގުޅިގެން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ގާތްގަޑަކަށް 27،000 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަޚަމުވި މީހުންގެ އަދަދު ގާތްގަޑަކަށް 66،000 އަށް ވަނީ އަރައިފައެވެ.

އިސްރާއީލުގެ ހަމަލާގެ ސަބަބުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަމުގެ ތެރޭގައިތިބި ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންގެ ގެދޮރު ވެސް ދޫކޮށްލަން ވަނީ މަޖުބޫރުވެފައެވެ. ޣައްޒާގެ އުމްރާނީ ތަރައްގީގެ 60 އިންސައްތަ ވެސް ވަނީ ސުންނާފަތިވެގެން ގޮސްފައެވެ.