01 Feb 2024, 13:07
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް އިއްޔެ ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގެ މައުލޫމާތު ހިއްސާކުރަން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، އެ މައްސަލައިގެ ތުހުމަތުގައި މިއަދު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެކަމަކު، އެ މީހުންނާ ގުޅޭ އެއްވެސް ތަފުސީލެއް ހިއްސާކުރައްވައިފައެއް ނުވެއެވެ.
ޝުޖާއު ވިދާޅުވީ، މި ހާދިސާ ހިނގުމާ އެކު ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން އެ މައްސަލަ ތަހުގީގު ކުރަން ފެށި ކަމަށެވެ. އަދި، ޕީޖީ ޝަމީމަށް ހަމަލާ ދިނީ ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން ވަރަށް ބޮޑަށް ފޮރުވިގެން ތިބި ބައެއްކަމަށް ޝުޖާއު ވިދާޅުވިއެވެ.
"މި ދެންނެވި ގޮތަށް އަޅުގަނޑުމެން ހުރިހާ ރިސޯސަސްތަކެއް ބޭނުން ކޮށްގެން މި މީހުންނަކީ ކޮބައިކަން އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވި މި މީހުން މި ވަނީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި،" ސީޕީ ޝުޖާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މައްސަލައިގެ ބާވަތުން މިއަދު އެ މައްސަލައާ ގުޅޭ ހުރިހާ މައުލޫމާތެއް ހާމަ ނުކުރާނެ ކަމަށެވެ.
ސައިކަލެއްގައި އައި ދެ މީހަކު އިއްޔެ ހެނދުނު ވަނީ ޝަމީމަށް ހަމަލާދީ، އަތް ޒަޚަމުކޮށްލައިފައެވެ. ހަމަލާއަށް ފަހު، ސިފައިން މިހާރު ވަނީ އޭނާގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައެވެ.
އޭނާއަށް ދިން ހަމަލާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް ވަނީ ކުށްވެރިކޮށްފައެވެ. އެގޮތުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އެ ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ބަޔަކު ދިން ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ.
އެ މަނިކުފާނުގެ ވާހަކަފުޅާ ގުޅިގެން ތަހުގީގަށް މައުލޫމާތު ހިއްސާކޮށްދޭން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ޞާލިޙް އަރިހުން އެދިވަޑައިގެންފައެވެ.
ޝަމީމްގެ ވާއަތުގައި ރެނދުލާފައިވާއިރު، ސަރުކާރުން ވަނީ އެ މައްސަލައިގައި ހުރިހާ ވަސީލަތަކާއި އިޚުތިޔާރެއް ބޭނުންކުރާނެ ކަމުގެ ޔަގީންކަން އަރުވައިފައެވެ.