ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ގެޓާފޭ ބައްދަލުކުރި މެޗު ރެއާލް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ގެޓާފޭގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކޮށްފައިވަނީ 0-2ގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދީ ރެއާލުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ރެއާލުން މެޗުގެ ލީޑު ނަގައިފައިވަނީ މެޗުގެ 14ވަނަ މިނެޓްގައެވެ.

މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހޮސެލޫއެވެ. މި ހާފުގައި ރެއާލަށް އިތުރު ލަނޑެއް ޖެހުނަ ނުދިނުމަށް ޓަކައި ގެޓާފޭއިން ވަނީ ވަރަށް ރަނގަޅަށް ޑިފެންޑްކޮށްފައެވެ.

މި މެޗުގައި ރެއާލުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 56ވަނަ މިނެޓްގައި ޖަހައިދީ އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ވެސް ހޮސެލޫއެވެ.

މި މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބުނެވެ.

މިގޮތުން ގެޓާފޭގެ މޭސަން ގްރީންވުޑާއި ބޯހާ މަޔޯރަލް ފޮނުވައިލި ދެ ހަމަލާ ރެއާލްގެ ގޯލް ދަނޑިއަށް އަމާޒުވިއިރު ރެއާލްގެ ވިނީޝިއަސް ޖޫނިއާއަށް ވެސް އެ ޓީމުގެ ލީޑު ފުޅާކޮށްދޭނެ ރަނގަޅު ފުރުސަތެއް ލިބުނެވެ.

މި ކާމިޔާބީއާއެކު ރެއާލް މިހާރު އުޅެނީ ކުޅުނު 22 މެޗުން ލިބިފައިވާ 57 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ.

އަންނަ އާދިއްތަ ދުވަހު ރެއާލް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އެތުލެޓިކޯއާކަމުން މިއީ ވާދަވެރި މެޗަކަށް ވާނެކަމަށް ބެލެވެއެވެ.