01 Feb 2024, 23:37
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ބަހުސެއް، އާންމުންނަށް ސުވާލު ކުރެވޭ ގޮތަށް ބާއްވަން ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ނިންމައިފިއެވެ.
ޕީއެސްއެމްގެ 'މަޖިލިސް 2024' ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ފަސް ދާއިރާއެއްގެ ކެނޑިޑޭޓުން ބަހުސް ކުރާ ގޮތަށް ނިންމައިފައިވާ މި ބަހުސް ދައްކާނީ ޕީއެސްއެމްގެ ޗެނަލެއް ކަމަށްވާ 'ޔެސް ޓީވީ'ންނެވެ.
މި ބަހުސް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ މިފަދަ ބަހުސެއްގައި އެންމެ ރަނގަޅު ގޮތަކީ، ދާއިރާގެ ރައްޔިތުން ބޭނުންވާ ސުވާލުތައް ކެނޑިޑޭޓުންނަށް ކުރެވޭނެ ގޮތް ފަހިވުން ކަމަށެވެ.
"އެގޮތުން އަޅުގަނޑުމެން އެސްއެމްއެސް މެދުވެރިކޮށް ފުރުސަތު ހުޅުވާލައިނަން އެ ކެނޑިޑޭޓުންނަށް ބޭނުންވާ ސުވާލުތަކަކީ ކޮބައިކަން ބަލާލަން. މިގޮތަށް ލިބޭ ސުވާލުތަކުގެ ތެރެއިން ރަނގަޅު ސުވާލުތައް އަޅުގަނޑުމެން ކެނޑިޑޭޓުންނާ ކުރިމަތި ކުރުވާނީ ބަހުސްގެ ތެރެއިން،" އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޒީނާ ވިދާޅުވީ މި ބަހުސް ކުރިއަށް ގެންދާނީ ރައްޔިތުންނާ ވީހަވެސް ބޮޑަށް ގުޅުންހުރި ގޮތަކަށް ކަމަށެވެ. އަދި މިއީ ރައްޔިތުންގެ އިތުރުން ސިޓީ ކައުންސިލުތަކާ ވެސް ވަރަށް ބޮޑަށް ގުޅިގެން ކުރިއަށްގެންދާ ބަހުސެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ބަހުސްއަކީ މުޅި ރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ކެނޑިޑޭޓުން ބައިވެރިވާ ބަހުސް އެއް. އެހެންވީމަ އަޅުގަނޑުމެން ވިސްނާލީ ސިޓީތަކުގައި ސިޓީގެ ބަހުސް ކުރިއަށް ގެންދާގޮތަށް. މި ދެންނެވީ ކުޅުދުއްފުށީ ސިޓީ ފުވަމުލަށް ސިޓީ މީގެ އިތުރުން އައްޑޫ ސިޓީގެ އެ ދާއިރާތަކުގެ ބަހުސް ކުރިއަށް ގެންދާ ގޮތަށް،" ޒީނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައްޔިތުން ބޭނުންވާ ސުވާލުތަށް ކުރެވުމުގެ އިތުރުން ރައްޔިތުން ބޭނުންވާނަމަ އެ ބަހުސް އަޑުއަހަން ގޮސް ތިބެވޭނެ ފުރުސަތުވެސް ފަހި ކޮށްދޭނެ ކަމަށެވެ.
މި ބަހުސް ފަށާނީ މާލޭގެ ދާއިރާ ތަކުންނެވެ. އެއަށް ފަހު ހއ.އިން ފެށިގެން އައްޑުއާ ހަމައަށް ތަރުތީބުން ބަހުސް ބާއްވާނެއެވެ.
މިއަހަރުގެ މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން އީސީން ނިންމައިފައިވާއިރު، މި އިންތިޚާބުގައި 93 ދާއިރާއަކުން ކެނޑިޑޭޓުން ވާދަ ކުރާނެއެވެ.