ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނިތަކުގެ މެދުގައި އޭއައި ޗެޓްބޮޓްގެ ވާދަވެރިކަން އިންތިހާއަށް އޮތް ދަނޑިވަޅެއްގައި ގޫގުލްގެ އޭއައި ޗެޓްބޮޓްގެ ޕްރޯ ވާޝަންއެއް ތަޢާރަފުކުރަން އެކުންފުނިން ނިންމައިފިއެވެ.

ގޫގުލްއިން ދާދި ފަހުން ނެރުނު ބްލޮގްޕޯސްޓެއްގައިވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. އެހެންނަމަވެސް އަގުތަކާއި ލޯންޗް ކުރާ ތާރީޚު ފަދަ ތަފްސީލްތަކަށް ޝައުގުވެރިވާ ގިނަ ބަޔަކު ވަނީ އެކަމަށް އަދި އިންތިޒާރުކުރަން ޖެހިފައެވެ.

މިދިޔަ އަހަރު އެންމެ ފުރަތަމަ ތައާރަފުކުރި ބާޑްގެ އަމާޒަކީ އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އާއި މައިކްރޮސޮފްޓްގެ ކޯޕައިލެޓް ފަދަ ކުންފުނިތަކާ ވާދަކުރުމެވެ. އެންމެ ފުރަތަމަ ލަމްޑާއިން އަދި ފަހުން ޕީއޭއެލްއެމް 2އިން ޕަވާކޮށްގެން ކުރިއަށް ގެންދިޔަ މި މޮޑެލްއަށް ގޫގުލްގެ އެންމެ ފަހުގެ އޭއައި މޮޑެލް ޖެމިނައި އިންޓަގްރޭޓް ކުރުމާ އެކު މިދިޔަ ޑިސެމްބަރު މަހު ވަނީ ވަރަށް ބޮޑު އަޕްގްރޭޑެއް ކޮށްފައެވެ.

ޖެމިނައި ޕްރޯއިން ޕަވާކުރާ ބާޑުން ތަފާތު ގާބިލުކަން ލިބޭއިރު، ބާޑް އެޑްވާންސްޑްއިން މިއަށްވުރެ ވެސް ބާރުގަދަ ޖެމިނައި އަލްޓްރާގެ ބޭނުން ހިފާނެއެވެ. ގޫގުލް އޭއައި ބާޑްއަކީ މިހާރުވެސް މިބާވަތުގެ އެހެން ޗެޓްބޮޓްތަކާ އަޅައިބަލާއިރު އެތައްގުނައެއް ކުރީގައި އުޅޭ އަދި ގިނަބައެއްގެ މަގުބޫލްކަން ލިބިފައިވާ ޗެޓްބޮޓެކެވެ.

އޯޕަންއޭއައިގެ ޖީޕީޓީ-4އާ ވާދަކޮށް އިންސާނީ މާހިރުން ވެސް ފަހަތަށް ޖައްސާލައި، އަޕްގްރޭޑްކޮށްފައިވާ ގޫގުލްގެ މި ވާޝަންގައި ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

ގޫގުލްއިން އަލަށް ތައާރަފުކުރާ ޕްރޯ އޭއައި ޗެޓްބޮޓް، ގޫގުލް ވޯކްސްޕޭސް ސަބްސްކްރިޕްޝަންގެ ތެރޭގައި ހިމެނުމަކީ ނުވަތަ ވެބްސައިޓް ކޯޑުގެ މައްޗަށް ބިނާކޮށް ގޫގުލް ވަން އާ ގުޅުވާލުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.

އޯޕަން އޭއައިގެ ޗެޓްޖީޕީޓީ ޕްލަސް އަދި މައިކްރޯސޮފްޓްގެ ކޯޕައިލެޓް ޕްރޯ ފަދަ ވާދަވެރިންނެކޭ އެއްފަދައިން އިންޑަސްޓްރީގެ ޓްރެންޑްތަކުން ދައްކާ ގޮތުގައި މަހަކު 10-20 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ގޫގުލް އޭއައި ޗެޓްބޮޓް ޕްރޯގެ އަގުތައް ހުންނާނެކަމަށް ބެލެވެއެވެ.

އެހެން ނަމަވެސް ވާޓެކްސް އޭއައި، މިއުޒިކްއެލްއެމް، ނުވަތަ ލުމިއާ ފަދަ އެހެން އޭއައި މޮޑެލްތައް އިންޓަގްރޭޓް ކުރުމުގެ ފުރުސަތު އޮތުމުން މިއަށްވުރެވެސް ގޫގުލް އޭއައި ބާޑް ޕްރޯގެ އަގު ހެޔޮ ވެދާނެކަމަށް ބެލެވެއެވެ.