އައިފޯނަށް އެޕަލް އިން ދެން ނެރޭ އެންމެ ބޮޑު ސޮފްޓްވެއާ އަޕްޑޭޓް ކަމަށްވާ އައިއޯއެސް 18 އަކީ އައިފޯނުގެ މުޅިތާރީޚުގައިވެސް އެއްފަހަރާ އެންމެގިނަބަދަލު ފެންނާނެ އަޕްޑޭޓް ރިލީޒް ކަމަށް ބްލޫމްބާގްގެ މާކް ގުރްމަން ބުނެފިއެވެ.

މާކް ގުރްމަން އަކީ ބްލޫމްބާގް ނިއުސްގައި މަސައްކަތް ކުރާ މަޝްހޫރު ނޫސްވެރިޔާ އަދި ޓެކް އިންޑަސްޓްރީގެ އިންސައިޑަރެކެވެ. އެޕަލް އާއި ކޮންސިއުމާ ޓެކްނޮލޮޖީގެ ދާއިރާއިން އޭނާ ފާހަގަކޮށްލެވޭ އިރު، ހާއްސަކޮށް އެޕަލްގެ ޕްރޮޑަކްޓް ޕްލޭންތަކާއި ކުރިއަށް ހުރި ރިލީޒްތަކާ ބެހޭ ގޮތުން އޭނާ ނެރޭ ސައްހަ ރިޕޯޓްތަކުގެ ސަބަބުން އޭނާއަކީ މި ދާއިރާގައި ފާހަގަކޮށްލެވޭ ރިޕޯޓަރެކެވެ.

އެޕަލްގެ މަސްދަރުތަކާ ހަވާލާދީ ގުރްމަން ބުނީ އައިއޯއެސް 18 އަކީ އެ ކުންފުނީގެ ތާރީހުގައި ވެސް އައިއޯއެސްގެ އެންމެ ބޮޑު އަޕްޑޭޓެއް ކަމަށް ބެލެވޭ ކަމަށެވެ. ވަކިވަކި ތަފްސީލްތައް ދީފައިނުވި ނަމަވެސް، އެ އަޕްޑޭޓްގައި ހިމެނޭނެ ކަމަށް ބެލެވޭ މައިގަނޑު ދެ ސިފައަކަށް ގުރްމަންވަނީ އަލިއަޅުއްވައިލައިފައެވެ.

އެގޮތުން އޭނާ ފުރަތަމަ ފާހަގަކޮށްފައިވަނީ އައިއޯއެސް 18 ގައި ގެންނަ އެންމެ އާދަޔާ ޚިލާފު އެއް އަޕްޑޭޓް ކަމަށްވާ ރިޗް ކޮމިއުނިކޭޝަން ސާވިސަސް (އާރްސީއެސް) މެސެޖިން ސަޕޯޓެވެ. މި އަޕްޑޭޓާއެކު މިހާރު ބޭނުންކުރާ އައިމެސެޖް ބަދަލުވެގެންދާނީ އާރުސީއެސް އަށެވެ. އޭގެ ސަބަބުން ހައި ރިޒޮލިއުޝަން ފޮޓޯ އާއި ވީޑިއޯ ޝެއާ ކުރުމާއި ޓައިޕިން އިންޑިކޭޓާސް އަދި އިމްޕްރޫވްޑް ގްރޫޕް ޗެޓް ފަދަ ފީޗާތައް ލިބިގެންދާނެއެވެ.

އައިއޯއެސް 18 ގައި އާރްސީއެސްގެ ސަޕޯޓް އައުމަކީ އައިފޯނާއި އެންޑްރޮއިޑް ޑިވައިސްތަކުގެ މެދުގައި މުއާމަލާތްކުރުމަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމެއް ކަމަށް ވެސް ގުރްމަން ވަނީ ބުނެފައެވެ.

އަނެއް އަޕްޑޭޓްގެ ގޮތުގައި ގްރްމަން ފާހަގަކޮށްފައިވަނީ ޖެނެރޭޓިވް އޭއައި އާއެކު ސްމާޓް ސިރީއެވެ. ގުރްމަން އުންމީދު ކުރަނީ އައިއޯއެސް 18 ގެ ސަބަބުން ސިރީ އާއި މެސެޖްސް އެޕް ވެސް ކުރިއެރުވުމަށް ޖެނެރޭޓިވް އޭއައި ޓެކްނޮލޮޖީގެ ބޭނުން ހިފާނެ ކަމަށެވެ.

މިކަމުގެ ސަބަބުން ސިރީއަށް މިހާރަށްވުރެ ރަނގަޅަށް ވިސްނައި، ކޮމްޕްލެކްސް ސުވާލުތަކަށް ޖަވާބު ދިނުމަށް މަގުފަހިވެގެންދާއިރު، މެސެޖްސް އެޕްލިކޭޝަނުން އޮޓޯ-ކޮމްޕްލިޝަން އަދި ސުވާލުތަކަށް ޖަވާބު ދިނުމުގެ ޤާބިލުކަން އިތުރުވެގެން ދާނެއެވެ.

މިއީ އައިފޯން ޔޫޒަރުންނަށް ބޮޑު ބަދަލެއްގެ އިހްސާސް ގެނުވާނެ އަޕްޑޭޓަކަށްވީ ނަމަވެސް މި އަޕްޑޭޓް ރިލީޒް ކުރާނެ ވަކި ތާރީޚެއް އެޕަލްއިން ވެސް، ގުރްމަން ވެސް ބުނެފައެއް ނުވެއެވެ. ގުރްމަން ބުނީ ކުރިއަށް އޮތްތަނުގައި އިތުރު ތަފްސީލުތައް ހިއްސާކުރާނެ ކަމަށެވެ.

އެހެން ބައެއް ރިޕޯޓްތައް ބުނާގޮތުން އައިއޯއެސް 18، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނެރޭނެ ކަމަށް ބެލެވޭއިރު، ޖޫންމަހު އޮންނަ އެޕަލްގެ ޑަބްލިއުޑަބްލިއުޑީސީ ކޮންފަރެންސްގައި، ފުރަތަމަ ޑިވެލޮޕަރު ބީޓާ ނެރޭނެއެވެ.