01 Feb 2024, 19:01
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދައްކަން ޖެހޭ ލޯނުތައް ނުދެއްކުމުން ނަގާ ޖޫރިމަނާގެ އިންސައްތަ 0.5އަށް ކުޑަކޮށްފިއެވެ.
މިކަމާ ގުޅިގެން ބީއެމްއެލްގެ ހެޑް އޮފް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު "ސަން"އަށް ވިދާޅުވީ، އެ ބޭންކުން ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ނުދެއްކުމުން ދައްކަން ޖެހޭ ޖޫރިމަނާ ނުވަތަ އޯވަޑިއު އިންޓަރެސްޓު ރޭޓު އަނެއްކާވެސް ދަށް ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިފަހަރު މި ރޭޓް ދަށްކޮށްފައިވަނީ ކޮންމެ މަހަކަށް 0.5 ޕަސެންޓަށް ކަމަށެވެ.
މީގެ ކުރިން މިދިޔަ އަހަރުގެ އޭޕްރިލް މަހު ބީއެމްއެލުން ވަނީ އޯވަޑިއު އިންޓެރެސްޓު ރޭޓު 10 ޕަސެންޓުން ދެ ޕަސެންޓަށް ކުޑަކޮށްފައެވެ.
ސައީދު ވިދާޅުވީ މި ބަދަލުގެނައީ، މި މަހުގެ 24 ވަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމެއްގައި ކަމަށެވެ.
އޯވަޑިއު އިންޓަރެސްޓަކީ ލޯނަށް ފައިސާ ދައްކަންޖެހޭ ތާރީޚުގައި ފައިސާ ނުދައްކާނަމަ އެ ފާއިތުވާ މުއްދަތަށް ނަގާ ޖޫރިމަނާއެކެވެ.
ބީއެމްއެލުން ވަނީ އޯވަޑިއު އިންޓްރެސްޓް އެރިޔަ ނުދިނުމަށް ގަވައިދުން ހުރިހާ ފަރާތްތަކުން ވެސް ލޯނު އަނބުރާ ދެއްކުމަށް އިލްތިމާސްކޮށްފައެވެ.