އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރުކުރި ނަމަވެސް މި މައްސަލައިގެ ފަހަތުގައި އިތުރު މީހުން ތިބެދާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

އިއްޔެ ހެނދުނު ވަނީ ޕީޖީ ޝަމީމަށް ހަމަލާދީ ޒަޚަމުކޮށްލައިފައެވެ. ޒަޚަމުވެފައިވަނީ ޝަމީމްގެ ވާއަތަށެވެ. އެ އަތުގައި ވަނީ ރެނދުލައިފައެވެ.

އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކުރިކަން ހާމަކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްރައިމް އިންވެސްޓިގޭޝަން ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ނާފިޒް ވިދާޅުވީ، މިފަދައިން ގަބޫލު ކުރެވެނީ މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ކުރެވިފައިވާ ތަޖުރިބާއަށް ބެލުމަށް ފަހު ކަމަށެވެ.

އޭނާ ވިދާޅުވީ، ހަމަލާ ދިނީ ޕީޖީ ޝަމީމަށް ސެކިއުރިޓީ ފޯރުކޮށްނުދޭ ވަގުތެއްގައި ކަމަށެވެ. އެގޮތުން ކުރިން ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލައަކާ ގުޅިގެން ޝަމީމްގެ ތްރެޓް އެސެސްމަންޓް ހެދުމަށް ފަހު ސެކިއުރިޓީ ދިން ކަމަށާއި ނަމަވެސް، އެ މައްސަލަ ނިމުމުން ސެކިއުރިޓީ ދިނުން ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީހުންނާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން ހިއްސާކުރައްވައިފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ބުނީ، އެ މީހުން ހައްޔަރު ކޮށްފައިވަނީ މާލޭ ސަރަހައްދުން ކަމަށެވެ.

ސައިކަލެއްގައި އައި ދެ މީހަކު އިއްޔެ ހެނދުނު ވަނީ ޝަމީމަށް ހަމަލާދީ، އަތް ޒަޚަމުކޮށްލައިފައެވެ. ހަމަލާއަށް ފަހު، ސިފައިން މިހާރު ވަނީ އޭނާގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައެވެ.

ޝަމީމްގެ ވާއަތުގައި ރެނދުލާފައިވާއިރު، ފަރުވާ ދިނުމަށް ފަހު އޭނާ ވަނީ އިއްޔެގެ ވަގުތެއްގައި ގެއަށް ދޫކޮށްލާފައެވެ.