ބޮލީވުޑްގެ ގިނަ ފިލްމީ ބަތަލާއިންތަކެއް ހިމަނައިގެން ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ އުފައްދާ ވެބް ސީރީސް "ހީރާ މަންޑީ"ގެ ޓީޒާއެއް ދައްކާލައިފިއެވެ.

ހިންދީ ސިނަމާގެ މަގުބޫލު ފިލްމީ ތަރިން ކަމަށްވާ މަނީޝާ ކޮއިރަލާ، ސޮނާކްޝީ ސިންގްހާ، އަދިތީ ރާއޯ، ރިޝާ ޗައްދާ، ޝަރުމިން ސެގަލްގެ އިތުރުން ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި ސަންޖީދާ ޝޭހަކީ މި ވެބް ސީރީސްގެ މުހިއްމު ތަރިންނެވެ.

އިންޑިއާގެ ތާރީޚީ ސަގާފަތް ދައްކުވައިދޭނެ މި ވެބް ސީރީސް އަކީ ކާމިޔާބު ޑައިރެކްޓަރުގެ އަލަތު ވެބް ސީރީސްއެވެ. ނެޓްފްލިކްސްއާ ގުޅިގެން އުފައްދާ މި ސީރީސްއިން 1940ގެ އަހަރުތަކުގައި އިންޑިއާގައި އޮތް ސަގާފަތާއި އާދަކާދަތައް ވަރަށް ބޮޑަށް ދައްކުވައިދޭނެއެވެ.

ސަންޖޭ އަކީ އަބަދުވެސް އިންޑިއާގެ ސަގާފަތް ވަރަށް ފުރިހަމައަށް ބެލުންތެރިންނަށް ގެނެސްދޭ ޑައިރެކްޓަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ.

ވެބް ސީރީސް "ހީރާ މަންޑީ"ގެ ލީޑް ތަރިން-- ފޮޓޯ/އެންޑީޓީވީ

މި ވެބް ސީރީސްގެ ޓީޒާއިން ވެސް އެފަދަ ޝާހީ މަންޒަރުތައް ފެންނައިރު މުޅި ސީރީސް ބިނާކޮށްފައި ވަނީ 1940ގެ އަހަރުތަކުގައި ހިނގި ހަނގުރާމައިން މިނިވަންކަން ހޯދުމަށް ލާހޯރުގެ ރެޑް ލައިޓް އޭރިއާއަށް ނިސްބަތްވި ޝާހީ ޖާރިޔާއިންތަކެއް ކުރި އިހުތިޖާޖުގެ މައްޗަށެވެ.

ދާދިފަހުން އިތުރު ފިލްމެއް އިއުލާނުކޮށްފައިވާ ޕްރޮޑިއުސަރުގެ ވެބް ސީރީސް "ހީރާ މަންޑީ"އަކީ ބެލުންތެރިން އެންމެ އިންތިޒާރުކުރާ އެއް ވެބް ސީރީސްއެވެ. މި ތާރީޚީ ވެބް ސީރީސްގެ ޓީޒާ ދައްކާފައިވީ ނަމަވެސް ބެލުންތެރިންނާ ހަމައަށް މި ސީރީސް ގެނެސްދެވޭނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.