ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިޚާބަށް ރީރެޖިސްޓާ ވުމުގެ ފުރުސަތާއެކު ކުޑަކުދިންގެ ހަވީރެއް މާދަމާ އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިރޭ އިއުލާނު ކޮށްފިއެވެ.

އީސީން ބުނީ މި ހަރަކާތް މާދަމާ 16:00 އިން 18:00އަށް މާލޭ، އާޓިފިޝަލް ބީޗު ސަރަހައްދުގައި އޮންނައިރު، އަންނަ ހޮނިހިރު ދުވަހު މި ހަރަކާތް ހަމަ އެ ވަގުތުތަކުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު ހަތަކާއި 11އާ ދެމެދު އޮންނަ ޕާކު ގުރައުންޑު ސަރަހައްދުގައި އޮންނާނެ ކަމަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް "ސަން"އަށް ވިދާޅުވީ، މިއީ މަޖިލިސް ރީރެޖިސްޓްރޭޝަނަށް ފަސޭހަ ކުރުމުގެ ގޮތުން އެ ކޮމިޝަނުން ބާއްވާ ހަރަކާތެއް ކަމަށެވެ.

"ބައެއް ބޭފުޅުންނަށް އަމިއްލަފުޅަށް ނުވެދާނެތީ. އުމުރުން ދުވަސްވީ ބޭފުޅުންނަށްވެސް އުނދަގޫފުޅުވެދާނެ. ދެން ފަހަރުގައި ފޯނު ނުގެންގުޅުއްވާ ބޭފުޅުންނަށް އުނދަގުވެދާނެތީ ހަމަ ވީހާވެސް ރީރަޖިސްޓްރީ ކުރުމުގެ މަރުހަލާ ފަސޭހަކުރުމުގެ ގޮތުން،" އޭނާ ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ، ހަމައެކަނި އައިޑީކާޑު ހިފައިގެން ދިއުމުން ރީރެޖިސްޓާ ކުރަން ބޭނުންވާ ތަނަކަށް ރީރަޖިސްޓާ ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން، ދަރުބާރުގޭގައި ވެސް ރީރެޖިސްޓާ ކުރެވޭނެ ގޮތަށް ކިއޯސްކުތަކެއް ބަހައްޓައިފައި ހުންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ރަށްތަކުގައި ރީރެޖިސްޓްރޭޝަން ފަސޭހަ ކުރުމަށްޓަކައި ފޯކަލް ޕޮއިންޓުތަކެއްގެ ގޮތުގައި ކޮންމެ ރަށެއްގެ ވެސް ކައުންސިލު ހަމަޖައްސައިފައިވާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައިނަމަ މި ޚިދުމަތް އެ ގައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީއަކުން ލިބޭނެ ކަމަށް އޭނާ މައުލޫމާތު ދެއްވައެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ކަރުދާސް ފޯމު ބަލައިނުގަނެ، ރީރަޖިސްޓްރޭޝަން އޮންލައިންކޮށް ފުރިހަމަ ކުރާ ގޮތަށް އީސީން ވަނީ ނިންމައިފައެވެ. އެގޮތުން ކުރިން ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ނިޒާމުގެ އިތުރުން އީފާސް ބޭނުންކޮށްގެން ރީރެޖިސްޓާ ކުރެވޭނެ ނިޒާމު ވެސް އެ ކޮމިޝަނުން ވަނީ ހަމަޖައްސައިފައެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އީސީން ނިންމަވާފައިވަނީ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.