އިންޑިއާއިން މި ހިނގާ މާލީ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 72 މިލިއަން ޑޮލަރު ނުވަތަ އެއް ބިލިއަން ރުފިޔާ ދޭން ހިމަނައިފިއެވެ.

މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ކުރިއަށްދާ މާލީ އަހަރަށް ލަފާކޮށް، އިންޑިއާގެ ގާނޫނު ހަދައި މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ވަނީ ގިނަ ގައުމުތަކަކަށް ހިލޭ އެހީގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ހިމަނައިފައެވެ.

އިންޑިއާގެ މާލީ ވުޒާރާއިން އާންމުކޮށްފައިވާ ގޮތުގައި އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ވަނީ 600 ކްރޯޑް ރުޕީސް ހިމަނައިފައެވެ. އެއީ، 72 މިލިއަން ޑޮލަރެވެ. އެއީ، ނިމެމުންދާ މާލީ އަހަރާ ބަލާއިރު 20 މިލިއަން ޑޮލަރުގެ މަދު އަދަދެކެވެ.

އެގޮތުން، މި ހިނގާ މާލީ އަހަރު 92 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ފޯރުކޮށްދޭން ބަޖެޓުކުރިއެވެ.

އިންޑިއާއިން ހިލޭ އެހީއާއި ލޯނުގެ ގޮތުގައި އެންމެ ބޮޑު އެހީއެއް ވަނީ ބޫޓާންއަށެވެ. އެ ގައުމަށް 249 މިލިއަން ޑޮލަރުގެ އެހީދޭން ވަނީ ހިމަނައިފައެވެ. މީގެ އިތުރުން ވެސް، ސަރަހައްދުގެ ގިނަ ގައުމުތަކަކަށް އެހީދޭން ވަނީ ބަޖެޓުކޮށްފައެވެ.

އިންޑިއާއިން ރާއްޖެއަށް އެހީގެ ގޮތުގައި ބަޖެޓުކުރި އަދަދު މަދުވެފައިވާއިރު، ދެ ގައުމުގެ ގުޅުން ވެސް ވަނީ ގޯސްވެފައެވެ.

ވެރިކަން ބަދަލުވުމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އަންގަވައިފައެވެ. އަދި، އެ މަނިކުފާނުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ވާދަވެރި ޗައިނާއަށް ވަޑައިގެންފައެވެ.