03 Feb 2024, 10:49
ޣައްޒާގެ 17000 ކުދިން ތިބީ އެ ކުދިންގެ އާއިލާއާ ވަކިވެފައި ކަމަށް އދ ގެ ކުޑަކުދިންނާބެހޭ އިދާރާ، ޔުނިސެފުން ބުނެފިއެވެ.
ފަލަސްތީނަށް ކަނޑައަޅައިފައި ހުންނަ ޔުނިސެފްގެ މަންދޫބު ޖޮނަތަން ކްރިކްސް ވިދާޅުވީ އާއިލާއާ ވަކިވެފައި ތިބި އެ ކުދިންނަކީ ހަނގުރާމައާ އެއްވެސް ވަރަކަށް ގުޅުން ހުރި ކުދިން ނޫން ނަމަވެސް އެ ކުދިންނަށް މިއަދު ވަނީ އެ ހިތާމަ ތަހައްމަލުކުރަން ޖެހިފައި ކަމަށެވެ. އަދި މެދުކެނޑުމެއްނެތި ހަމަލާތައް ދޭތާ ގާތްގަޑަކަށް ހަތަރު މަސް ފާއިތުވާން ދާއިރު، ޣައްޒާގައި މި ވަގުތު ދިރިއުޅޭ ކޮންމެ ކުއްޖަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުއްޖެއް ކަމަށްވެސް ކްރިކްސް ވިދާޅުވިއެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހު ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާތައް ދޭން ފެށުމުގެ ކުރިން ވެސް ޣައްޒާގެ ގާތްގަޑަކަށް 500،000 ކުދިން ތިބީ ނަފްސާނީ އެހީތެރިކަން ބޭނުންވެފައި ކަމަށް ކްރިކްސް ފާހަގަކުރެއްވިއެވެ.
ހަމަލާތައް ދޭން ފެށިފަހުން ނަފްސާނީ އެހީތެރިކަން ބޭނުންވެފައި ތިބި ޣައްޒާގެ 40،000 އަށްވުރެ ގިނަ ކުދިންނަށް ޔުނިސެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުގެ ފައުޖުތަކުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 27،019 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގައި ޒަހަމްކޮށްލައިފައިވާ މީހުންގެ އަދަދު 66،139 އަށް ވަނީ އުފުލިފައެވެ.
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަމުގެ އިތުރުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންނަށް ވަނީ އެ މީހުންގެ އަމިއްލަ ގެދޮރު ދޫކޮށްލަން މަޖުބޫރުވެފައެވެ. ޣައްޒާގެ އުމުރާނީ ތަރައްގީގެ 60 އިންސައްތަ ވަނީ ސުންނާފަތިވެފައެވެ.